އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރުމާމެދު ސީދާ ރެޖިސްޓްރާ ގޮތް ނިންމަވާ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އޭސީސީއަށް އަލަށް އައްޔަންކުރި މެމްބަރުން ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރުން ވަނީ އޭސީސީގައި ފުނިޖެހިފައިވާ މައްސަލަތައް މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ކޮމިޝަނުގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ، ބެކްލޮގުގައި ހުރި މައްސަލަތައް މަދުކުރެވޭނީ ރެޖިސްޓްރޭޝަން މަރުހަލާ ހަރުދަނާކޮށްގެން ކަމަށެވެ.

އޭސީސީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ތޯހާ ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރެޖިސްޓްރޭޝަން ޕްރޮސެސް ހަރުދަނާ ކުރުން ކަމަށެވެ. އެ މަރުހަލާ ހަރުދަނާ ކުރެވިއްޖެ ނަމަ، ބެކްލޮގްގައި ހުރި މައްސަލަތައް މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެބޭފުޅުން ކޮމިޝަނާ ހަވާލުވިއިރު ބެކްލޮގްގައި 1،673 މައްސަލަ އޮތް ކަމަށެވެ އޭގެ ތެރޭގައި ހިމެނެނީ އިވޭލުއޭޝަން މަރުހަލާގައި 549 މައްސަލައާއި ތަހުގީގު މަރުހަލާގައި 1،124 މައްސަލަ ކަމަށްވެސް ތޯހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަވާލުވި ފަހުން 25 މައްސަލައެއް ހުށަހަޅާފައި އެބައޮތް. އަދި އިވެލުއޭޝަން މަރުހަލާގައި ދިހަ މައްސަލައެއް ނިންމާފައިވާނެ. އެހެންކަމުން ބެކްލޮގްގައި މިހާރު 1،681 މައްސަލަ އެބައޮތް،" ތޯހާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ އެންމެ ބޮޑު ބެކްލޮގެއް އުޅެނީ، ޕްރޮކިއުމަންޓާއި ވަޒީފާއާ ގުޅުންހުރި މައްސަލަތައް ހުށަހަޅާފައިވާތީ ކަމަށެވެ. އެ މައްސަލަތަކުގައި ގިނައިން ހިމެނެނީ އިދާރީ ގޯސްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޯހާ އިތުރަށް ވިދާޅުވީ، މައްސަލަތައް ރަޖިސްޓްރީކުރުމުގައި ރެޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ނަމަ، އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ބަދަލާއެކު އޭސީސީގައި ދެން ތަހުގީގުކުރަމުން ދާނީ ކޮރަޕްޝަންގެ އުންސުރު ހިމެނޭ މައްސަލަތައް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.