ޑިއޭގޯ މަރަޑޯނާ

އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހިއިރު، މަރަޑޯނާ ލައިގެން ހުރި ޖާޒީ ނީލަން ކިޔަނީ

ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި އިރު، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ލައިގެން ހުރި ޖާޒީ ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ.

މަރަޑޯނާގެ އެ ޖާޒީ މިވަގުތު އޮތީ އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވް ހޮޖް އަތުގައެވެ. މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމާ އެކު ހޮޖް އަތުން އެ ޖާޒީ ގަންނަން ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް، އޭރު އޭނާ ބުނީ ޖާޒީ ނުވިއްކާނެ ކަމަށެވެ. ނަމަވެސް މިހާރު ހޮޖް ވަނީ ޖާޒީއަށް ބިޑްކުރަން ހުޅުވާލައިފައެވެ. ނޫސްތަކުން ބުނާ ގޮތުން އެންމެ މަދުވެގެންވެސް ހަތަރު މިލިއަން ޕައުންޑް، އެ ޖާޒީގެ އަގު އަރާނެއެވެ.

މިހާރު އުމުރުން 59 އަހަރުގެ ހޮޖްއަށް އެ ޖާޒީ ލިބުނީ އެ މެޗަށްފަހު މަރަޑޯނާއާ އެކު ޖާޒީ ބަދަލުކުރުމުންނެވެ. ހޮޖްއަކީ އިންގްލެންޑާއެކު ދެ އަހަރެއްގެ ވޯލްޑް ކަޕް ކުޅެ، ޖުމްލަ 24 މެޗު ކުޅެފައިވާ މިޑްފީލްޑަރެކެވެ.

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މަރަޑޯނާގެ އެންމެ ފާހަގަކޮށްލެވުނު އެއް މެޗަކީވެސް އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި ކުއާޓާ ފައިނަލް މެޗެވެ. އެ މެޗު އާޖެންޓީނާއިން 2-1 އިން ކާމިޔާބު ކޮށްފައިވާ އިރު، އާޖެންޓީނާގެ ދެ ގޯލުވެސް ޖެހީ މަރަޑޯނާއެވެ. މަރަޑޯނާ އަތުން ޖެހި ގޯލުގެ އިތުރުން ދެން މެޗުގައި ޖެހި ގޯލަކީ ހިތްގައިމު ކޮށްޓުންތަކަކަށް ފަހު ޖެހި ރީތި ގޯލެކެވެ.

އެ މެޗަށްފަހު ގޯލު ޖެހީ އަތުންތޯ ސުވާލުކުރުމުން މަރަޑޯނާ ބުނީ އެއީ " ހޭންޑް އޮފް ގޯޑް" ކަމަށެވެ.