މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ އެކު ރާއްޖޭގައި ގާއިމުކުރާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް މިއަހަރު ފަހުކޮޅު އިފުތިތާހުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
ޗެކު ބޭނުންކުރުން މަދުކުރަން ބާރުއެޅުމަށް އެމްއެމްއޭއިން އަލަށް އަމަލުކުރަން ފަށާ އެކްޝަން ޕްލޭނާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ހައްވާ ލަތީފު ވިދާޅުވީ ޕޭމެންޓް ސިސްޓަމް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އިންޓާނަލް ޓެސްޓުތަކުގެ މަސައްކަތް ކަމަށެވެ.
އަދި ޕޭމަންޓް ސިސްޓަމުގެ ދެން އޮތް މަރުހަލާއަކީ ބޭންކުތަކާއި ގުޅިގެން އިންޓަގްރޭޓެޑް ޓެސްޓުތައް ކުރިއަށް ގެންދިއުން ކަމަށާއި އެމްއެމްއޭގެ އަމާޒަކީ މިއަހަރުގެ ފަހުކޮޅަށް އެ ސިސްޓަމް އިފުތިތާހުކުރުން ކަމަށް ވިދާޅުވިއެވެ.
މި ޕޭމަންޓް ސިސްޓަމާ އެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަކަމާ އެކު ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްދޭ ފަރާތްތަކަށް އެ ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމައަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މިއަދުގެ ބައްދަލުވުމުގައި ޗެކު ބޭނުންކުރުން މަދުކުރަން އެމްއެމްއޭއިން ބޭންކުތަކާއި ގުޅިގެން މިދިޔަ އަހަރު އެކުލަވާލި އެކްޝަން ޕްލޭނާ ބެހޭގޮތުންވެސް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަންނަ އަހަރު އަމަލުކުރަން ފަށާ އާ އެކްޝަން ޕްލޭނުގައިވާ ގޮތުން އެމްއެމްއޭގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް މާލީ މުއާމަލާތްތަކުގައި ރާއްޖޭގައި ޗެކުބޭނުން ކުރުން ވީހާވެސް މަދުކޮށް ޑިޖިޓަލް ޕޭމަންޓް ސިސްޓަމަށް ބަދަލުވުމެވެ.
އެމްއެމްއޭއިން ބުނީ، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކުތަކުން ޗެކު ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެޅި ތަފާތު ފިޔަވަޅުތަކުގެ ސަބަބުން އަހަރެއްގެ ތެރޭގައި ރާއްޖޭގައި ޗެކު ބޭނުންކޮށްގެން ކުރާ ފައިސާގެ މުއާމަލާތްތަކުގެ 50 ޕަސެންޓް މަދުކުރެވިފައިވާ ކަމަށެވެ.
އަދި އެމްއެމްއޭގެ 2024ގެ އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޗެކު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ އެންމެ ބޮޑު އަދަދު ކަމަށް 2020 ވަނަ އަހަރު ކަނޑައަޅާފައި އޮތް ލިމިޓަށްވެސް ބަދަލު ގެންނަން ވަނީ ނިންމައފައެވެ.
އެމްއެމްއޭއިން 2020ގައި ކަނޑައެޅި ލިމިޓަކީ ދިވެހި ރުފިޔާއިން ނަމަ 100،000ރ އަދި ޑޮލަރުން ނަމަ 5،000 ޑޮލަރެވެ. ނަމަވެސް އަންނަ އަހަރު އަމަލުކުރާނެ ލިމިޓަކީ ދިވެހި ރުފިޔާއިން ނަމަ 50،000ރ އަދި ޑޮލަރުންނަމަ 3،000 ޑޮލަރު ކަމަށް އެމްއެމްއޭ އިން ވަނީ ކަނޑައަޅައިފައެވެ. އެ ލިމިޓަށް ވުރެ ބޮޑު އަދަދަކުން މުއާމަލާތް ކުރާ ނަމަ ބޭނުން ކުރަންޖެހޭނީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެވެ.