ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100ރ އިން މަތީގައި އުޅެނިކޮށް އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމާފައި ވަނީ ކިލޯ އެއް 45ރ އަށެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން އަގުހެޔޮކޮށް ލުނބޯ ވިއްކަމުން ދާނެ ކަމަށެވެ. ނަމަވެސް މިވަގުތު ލުނބޯ ވިއްކަމުން ދާނީ ލިމިޓުކޮށް ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކަސްޓަމަރަކަށް ވިއްކާނީ ލުނބޯ ކިލޯއެކެވެ. އަދި އެ ކުންފުނީގެ އެގްރިސެންޓަރުން ވިއްކާނީ ކަސްޓަމަރަކަށް ތިން ކިލޯގެ ލުނބޮއެވެ.

އެސްޓީއޯ އިން ރާއްޖެއަށް ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައި މިވަނީ ލުނބޯގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށެވެ. ބާޒާރުގައި މިވަގުތު ލުނބޯ ކިލޯއެއް 100ރ އިން މަތީގައި އުޅޭއިރު ލުނބޯ ކިލޯއެއް 150ރ އަށް ވެސް ބާޒާރުގައި ވަނީ ވިއްކާފައެވެ.

ވިޔަފާރިވެރިން ބުނާގޮތުން ލުނބޯގެ އަގު އެހާ ބޮޑުވީ އެއާފްރައިޓް ކޮށް ގެންނަން ޖެހޭތީއެވެ.