ޓެކްސީ ދަތުރުތަކަށް ފައިސާ ދައްކާ އިރު، އެ ދަތުރަކަށް ދޭން އެޕްލިކޭޝަނުން ދައްކާ އަގު ދެއްކުމަށް ޓެކްސީ ހޯދުމަށް ޓެކްސީ އެޕްލިކޭޝަން އަވަސް ރައިޑުން އިލްތިމާސްކޮށްފިއެވެ.
އަވަސް ރައިޑުން އެގޮތަށް އިލްތިމާސްކުރި އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ އެކު ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރަން މިދިޔަ މަހު ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރަށް ޑިމާންޑުކޮށް، އިހުތިޖާޖުކޮށްފައެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ހުށަހެޅި އަގުތަކަށް ޓްރާންސްޕޯޓުން އެއްބަސްނުވުމުން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ބޮޑު އަގުގައި ދަތުރުތައް ކުރަން ފަށައިފައެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުގައި ދަތުރުކޮށްދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ. ނަމަވެސް އިންޒާރުތަކާއެކުވެސް ބައެއް ޑްރައިވަރުން ދަނީ ބޮޑު އަގުގައި ދަތުރުކުރަމުންނެވެ.
އެކަމާ ގުޅިގެން އަވަސް ރައިޑުން އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އިއްޔެ ފޮނުވި މެސެޖެއްގައި ވަނީ އެޕުން އެ ދަތުރަކަށް ދައްކާ އަގު ނޫން އަގެއް ޑްރައިވަރުންނަށް ނުދޭން އިލްތިމާސްކޮށްފައެވެ. އަދި ބޮޑު އަގުގައި ދަތުރުކުރުމަށް އެ ފަރާތުން ހިތްވަރު ނުދޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު