ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރުއާން ކޮމްޕެޓިޝަން 2022ގެ ފައިނަލް ބުރުގައި ރާއްޖެ ތަމްސީލު ކުރި، އަލްހާފިޒު އަހުމަދު ނަބީހުގެ ކިޔެވުން ރެކޯޑުކުރުމުގެ ޝައުގުވެރިކަން ދުބާއީގެ ރޭޑިއޯ ޗެނަލަކުން ފާޅުކޮށްފިއެވެ.
ދުބާއީގައި ބާއްވާ އިންޓަނޭޝަނަލް ގުރުއާން މުބާރާތަށް ދިއުމަށް އޯޓިޒަމް ހުންނަ ނަބީހު ފުރާފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ތަމްސީލު ކުރާ ތިން މީހުންގެ ތެރޭގައި ނަބީހު ހިމެނެއެވެ. ނަބީހު ވަނީ މުބާރާތުގެ ފައިނަލް ބުރުގައި ކިޔަވައިފައެވެ. މުބާރާތުގައި ނަބީހުގެ ކިޔެވުން އަޑުއަހާފައި އޭނާއަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފައެވެ.
ދުނިޔޭގެ މަޝްހޫރު ގާރީން ކިޔަވާގޮތަށް ގުރުއާން ކިޔެވުމުގެ ހުނަރު ލިބިފައިވާ ނަބީހަށް ހިތްވަރުދެއްވައި، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރޭ ކުރެއްވި ޓުވީޓެއްގައި ނަބީހުގެ ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނަބީހަށް ދުބާއީގެ ރޭޑިއޯ ޗެނަލަކުން އޭނާގެ ކިޔެވުން ރެކޯޑު ކުރުމުގެ ފުރުސަތު ލިބިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ ނަބީހު މިހާރު ހުރީ މި މުބާރާތުގެ ނަތީޖާ ފާޅުކުރާ ހަފުލާގައި ރާއްޖެ ފަހުރުވެރިވާ ފަދަ ވަނައެއް ހާސިލުކުރުމުގެ ފޮނި އުއްމީދުގައި ކަމަށެވެ.
މިހާރު އުމުރުން 19 އަހަރުގެ ނަބީހު، ކީރިތި ގުރުއާން ހިތުދަސްކުރީ ތިން މަސް ދުވަހުގެ ތެރޭގައި އޭނާގެ އުމުރުން 14 އަހަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު