އިވާން ރިޑްލީއަކީ އިނގެރޭސިވިލާތުގެ ނޫސްވެރިޔެކެވެ. ސަންޑޭ އެކްސްޕްރެސްގެ ރިޕޯޓަރެކެވެ. ޖިންސުންލަޠީފެކެވެ. ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުޚީއަކަށް އެންމެ ފުރަތަމަ އޭނާގެ ނަން ވެގެން ދިޔައީ 28 ސެޕްޓެމްބަރ 2001 ގައެވެ. އޭނާ ސިއްރުން އަފްޣާނިސްތާނަށް ވެދެވަޑައިގަތުމުންނެވެ. އޭނާ އަފްޣާނިސްތާނަށް އަރައިވަޑައިގަތުމާއެކު ޠާލިބާނުންގެ އަތްދަށުގައި އޭނާ ހައްޔަރުވެވަޑައިގެންފިއެވެ. ޠާލިބާނުން އޭނާ ދޫކޮށްލީ ދިހަ ދުވަސް ފަހުންނެވެ. ނަމަވެސް އޭނާ ޠާތިލާބުންގެ ޖަލުގައި ހޭދަކުރެއްވި ދިހަ ދުވަހުގެ ތެރޭގައި އޭނާގެ ހަޔާތްޕުޅަށް ވަނީ ވަރަށް ބޮޑު އިންޤިލާބެއް އައިސްފައެވެ. އޭނާގެ ދިރިއުޅުއްވުމުގެ މިސްރާބު ވަނީ ބަދަލުވެފައެވެ. ދުނިޔެއާއި ދުނިޔޭގެ މައްސަލަތަކާމެދު އޭނާ ވިސްނައިވަޑައިގަންނަވާ ގޮތް ވަނީ ކުރިޔާ މުޅިން ތަފާތުވެފައެވެ. މިހާރު އޭނާވަނީ އިސްލާމްދީން ޚިޔާރުކުރައްވައިފައެވެ. ކުރިން އުޅުއްވި ޕްރޮޓެސްޓެންޓް ކްރިސްޓިއަން ދީން ދޫކޮށްލެއްވުމަށް ފަހުގައެވެ.
އިވާން ރިޑްލީ އަފްޣާން ޖަލުގައި ހުންނެވިއިރު އިސްލާމްދީން ޤަބޫލުކުރައްވާތޯ؟ ޠާލިބާނުން ވާހަކަދެއްކިއެވެ. ރިޑްލީ ވެސް ވަނީ އޭނާއަށް މިނިވަންކަން ލިބިވަޑައިގަތުމަށްފަހު ކީރިތި ޤުރްއާން މުޠާލިޢާކުރައްވަން ވަޢުދުވެވަޑައިގެންފައެވެ. ޠާލިބާނުން އޭނާއަށް އެއްވެސް ގެއްލުމެއްނުދީ އޭނާ މިނިވަން ކޮށްދިނެވެ. އެހެން ކަމުން ރިޑްލީ ވެސް އޭނާގެ ވަޢުދު ފުއްދެވިއެވެ. ކީރިތި ޤުރްއާން މުޠާލިޢާ ކުރެއްވިއެވެ.
ރިޑްލީ ޖަލުން ސަލާމަތްވެވަޑައިގެންނެވުމަށްފަހު ކިޔަވާ ކުދިންގެ ވަފުދަކާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވެއެވެ. "އަހަރެން ހައްޔަރުކުރި މީހުން އަހަންނާ މުޢާމަލާތްކޮށްފައިވަނީ އޯގާވެރިކަމާއި، ކަމޭހިތުމާއެކުގައެވެ. ހަމްދަރުދީއާއި އިޙްތިރާމާއެކުގައެވެ. އެހެންކަމުން އޭގެ ބަދަލުގައި އަހަރެންވެސް އަހަރެންގެ ވަޢުދަށް ޙުރުމަތްތެރިކޮށް ހިތީމެވެ. އެބައިމީހުންގެ ދީން މުޠާލިޢާކުރަން ފަށައިފީމެވެ." މިގޮތުން ރިޑްލީ ފެށްޓެވި ރޫޙާނީ ދަތުރު ނިމިފައިވަނީ 30 ޖޫން 2003 ގައި އިސްލާމްދީން ޤަބޫލުކުރެއްވުމާ ހަމައިންނެވެ.
ރިޑްލީ އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އެއްފަހަރަކު ވިދާޅުވެފައިވެއެވެ. "ކާބުލްގެ ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔަ ދުވަހެއްވެސް ދިޔައެވެ. އެދުވަހު އަހަންނަށް އަހަރެންގެ ނަފުސު ނުހިފެހެއްޓިގެން އަހަރެން ހައްޔަރު ކުރި މީހުންގެ މޫނަށް ކުޅުޖެހީމެވެ. އެބައިމީހުންނަށް ހަޑި ހުތުރު އެއްޗެހި ގޮވީމެވެ. އަހަރެން ހުރީ ވަރަށް ނުބައިކޮށް އެކަމުގެ ބަދަލު ލިބިގަންނަން ޖެހޭނެ ކަމަށް ހީކޮށެވެ. އަހަންނަށް ޢަމަލުކުރެވުނީ އެބައިމީހުން ރުޅިއަންނަން ޖެހޭނެގޮތަށެވެ. ނަމަވެސް އެމީހުން ބުނީ އަހަންނަކީ އެމީހުންގެ އުޚުތެއް ކަމުގައްޔާއި މެހްމާނާއެއް ކަމުގައެވެ."
އެމެރިކާ ސިފައިންނާއި، އިނގެރޭސި ސިފައިން ޢިރާގުގެ ޖަލުމީހުންނަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ރިޑްލީގެ މައްސަލަ ވެފައިވަނީ ކޮންމެ މީހަކުވެސް ވިސްނައިލަންޖެހޭ ފަދަ މައްސަލައަކަށެވެ. ރިޑްލީގެ މައްސަލައާއި، ޢިރާޤުގެ ގައިދީންގެ މައްސަލާގައިވަނީ ދެ ތަހްޒީބެއްގެ ޙަޤީޤީ ތަޞްވީރު ދުނިޔޭގެ ލޯތަކަށް ހާމަވެގެން ގޮސްފައެވެ. އެއް ތަހްޒީބެއް ތަމްސީލުކުރާ ބަޔަކީ މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޝަރަފުވެރި މަޤާމާބެހޭގޮތުން އަޑުއަރުވަމުންގެންދާ އެމެރިކާނުންނާއި، އިނގެރޭސީންނެވެ. ނަމަވެސް އެބައިމީހުން ހައްޔަރިކޮށްފައިވާ ޖަލުމީހުނާ މެދު މުއާމަލާތް ކޮށްފައިވަނީ އެންމެ ނާތަހްޒީބު މީހުންވެސް ލަދުގަންނަން ޖެހޭ ފަދަ ގޮތްގޮތަކަށެވެ. އަނެއްކޮޅުން "އަންހެނުންގެ ޙައްޤުތައް ނިގުޅަމުން ގެންދާ، ހައްދުފަހަނައަޅައިފައިވާ ނިރުބަވެރި ބައެއް" ކަމުގެ އިލްޒާމް އަޅުވައިފައިވާ ޠާލިބާނުން އެބައިމީހުންގެ ރީތި ސްލޫކުން ވަނީ ހުޅަނގުގެ ޖިންސުންލަޠީފެއްގެ ހިތް މިލްކުކޮށްފައެވެ. އާދައިގެ ސީދާސާދާ އަންހެނެއް ނޫނެވެ. ޒަމާނީ ތަޢުލީމު ލިބިގެން އިން، ވިސްނުންތެރި، ކެރޭ އަންހެނެކެވެ. ޝައްކެއްނެތެވެ. "ޠާލިބާނުން" މިނަމަކީވެސް ބައެއް މީހުން ދެކޭގޮތުގައި ބަދު ބަހެކެވެ. ނަމަވެސް އިސްލާމްދީނުގެ އިރުޝާދުތަކަށް ޢަމަލުކުރުމުގައި ހިމެނޭ ޖާދުވީ އަސަރު އެބައިމީހުންނަށްވަނީ މަތިހަށިނަގައިގެން ތިބެ ވާހަކަދެއްކުމުގެ ޙައްޤު ލިބިދީފައެވެ.
އިވާން ރިޑްލީ ބަޔާންކުރައްވާ ގޮތުގައި މިހާދިޘާއާ ގުޅިގެން އޭނާގެ ނޫސްވެރިކަމުގެ މަސައްކަތްޕުޅުވަނީ ރޭޑިޔޯއާއި ޓެލެވިޒަނާ ހަމަޔަށް ފުޅާވެފައެވެ. 2001މ. ގެ ފަހުން އޭނާ ވަނީ ދެ ފޮތެއްވެސް ލިޔުއްވައިފައެވެ. އޭގެ ތެރެއިން އެއް ފޮތަކީ In the Hands of Taliban އެވެ. އެފޮތުގައި ވަނީ ޠާލިބާނުންނާއެކު އޭނާ ކުރައްވައިފައިވާ ތަޖްރިބާގެ ވާހަކައެވެ. އަނެއް ފޮތަކީ Ticket to Paradise އެވެ. އެފޮތް ލިޔުއްވައިފައިވަނީ ވާހަކައެއްގެ ގޮތަށެވެ.
ސަޢުދީ އަރަބިއްޔާގެ ވުޒާރަތުލް ޙައްޖު ވަލް އައުޤާފުން އަރަބިބަހާއި އިނގެރޭސިބަހުން ނެރުއްވާ ރީތި އަދި އިތުބާރުހުރި މަޖައްލާއެއް ކަމުގައިވާ "އަލްޙައްޖު ވަލްޢުމްރާ" ގެ ޖޫން 2004 ގެ ޢަދަދުގައި އިވާން ރިޑްލީގެ ޚާއްޞަ އީމެއިލް ބަސްދީގަތުމެއް ވަނީ ޝާއިޢުކުރައްވައިފައެވެ. ތިރީގައި މިވަނީ އެބަސްދީގަތުމުގެ ތަރުޖަމާއެއްގެ ތަރުޖަމާއެކެވެ.
ސުވާލު: ކަލާ އިސްލާމްވެވަޑައިގަތުމުގެ ކުރިން އިސްލާމްދީނާ ބެހޭ ގޮތުން ކަލާއަށް މަޢުލޫމާތު ލިބިވަޑައިގެންފައިވަނީ ކިހައިވަރަކަށްތޯއެވެ؟
ޖަވާބު: އަޅުގަނޑަށް އިސްލާމްދީނާ ބެހޭ މަޢުލޫމާތު އެނގެނީ ވަރަށް ކުޑަކޮށެވެ. އެނގޭ މިންވަރަކީވެސް ސިފަހުތުރުކޮށްފައިވާ މަގުއޮޅުވައިލުމުގެ މަޢުލޫމާތުކޮޅެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ.
ސުވާލު: ކަލާ ވިދާޅުވާ ގޮތުގައި އެގާރަ ސެޕްޓެމްބަރގެ ޙާދިޘާއަކީ މުސްލިމުންނަށް ވަރަށް ގެއްލުންހުރި ޙާދިޘާއެއް ކަމުގައި ވިޔަސް އިސްލާމްދީނަށް ޓަކައި އެއީ ވަރަށް ފައިދާ ހުރި ކަމެއް ކަމުގައިވެސްވެއެވެ. ކަލާގެ އެވާހަކަފުޅުގެ މަޠްލަބަކީ ކޮބައިތޯއެވެ؟
ޖަވާބު: އެގާރަ ސެޕްޓެމްބަރ ގެ ޙާދިޘާއިން އިސްލާމްދީނަށް ލިބުނު ގެއްލުމަކީ މުސްލިމުންނާމެދު ނަފުރަތާއި، ކުށްހީތަށް އިތުރުވެގެން ދިޔުމެވެ. އެކަން އެހެން ވާން ޖެހޭ އެއްވެސް ޙަޤީޤީ ސަބަބެއް ނެތެވެ. މިޔަށްވުރެވެސް ނަފްރަތު ކުރަން ޖެހޭ ކަމަކީ އެޙާދިޘާއިން އެހީ ހޯދައިގެން މުސްލިމުން ފަހައިދުވާއިރު މަޅައިގަންނަ ލަޓިގަނޑެއްގެ ގޮތުން އެޙާދިޘާގެ ބޭނުންކުރެވޭ ކަމެވެ. ކަންމިހެން ހުރުމާއެކުވެސް އެޙާދިޘާއިން އިސްލާމްދީނަށް ކުރި ފައިދާއަކީ އަޅުގަނޑު ކަހަލަ އިސްލާމްދީނާބެހޭ މަޢުލޫމާތެއް ނެތް އެތައް ހާސް ބަޔަކު އިސްލާމްދީނާ ބެހޭގޮތުން ވީހާ ގިނަ މަޢުލޫމާތުތަކެއް ހޯދަން މަސައްކަތް ކުރަމުންގެންދާ ކަމެކެވެ. ކީރިތި ޤުރްއާނާއި އެނޫންވެސް އިސްލާމީ ލިޓްރޭޗަރ ކިޔަން ފަށައިފައިވާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމްދީނަކީ މިހާރު ދުނިޔޭގައި އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ ދީންކަމުގައި ވަނީވެފައެވެ. ސީދާ އިނގެރޭސިވިލާތުގައިވެސް އެގާރަ ސެޕްޓެމްބަރ ގެ ފަހުން ދޮންމީހުންގެ ސާދަހާހަށްވުރެ ގިނަ މީހުންވަނީ އިސްލާމްވެފައެވެ. ކުރީއްސުރެ އިސްލާމްދީން މަތީގައި ތިބި އެތައްބަޔަކުވެސް ގެންދަނީ އެބައިމީހުންގެ އީމާންކަން އަލުން ތާޒާކުރަން މަސައްކަތް ކުރަމުންނެވެ.
ސުވާލު: އިސްލާމްދީން އަންހެނުންނަށް ދީފައިވާ ޙައްޤުތަކާ މެދު ކަލާގެ އަމިއްލަފުޅު ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟
ޖަވާބު: ދިނާ އޮންނަ ގުޅުމާއި، ފަރުދުންގެ އަހައްމިއްޔަތާއި، ޢިލްމު ހޯދުމުގެ ޙައްޤަށް ބަލާއިރު އަންހެނުންނާއި، ފިރިހެނުން ހަމަހަމަކަން ކީރިތި ޤުރްއާނުގައިވަނީ ވަރަށް ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ. މީގެ އިތުރަށް ކުދީން ވިހެއުމާއި، އެކުދީން ތަރުބިޔަތު ކުރުމުގެ ޒިންމާއާބެހޭގޮތުންވެސް އަންހެނުންނަށް ވަނީ ތާރީފުކުރައްވައިފައެވެ. އަޅުގަނޑު ދެކޭގޮތުގައި މިކަންކަންވަނީ އަޅުގަނޑުމެން އިންސާނިއްޔަތުގެ އެންމެމަތީ ދަރަޖައަށް އުފުލައިފައެވެ.
ނުނިމޭ
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު