އެސްޓީއޯ އިން މިއަދު ލުނބޯ ކިލޯއެއް 45ރ އަށް ވިއްކަން ފެށި ނަމަވެސް މާރުކޭޓު ގޮޅިތަކުން ލުނބޯ ވިއްކާ އަގަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ބައެއް ގޮޅިތަކުގައި ވަރަށް ތާޒާ ލުނބޯ ކިލޯއެއް 130ރ. އަށް ވިއްކަން ހުރި އިރު އާއްމުކޮށް މުޅި މާރުކޭޓުގައި މިއަދުވެސް ލުނބޯގެ އަގު ހުރީ ކިލޯ އެއް 100ރ އަށެވެ. ގޮޅިތަކުގެ މީހުން ބުނާގޮތުން އެމީހުންނަށް ލުނބޯ ގަންނަން އަދިވެސް ލިބެނީ އަގު ބޮޑުކޮށެވެ.
މިއަދު ކާށިދޫން ސަޕްލައި ނާންނަ ދުވަހަކަށްވާތީ ބާޒާރުން ކޮޕީފަތް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. މުޅި މާރުކޭޓުގައި ވެސް ކޮޕީފަތް ލިބެން ހުރީ ދެތިން ގޮޅިއަކުންނެވެ. އެ ގޮޅިތަކުން ކޮޕީފަތް ވިއްކަނީވެސް އަގުބޮޑުކޮށް، ބޮނޑިއެއް 15ރ އަށެވެ. ނަމަވެސް މާދަމާ ބާޒާރަށް ކޮޕީފަތް އަލުން ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ފަތްޕިލާވެލީގެ އެހެން ބާވަތްތަކަށް ބަލައި އިރު، ކުއްޅަފިލާފަތް ބޮނޑިއެއް މިއަދުވެސް 15ރ އަށް ލިބެންހުރި އިރު، ކަންކުން ބޮނޑިއެއް ލިބެންހުރީ 5ރ އަށެވެ. ހިކަނދިފަތް ބޮނޑިއެއް 10ރ އަށް ހުރި އިރު ރާނބާފަތެއް މިއަދުވެސް ލިބެނީ 5ރ އަށެވެ. އަދި ލެޓިއުސް ކިލޯއެއް ލިބެނީ 70-90ރ އަށެވެ.
މިރުހުގެ އަގަށްވެސް މާބޮޑެތި ބަދަލުތަކެއް ނާދެއެވެ. ލ. މިރުސް މިއަދުވެސް އެވްރެޖްކޮށް ލިބެންހުރީ ކިލޯއެއް 750-800ރ އަށެވެ. މިއަދަކީ ބާޒާރުގައި ކަނޑޫދޫ މިރުސް ތިޔާގި ދުވަހެކެވެ. ނަމަވެސް ކަނޑޫދޫ މިރުސް ކިލޯއެއް މިއަދުވެސް ލިބެންހުރީ 600-750ރ އަށެވެ.
ފަނިގިރަން އާންމުކޮށް ދިވެހިން ބޭނުންކުރާ ތަކެއްޗަށް ބަލައި އިރު ތޮއްޑޫ ކަރާގެ އަގަށްވެސް ބަދަލެއް ނާދެއެވެ. މިއަދުވެސް ކަރާ ކިލޯއެއް 25ރ އަށް ލިބެންހުރި އިރު، ރޮކް މެލަން ކިލޯއެއް މިއަދު ލިބެން ހުރީ 65ރ އަށެވެ. ހަނީ މެލަން ކިލޯއެއް 50ރ އަށް ލިބެން ހުރި އިރު، ދިވެހި ދޮން އަނބު ކިލޯއެއް 70-100ރ އަށް ލިބެން އެބަހުއްޓެވެ.
އިޖިޕްޓް ފޭރު ކިލޯއެއް 130ރ އަށް ލިބެން ހުރި އިރު ލަންކާ އަދި ބަންގްލަދޭޝް ފޭރު ލިބެން ހުރީ ކިލޯއެއް 85-90ރ އަށެވެ. މިއަދުވެސް ކުރުނބާ ލިބެންހުރީ 35ރ އަށެވެ. ޖުމްހޫރީމޭވާ ކިލޯއެއް 80-100ރ އަށް ލިބެން ހުރި އިރު، އާދައިގެ ދޮންކެޔޮ ކިލޯއެއް ލިބެންހުރީ 60ރ އަށެވެ.
ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކާއި ބަލައިލާ އިރު، ކިއުކަމްބާ ކިލޯއެއް 40-30ރ އަށް އަދި ކެރެޓް ކިލޯއެއް އުޅެނީ 30ރ އަށެވެ. ބަށި ކިލޯއެއް 50ރ އަށް ލިބެންހުރި އިރު، ބީންސް ކިލޯއެއް ލިބެން ހުރީ 65ރ އަށެވެ. ބަޓާނާ ކިލޯއެއް 40ރ އަށް ލިބެން ހުރި އިރު، ޓޮމާޓޯ ކިލޯއެއް ލިބެނީ 70ރ އަށެވެ.
އަލަ ކިލޯއެއް 60ރ އަށް އަދި ބަނބުކެޔޮ ކިލޯއެއް އުޅެނީ 80-100ރ އަށެވެ. ކައްޓަލަ ކިލޯއެއް 160ރ އަށް ލިބެންހުރި އިރު، ފަލަމަޑީގެ އެހެނިހެން ބާވަތްތައް ލިބެންހުރީ ވަރަށް މަދުންނެވެ. ބާޒާރުގައި ފިޔާކިލޯއެއް 15ރ އަށް އަދި ލޮނުމެދު ކިލޯއެއް ލިބެންހުރީ 40ރ އަށެވެ.
މަސް މާރުކޭޓަށް ބަލައި އިރު، ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 40-45ރ އަށެވެ. ކަނޅުބިލަމަސް ކިލޯއެއް 30ރ އިން ދަށުން ލިބެންހުރި އިރު ގޮނދާ ކިލޯއެއް 35-40 އާ ދެމެދުގެ އަގެއްގައި ލިބެން އެބަހުއްޓެވެ. ފަރުމަހުގެ ބާވަތްތަކަށް ބަލައި އިރު، ބޮޑު ރަތްމަހެއް މިއަދު ވިއްކަނީ 400ރ އަށެވެ. ފިހެލާ ސައިޒުގެ ކުދި މަސް ކިލޯއެއް އާއްމުކޮށް އުޅެނީ 120ރ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު