ކ. އަތޮޅު ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ނެތް ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖާބިރު ސުވާލު ކުރެއްވީ، ކާށިދޫގައި އެއާޕޯޓެއް އަޅަން ޕްލޭންކޮށް، އެކަން ކުރާނީ ކޮން އިރަކުންތޯ އާއި އެ މަސައްކަތް ފަށައި ނިމޭނީ ކޮންއިރަކުންތޯ އޮޅުން ފިލުވުމަށެވެ. އަދި އެކަމަށް ދައުލަތުގައި ފައިސާ ނެތިއްޔާ، ކާށިދޫ މެމްބަރާ އެކަން ހަވާލުކުރައްވާނަންތޯ، ވެސް ޖާބިރު ސުވާލު ކުރެއްވިއެވެ. އަދި ކާށީދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ވާއިރު އެ އެއާޕޯޓްގެ މުހިއްމުކަންވެސް ޖާބިރު ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ ކާށީދޫގައި އެއާޕޯޓެއް އަޅަން އަދި ޕްލޭން ކުރެވިފައިނުވާ ކަމަށެވެ. އަދި ކާށިދޫއަކީ ވަކިން އޮންނަ ރަށަކަށް ވެފައި އެރަށުގައި އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕް ކުރާއިރު، އެރަށުގައި އެއާޕޯޓެއް އެޅިދާނެތޯ ސުވާލު ކޮށްލެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޑިވެލޮޕްމެންޓާއެކު ކިހާވަރެއްގެ ޓްރެފިކެއް އޮންނާނެތޯ ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭން ފުރައިގެން ކާށިދޫއަށް ދާނީ މަތިންދާބޯޓަކުންތޯ ވިސްނާއިރު، މިވަގުތަށް ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ފީޒިބިލިޓީއެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.