ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވެ މެރުމަށް ކުރިމިަންކޯޓުން ހުކުމް ކޮށްފައިވާ ދެމީހުންކަމަށްވާ، ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫން އަށް ވަކީލަކު ހަމަޖައްސަން ހައިކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު، އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެ ތިން މީހުންނަކީ، ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ، މުހުޖަތު އަހުމަދު ނާސިހުގެ އިތުރުން ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފައު އެވެ.

ނަމަވެސް އެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކުރިމިނަލް ކުރިމިނަލްކޯޓުން ހުކުމް ކުރީ، މުހުޖަތާއި މައިމޫންއަށެވެ.

އެހެންކަމުން މުހީތުގެ ހުރިހާ ވާރިސުން ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށް ބޭނުންވާތީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް އެދެމީހުންނަށް މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މިއަދު ހައިކޯޓުގައި ކުރިއަށްދިޔައީ މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި މައިމޫނާއި މުހުޖަތު ވަނީ، ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލުންނާއެކު ކަމަށް ބުނެފައެވެ.

އެހެންކަމުން އެދެމީހުންނަށް ވަކީލަކު ހަމަޖައްސަން ވަނީ 10 ދުވަހުގެ މުއްދަތެއްް ދެއްވައިފައެވެ.

އެ ފުރުސަތު ދެއްވަމުން ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ، ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ މިއީ ވަކީލުން އައްޔަނު ކުރުމަށް ދޭ ފަހު ފުރުސަތު ކަމަށެވެ. އަދި މި މައްސަލައިގެ ގަޒިއްޔާއަށް ދުވަސްތަކެއް ވެފައިވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ވަކީލަކާއި ނުލައި ނަމަވެސް މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށެވެ.