ނޭޝަނަލް ފުޓްބޯޅް ސްޓޭޑިއަމް، ގަލޮޅު ދަނޑު އާ ކުރުމުގެ މަޝްރޫއާ ބެހޭގޮތުން ސުވާލުކުރުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ހުށަހެޅުއްވި ލިޔުމުގައި ވަނީ އިންޑިއާގެ ލައިން އޮފް ކުރެޑިޓް (އެލްއޯސީ)ގެ ދަށުން، ގަލޮޅުދަނޑު އާ ދަނޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމައި އެކަން އިއުލާނު ކޮށްފައިވާއިރު، މާލޭގެ ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންނާ އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"މަޝްރޫއު ކުރިއަށް ގެންދާއިރު އާއްމުންނާ މަޝްވަރާކުރުމަށް ގަސްތު ކުރައްވަނީ ކޮން އިރަކުންތޯ؟ އަދި މާލޭ މެދުގައި މި ދަނޑު ތަރައްގީ ކުރުމުގެ ބަދަލުގައި މި ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުޔެއް ގެންނަން ނުވިސްނަވަންތޯ؟" މީކާއިލް ވިދާޅުވިއެވެ.

މާލޭގައި އޮތް ޒަމާންވީ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ތަޅާލައި އެ ބިމުގައި އަޅަން ނިންމާފައިވާ އާ ސްޓޭޑިއަމްގެ ހިތްގައިމު ކުރެހުންތައް މަހުލޫފް އާންމު ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިނިސްޓަރު ހިއްސާކުރެއްވި ކުރެހުމުގައިވާ ގޮތުން ސްޓޭޑިއަމްގެ ޑިޒައިނުގައި ބޭރު ފުށުގައި އާކިޓެކްޗަރަލް ހިތްގައިމު ޑިޒައިނެއް ހިމެނިފައިވާ އިރު، ޑިޒައިނުގެ ކުލަތަކަކީ ގައުމީ ދިދައިގެ ކުލަތަކެވެ. އެއީ ފެއްސާއި ރަތާއި ހުދެވެ.

އެ ކުރެހުން ހިއްސާ ކުރުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ މަހުލޫފަށް އަމާޒުވެފައެވެ. އެގޮތުން ދަނޑު ހުރި ސަރަހައްދަކީ މާލޭ ސިޓީގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދަށްވުމުން، ދަނޑުގެ މަސައްކަތް ކުރާއިރު ޓްރެފިކަށް ދަތިވާނެ ކަމަށާއި ދަނޑުގެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާ ކުރައްވާފައިނުވާ ކަމަށެވެ.

ގައުމީ ދަނޑުގެ ޖާގަ ބޮޑުކޮށް މަރާމާތު ކުރުމުގެ ވާހަކަ މީގެ ކުރިންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވާ އިރު، އެކަން ކުރަން ގަސްދު ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ލޯނު އެހީތެރިކަމެއްގެ ދަށުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ސްޓޭޑިއަމް ތަރައްގީކުރާނީ ގާތްގަނޑަކަށް 12،000 ސަޕޯޓަރުންގެ ޖާގައިގައެވެ. ސްޓޭޑިއަމްގެ މަސައްކަތް މިއަހަރު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ގައުމީ ސްޓޭޑިއަމް ވަރަށް ބޮޑަށް ބާވެފައިވުމާއެކު ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ގައުމީ ދަނޑު އާކޮށް، އަލުން ހަދަން ޕްލޭނެއް އޮތް ކަމަށް ވިދާޅުވެފައެވެ. ގައުމީ ސްޓޭޑިއަމަކީ ކުރިން 12،000 މީހުންނަށް ވަދެވޭ ދަނޑެއް ނަމަވެސް ޒަމާނީ ގޮނޑިތައް ހަރުކުރުމާއެކު އެ އަދަދު 8000 އަށް ވަނީ ތިރިވެފައެވެ.

1980 ގެ އަހަރުތަކުގައި އިމާރާތް ކުރި ގައުމީ ދަނޑު އޭގެ ފަހުން ޒަމާނީކޮށް މަރާމާތު ކުރީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އޭރު 8000 މީހުންނަށް ވަދެވުނު ނަމަވެސް ސިޑިބަރީގެ ބައެއް ދިމަދިމާލުގައި ރެނދުލުމާ ގުޅިގެން ސަލާމަތީ ގޮތުން ބަލައި ދަނޑަށް މިހާރު ވަދެވެނީ 5000 މީހުންނަށެވެ.