ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން: އޭސީސީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގުގައި އެންމެ އިސް އަމާޒަކަށް ވާނީ ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށްފަހު އެ ކޮމިޝަނުގެ އާ މެމްބަރުން އޭސީސީ އޮފީހުގައި މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އުވައިލި އެސެޓް ރިކަވަރީ ކޮމިޝަނުން ފުރިހަމަކޮށްފައިވާ ތަހުގީގުތައް ފިޔަވައި ދެން ހުރި މައްސަލަތައް ބަލާނީ އޭސީސީން ކަމަށާއި އެކަމަށް 12 އިސްވެސްޓިގޭޓަރުން ހިމެނޭ ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ބަލަން ޖެހޭ މައްސަލަތައް ދިރާސާކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުން ގެއްލުނު ފައިސާ ހޯދައި އެކަމުގައި ޝާމިލްވި މީހުންނަށް ފިޔަވަޅު އެޅުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ދެ އަހަރަށް ފަހު އުވައިލީ މާ ބޮޑު ނަތީޖާއެއް ނުނެރިވިއެވެ. އެ ކޮމިޝަނުން އެންމެ ހާއްސަ އިސްކަމެއްދީގެން ބެލި އެއް މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފެއްދި ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ އިދާރާތަކާއެކު އެ ކޮމިޝަނުން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ ހެކިތަކާއި ޑިޖިޓަލް އެވިޑެންސް ގެނައުމާމެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެންމެ ހާއްސަ އިސްކަމެއްދޭނީ ދައުލަތަށް ހޯދަން ޖެހޭ ފައިސާ ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި އަޅުގަނޑުމެން ފޯކަސްކުރާނެ އެއް ދިމާލަކީ ރައްޔިތުން ވަރަށް ބޮޑަށް އަބަދުވެސް ވަރަށް ބޮޑަށް ސުވާލުކުރޭ ކޮބައިހޭ ދައުލަތަށް ހޯދައި ދެވުނު ފައިސާގެ އަދަދަކީ. އެހެންކަމުން ފައިސާ ރިކަވާ ކުރުމަކީ އެންމެ އިސްކަންދޭ އެއް ދިމާ،" އަބްދުއްސަމަދު ވިދާޅުވިއެވެ.

އަބްދުއްސަމަދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގު އަލަށް ފަށައިގަންނައިރު ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓުގައިވާ ކަންކަމަށް ކޮމިޝަނުން ރިއާޔަތް ކުރާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރާނެ ކަމަށެވެ.