އެސްޓީއޯ އިން ލުނބޯ އެތެރެކޮށް ވިއްކަން ފެށުމާއެކު އެކުންފުނީގެ އެގްރި ސެންޓަރުން ވިއްކަން ނެރުނު ސްޓޮކް ވިކި ހުސްވެއްޖެއެވެ.
ބާޒާރުގައި ލުނބޯ ތަދުވެ، ލުނބޯ ކިލޯއެއްގެ އަގު 150 ރުފިޔާއާ ހަމައަށް އަރައިގެން ދިއުމުން ލުނބޯގެ އަގު ކޮންޓްރޯލް ކުުރުމަށް އެސްޓީއޯ އިން ވަނީ ލުނބޯ އެތެރެކޮށް މިއަދު ވިއްކަން ފަށައިފައެވެ. އެސްޓީއޯ އިން ލުނބޯ ކިލޯއެއް ވިއްކަނީ 45 ރުފިޔާގެ ރޭޓުންނެވެ.
ނަމަވެސް އެސްޓީއޯ އިން ލުނބޯ ވިއްކަނީ ލިމިޓްކޮށްގެންނެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކަސްޓަމަރަކަށް ވިއްކަނީ ލުނބޯ ކިލޯއެކެވެ. އަދި އެ ކުންފުނީގެ އެގްރިސެންޓަރުން ވިއްކަނީ ކަސްޓަމަރަކަށް ތިން ކިލޯގެ ލުނބޮއެވެ.
އެގްރި ސެންޓަރުން މިއަދު ހެނދުނު 9:00 ގައި ލުނބޯ ވިއްކަން ފެށި އިރުވެސް ބޮޑު ކިޔޫއެއް ހަދާލާފައި މީހުން ތިއްބެވެ. އެކަމަކު ހެނދުނުވެސް ބޮޑު ކިޔޫއެއް އޮއްވައި ލުނބޯ ވަނީ ހުސްވެފައެވެ. ދެވަނަ ސްޓޮކް މެންދުރަށް ތައްޔާރުކޮށް 1:30 ގައި އަލުން ލުނބޯ ވިއްކަން ފެށިއިރު ގަދަ އަވީގައި އެތައް ބަޔަކު ކިޔޫ ހަދާލާފައި ތިއްބެވެ. މެންދުރު ލުނބޯ ވިއްކަން ފެށިތާ ބައިގަޑިއެއް ހާއިރު ތެރޭގައި އެފަހަރުވެސް ލުނބޯ ވަނީ ހުސްވެފައެވެ. ނަމަވެސް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އިން އަދިވެސް އަންނަނީ މީހަކަށް ކިލޯއެއްގެ ރޭޓުން ލުނބޯ ވިއްކަމުންނެވެ.
އެސްޓީއޯ އިން ބުނީ ބާޒާރުގައި ލުނބޯގެ އަގު ކޮންޓްރޯލް ވަންދެން އެކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަމުން ގެންދާނެ ކަމަށެވެ.
އެސްޓީއޯ އިން އަގުހެޔޮކޮށް ލުނބޯ ވިއްކަމުން އައި ނަމަވެސް އަދިވެސް ބާޒާރުގައި ލުނބޯގެ އަގަކަށް ބަދަލެއް ނާދެއެވެ. ރޯދައަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އުފުލެން ފެށި ލުނބޯގެ އަގު މިއަދުވެސް މާރުކޭޓުގައި ހުރީ ކިލޯއެއް 100-130 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. ލަފާކުރެވޭ ގޮތުގައި ދެތިން ދުވަހެއްގެ ތެރޭގައި މުޅި ބާޒާރުން ލުނބޯގެ އަގު ދަށްވެގެން ދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު