''ކީޕިން އަޕް ވިތު ދަ ކާޑޭޝިއަން'' ގެ ކާޑޭޝިއަން އާއިލާގެ މެމްބަރު އަދި ''ޕޫޝް'' ވިޔަފާރީގެ ވެރިޔާ ކޯޓްނީ ކާޑޭޝިއަން އާއި ''ބްލިންކް-182'' ބޭންޑުގެ ރޮކް ލަވަކިޔުންތެރިޔާ ޓްރެވިސް ބާކާ ކައިވެނިކޮށްފިއެވެ.
ކޯޓްނީ އާއި ޓްރެވިސް ކައިވެނިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކުރިއަށްދިޔަ ގްރެމީސް 2022 އެވޯޑު ހަފުލާއަށްފަހު އެރޭ ލާސް ވެގަސްގައި ނުރަސްމީކޮށް ‘ވަން ލަވް ވެޑިން ޗެޕަލް’ ގައެވެ. މި ދެތަރިން ލާސް ވެގަސްގައި ކައިވެނިކޮށްފައިވީ ނަމަވެސް ކައިވެނީގެ ލައިސަންސެއް ނުވަތަ ރަސްމީ ލިޔުމެއް ލިބިފައިނުވާ އިރު، އެ ކައިވެންޏަކީ މަޖަލަކަށް ކުރި ކަމެއް ކަމަށް އެކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ވަނީ ބުނެފައެވެ.
މިއީ އުމުރުން 42 އަހަރުގެ ކޯޓްނީ ކާޑޭޝިއަންގެ ފުރަތަމަ ކައިވެންޏެވެ. ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކް އާއެކު ގިނަ އަހަރުތަކެއް ހޭދަކޮށް ތިން ކުދިން ލިބިފައިވީ ނަމަވެސް އެ ދެމީހުން ކައިވެންޏެއް ކޮށްފައި ނުވާ އިރު، އުމުރުން 46 އަހަރުގެ ޓްރެވިސް ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށް ދެ ކުދިން ލިބިފައެވެ.
ރަހުމަތްތެރިކަން އޮންނަ ކޯޓްނީ އާއި ޓްރެވިސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހު މި ދެތަރިން ވަނީ އެންގޭޖުވެފައެވެ. އަދި އެ ދެމީހުންގެ ނުރަސްމީ ކައިވެނީގެ ހަބަރު އިއްޔެ ފެތުރިގެންދިޔަ ނަމަވެސް، އެ ދެމީހުން އަންނަނީ މިއަހަރުގެ ތެރޭގައި ރަސްމީކޮށް ކައިވެނިކުރަން ތައްޔާރުވަމުންކަމުގައި ހަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން