މި މަހު ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ މިމަހުގައި ހޫނުމިން އާންމުގޮތެއްގައި ހުންނާނީ 29.7 ޑިގްރީ ސެލްސިއަލް އާއި 31.5 ޑިގްރީ ދެމެދުގައި ކަމަށެވެ. އަދި މިމަހު އެންމެ ގަދަޔަށް ހޫނު ވާނީ މެންދުރު ފަހު 1:30 އާއި 2:00 ޖެހުމާ ދޭތެރޭފައި ކަމަށެވެ.
"މި މަހަކީ މިއަހަރުގެ އެންމެ ހޫނު މަސް، އެހެން މަސްތަކަށްވުރެ މިމަހުގެ ހޫނުމިން މަތިވާނެ، އާންމު ގޮތެއްގައި މި ހުންނަނީ 29.7 ޑިގްރީ ސެލްސިއަސްގައި. ރާއްޖެ ކަހަލަ ގައުމަކަށް ބަލާއިރު އެއީ ވަރަށް ހޫނު. ބައެއް ދުވަސްތަކުގައި 29 ޑިގްރީ ސެލްސިއަށްވުރެ މައްޗަށް އަރާނެ. އެއީ މެންދުރު 1:30 އިން ފެށިގެން 2:00 ޖެހުމާ. އެވަގުތު 29 ޑިގްރީ ސެލްސިއަސް އާއި 31.5 ޑިގްރީ ސެލްސިއަށް މަތިވާނެ. މޫސުމަކީ ޕްރިޑިކްޓް ކުރާ އެއްޗެއް، ސީދާ ބުނާކަށް ނޭނގޭނެ އެހެން ޔަގީންކޮށް އެއީ ހަމަ ލަފާކުރެވޭ ގޮތް. މި ހަފުތާގެ ކުރީކޮޅު 31.7 ޑިގްރީ ސެލްސިއަސްގައި ވެސް ހުރި ހޫނުމިން، އެކަމަކު އާއްމު ގޮތެއްގައި އުޅެނީ ކުރިން ދެންނެވި އަދަދުތަކުގައި" އޮފިޝަލް ވިދާޅުވިއެވެ.
މިދުވަސްވަރު ހޫނުމިން ގަދަވަނީ ވައި މަޑުވެފައި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށެވެ.
"އިރުވައި މޫސުން މި އުޅެނީ ހުޅަނގު މޫސުމަށް ބަދަލުވާން. އިރުވައި މޫސުން ހުޅަގަށް ބަދަލުވާއިރު ހޫނު ގަދަވާނެ. އެހެން ގޮތަކަށް ބުނާނަމަ ކުރިއަށް އޮތް މަހުގައި މޫސުން ގޯސްވެދާނެ،" އޮފިޝަލް ވިދާޅުވިއެވެ.
މިއަދު އެންމެ ހޫނުގަދަ ވެފައިވަނީ ކައްދޫއަށެވެ. އެއީ 32 ޑިގްރީ ސެލްސިއަސް އަށެވެ. ދެން އެންމެ ހޫނު ގަދަ ވެފައިވަނީ ހުޅުލޭ ނުވަތަ މާލޭ ސަރަހައްދަށެވެ. މާލެ ސަރަހައްދުގެ ހޫނުމިން މިއަދު ހުރީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އައްޑޫ ސިޓީ ގަމުގެ ހޫނުމިން 31.1 ޑިގްރީ ސެލްސިއްސްގައި ހުރިއިރު ކާޑެއްދޫ ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ.