ވާހަކަ

ކުރުވާހަކަ: ބިލާހެއް

މަރިޔަމް ޝަފާ އިބްރާހިމް

ކޮންމެ މީހަކުވެސް ދުނިޔޭގެ ދިރިއުޅުމުގައި މަސައްކަތް ކުރާނީ ކޮންމެ ކަމެއް ކުރިއަސް އެކަމުން ލިބޭ ހިތްހަމަޖެހުމެއް އޮތީމަ އެހިތްހަމަޖެހުން ލިބިގަންނާށެވެ. އުފަލާއި ހިތްހަމަޖެހުމަކީ އެމީހާ އަމިއްލައަށް ހޯދައި ލިބިގަންނަ އެއްޗެކޭ ބުނީމަ މިއާ ދެކޮޅަށް ބަސް ބުނާނެ މީހުން ގިނަވާނެއެވެ. އަދި ދައްކާ ވާހަކައާއި ޖަދަލަށް ދޭ ޒުވާބުތައްވެސް މަދެއް ނުވާނެއެވެ. އެކަމަކު ބައެއް ފަހަރު އުފަލާއި ހިތްހަމަޖެހުމަށްޓަކައި ކޮށްލެވޭ ކަންތައްތަކާމެދު ވިސްނާލަން ޖެހޭނެއެވެ. އަނެކާގެ ހައްގަށް އަރައިގަނެގެން އުފަލެއް ލިބުމަކީ ހަގީގީ އުފާހެއްޔެވެ؟ ބައެއް ފަހަރު ދުނިޔެ ހޯދުމުގައި ދެދުނޔެ ގެއްލޭ ހިސާބަށް ތިމާގެ އަމިއްލަ އެދުން މަސައްކަތްކުރެއެވެ. އަދި އަރާމާއި އުފަލާއި ރީތިކަމާހެދި ބައެއްފަހަރު މީހާ ހަމަ ރަނގަޅަށްވެސް އިންސާނަކުން ހައިވާނެއްގެ ދަރަޖައިންވެސް ބޭރަށް ޝައިތާނަކަށް ބަދަލުވެއެވެ.

ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް އައިސް ދެވަނަ ދަމަކަށް ފެށެނީއެވެ. އާދައިގެ މަތިން އަފާފު އޮފީހުން އައިސް ސައިކަލު ޕާކުކުރުމަށްފަހު ގޭތޭރެއަށް ވަދެގެން އޭނަގެ އަމިއްލަ ކޮޓަރިއަށް ދިއުމުގެ ކުރިން މިސްރަބު ޖެހީ އޭނާގެ ދެލޮލުގެ ނޫރުކަމުގައިވާ ލޯބިވާ ދަރިފުޅުގެ ކޮޓަރިއާ ދިމާއަށެވެ. މިއީ ވޭތުވެދިޔަ ހަ އަހަރު ތެރޭ އޭނާގެ ބަދަލު ނުވި އާދައެކެވެ.

*********

އަފާފު މީހަކާ އިނީ ވަރަށް ލޯބިން ބޭނުންވެގެންނެވެ. ދެރަކަމަކީ ތޫބާ އަފާފާ އިނީ ލޯބިން އެކީގައި އުޅެން ބޭނުންވާތީ ނޫން ކަމެވެ. އަފާފުގެ ފޯރުންތެރިކަމާއި ފައިސާވެރިކަންދެކެ ލޯބިވެގެން ފަސްފަހަތުން އާދޭސްކުރި އެކަހަލަ ކިތަންމެ ތޫބާއެއް އުޅުނެވެ. އެކަމަކު އަފާފަށް ޅައެއްޗެއް އެޅުނީއެެވެ. އަނބިމީހާ ހޮވުމުގައި ބުއްދީގެ މައްޗަށް ހިތުގެ މޮޔަކަން ގަދަވެގަތީއެވެ. ރައްޓެހިންނާއި އާއިލާ މީހުން އަފާފަށް ވިސްނައިދޭން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އޭރު އަފާފު ހުރީ ތޫބާގެ ރީތިކަމާއި ތުއިކަމުގެ މައްޗަށް ރަނގަޅަށް ދީވާނާވެފައެވެ.

ކައިވެންޏަށް އަހަރުނުވަނީސް ތޫބާ ބަލިވެ އިންކަން އެނގުމާއެކު އަފާފުގެ ލޯބި ދެގުނައަށް އިތުރުވެގެންދިޔައެވެ. އެހެންނަމަވެސް މިދަރިފުޅުވީ އަފާފާއި ތޫބާގެ ގުޅުމަށް އެޅުނު ބޮޑު ހުރަހަކަށެވެ. ފާޅުގައި ތޫބާ ދަރިފުޅު އެބޯޓުކޮށްލަން ކިޔަން ފެށިއެވެ. އަފާފު އެކަމާ ކަނޑައެޅިގެން ދެކޮޅުހެދިއެވެ. ރީތިކޮށް މަޑުމަޑުން ދެއްކިވާހަކައިގެ އަޑުގަދަވެ އެއްރެއަކު ހައްދުފަހަނައަޅާ ގޮސް ބޮޑުޒުވާބަކަށްވެސްވީއެވެ. އޭރު ތޫބާގެ ބަނޑަށް ތިންމަހެވެ. އަފާފުގެ ގެއިން އަމިއްލަ ގެއަށް ތޫބާ ދިޔައީ ކޮންމެ ގޮތެއްވިޔަސް ދަރިފުޅު އެބޯޓްކުރާނެކަމަށް ގަދަބަހުން ބުނެފައެވެ.

*********

އިންޑިޔާއަށް ދިއުމަށް އެއާޕޯޓުގައި ހުރި ތޫބާއާއި ތޫބާގެ ބޮސް ފުރިޔަނުދީ ހިފެހެއްޓުމަށް ހޯދަން ޖެހުނީ ފުލުހުންގެ އެހީއެވެ. ތޫބާއާއި އަފާފުގެ މެދުގައި ކުރިއަށްވުރެ ކަންތައް ގޯސްވެ ތޫބާ ވަރިއަށް އެދި ކޯޓަށް ފޯމުލިއެވެ. އެހެންވިޔަސް އަފާފަށް ދެންވެސް މުހިންމުވީ ދަރިފުޅެވެ.

ދަރިފުޅު ވައްޓާލުމަށް އިންޑިޔާއަށް ދާން އުޅުނު މައްސަލައިގައި ތޫބާއަށް ކޯޓު އަމުރު ނެރުނީ ވިހައި ގަދަވެ ގާތުން ކިރު ދިނުމުގެ ކަންތައް ނިމެންދެން އަފާފުގެ ހުއްދައާނުލައި ރަށުން ބޭރަށް ނުދިއުމަށެވެ. އެހިސާބުން އެންމެ ފަހުން ތޫބާ އެދަރިފުޅު ދުނިޔެއަށް ގެނައުމަށް އެއްބަސްވިއެވެ. އެކަމަކު އޭނާއަށް އެއްވެސް ތަދެއް ވެގެންނުވާނެހެނެވެ. އަފާފު މިކަމާވެސް އެއްބަސްވިއެވެ. ރާއްޖެއިން ބޭރަށް ތޫބާ ގެންގޮސްގެން ވިހެއުމުގެ ކަންތައް ތޫބާއަށް ތަދަކާނުލައި ނިމޭނޭ މަގުފަހިކުރިއެވެ. އެހުރިހާ ކަމެއްް ވެސް އަފާފު ކުރީ ތުއްތު ދަރިފުޅުގެ މޫނު ފެނުމުން ތޫބާ ބަދަލުވެދާނެ ކަމުގެ މޮޔަ އެހެނަސް ފޮނިއުއްމީދުގައެވެ.

ކަންދިމާވީ ދިމާ އިދިކޮޅަށެވެ. ތޫބާ ބޭނުންވީ ލަންކާއަށް ދިރިއުޅުން ބަދަލުކުރާށެވެ. ދަރިފުޅުގެ ކަންތަކަށް އެހީވާނެ މީހަކު ގެނެސްދިނުމަށާއި އޭރުން އޭނާއަށް ހިތްހަމަޖެހޭ ތަނެއްގައި ދަރިފުޅާއި އަފާފާއެކުގައި އުޅެވޭނެކަމަށް ބުނެ ވައުދާހުވާވެސް ކުރިއެވެ. އަފާފު އެކަންވެސް ކުރިއެވެ. ތުއްތު ދަރިފުޅަށްޓަކައެވެ. އެދަރިފުޅަށް މަންމައެއްގެ ލޯބި އުނިވެދާނެތީއެވެ.

އެކަމަކު އަފާފަށް ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހަކީ ލަންކާއަށް ދިރިއުޅުން ބަދަލުކުރުމެވެ. އެކަމަކު އެވަރުގެ ހިތްހިލަ އަންހެނުން ދުނިޔޭގައި އުޅޭެ ކަމަކަށް އަފާފަށް އެއްވެސް ވަރަަކަށް ހިތަށްވެސް އަރާފައެއް ނެތެވެ.

އެއީ އަނިޔާވެރިކަމުގެވެސް އިންތިހާއެވެ. ހައްދުފަހަނައަޅާ ދިއުމެވެ. އެދުވަހު މެންދުރު އަފާފަށް ގެއަށް ނުދެވުނުނަމަ.....

މިއަދުގެ މިހިނދުކޮޅުސް އަފާފުގެ ހިތަށް އެހެން އަރާފައި ތުރުތުރު އަޅައިގަނެއެވެ. އެދުވަހު އޭނާގެ އަތުން ތޫބާ މަރުނުވީ އޭނާގެ ވެރިރަސްކަލާނގެ އޭނާ އެކަމުން ސަލާމަތްކޮށްދެއްވީތީއެވެ. އެހެންނޫންނަމަ އެދުވަހު އޭނާގެ އަތުން ތޫބާ މަރުވާފަދަ އަނިޔާއެއް ކުރެވުނީހެވެ.

********

އާންމުކޮށް އޮފީހުގެ މަސައްކަތަށް ނުކުތުމަށްފަހު މަސައްކަތް ނުނިމެނީސް ނުވަތަ ރަސްމީގަޑި ނުނިމެނީސް އަފާފު އެނބުރި ގެއަކަށް ނުދެއެވެ. އެކަމަކު އެދުވަހު މަސައްކަތަށް ބޭނުންވާ ކޮންމެވެސް އެއްޗެއް ގޭގައި ބަހައްޓާފައި ދެވުނީއެވެ. އެއީ އަފާފަށް ވީ އިލްހާމެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ގޭގެ ދޮރާށި ތަޅުލާފައި ހުރުމުން ކުޑަކޮށް ހައިރާން ވިޔަސް އެއީ ތޫބާ އެކަނި ހުރުމުން ރައްކާތެރިކަމަކަށް ކޮށްފައި ހުރިކަމެއްކަމަށް އަފާފު ވިސްނިއެވެ. އަދި ގޯތިތެރެއިންލާފައި ހިނގައިގަތެވެ. ގޭތެރެއަށް ވަދެ ކޮޓަރިއާ ދިމާއަށް ހިނގައިގަތް އިރު ކޮންމެވެސް ކަމަކާ އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހަވަނަ ހިއްސު ކޮންމެވެސް ބިރުވެރި ކަމަކަށް ސަމާލުކަން ދޭން ވިސްނައިދެމުން ދިޔައެވެ.

ކޮޓަރީގެ ދޮރުވެސް ހުރީ ތަޅުލައިފައެވެ. ޖީބުން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ބަލައިލިއިރު ކޮޓަރިތެރެއަކު މީހަކު ނެތެވެ. އެކަމަކު ފާހާނާގެ ދޮރުހުރީ ހުޅުވައިފައެވެ. ކުއްލިއަކަށް ކޮން އެއްޗެއް ހިތަށް އަރާފައި ކަމެއް ނޭނގެއެވެ. އަފާފު ފާހާނާއާ ދިމާއަށް ދިޔައީ ވަގުފިޔަވަޅުތަކެއްގައެވެ.

ފާހާނާގެ ފާރުކައިރިން ވަގަކުހެން އެތެރެއަށް ބޯދިއްކޮށްލުމާއި ފާހާނާ ތެރެއަށް ފުންމައިގެން ޖެހިގަތުމާއި ބިލިގާއަށް އަޅާފައިހުރި ފެނުގެ ތެރެއަށް ދެއަތް ކޮއްޕާލަން ތައްޔާރުވެލި ތޫބާގެ އަތުގައި އޮތް ބޮނޑިވަރު ޖަހައިގަތުމާ ދިޔައީ އެކުއެކީގައެވެ.

*********

ސިއްސައިގެން ގޮސް ނިދިން ހޭލެވުނު ތުއްތު ދަރިފުޅު ބާރަށް ރޮއިގަތުމާއި އަފާފުގެ ކޮއްޕާލުމުން ސިހުމާއި ހައިރާންކަމާއެކު ބިރުވެރި އަޑަކުން ހަޅޭއްލަވައިގަތް އަޑުވެސް އައީ ދާދިއެކުއެކީގައެވެ.

ދަރިފުޅު މޭގައި ލައްކޮށްލައިގެން ކުއްޖާ މަސަލަސްކުރުމަށް މަސައްކަތް ކުރަމުން އަފާފު އޭނާގެ ކުރިމަތީގައި ހުރި ޝައިތާނާއަށް ބަލައިލިއެވެ. ރަތްކުލައިގެ ލޭސްފޮތީގެ ލައުންޖްރީއެއްގައި ހުރިއިރު ކިހާ ރީތި ހެއްޔެވެ؟ ދޮންކުލައާއި އެހާ ލޫޅާފަތި ތުނި ހަށިގަނޑެކެވެ. އަބަދުވެސް ރަކިހިނިތުންވުމެއްގައި ހުންނަ މޫނެކެވެ. މޫނުމަތީގެ ރީތިކަމުގެ ވާހަކަ ބަޔާންކޮށްދޭން ދަތިވާހާ ފުރިހަމައެވެ. އަފާފު އަށް އޮޅުނީ މިރީތި ސޫރައިގެ އަވައިގައި ޖެހިގެނެވެ.

ދުނިޔޭގައި ކިތައްކިތައް ވައްތަރުގެ ނުބައި ނުލަފާ އަންހެނުން ތިބޭ ކަމެއް އަފާފަކަށް ނޭނގެއެވެ. އަމުދުން އަމިއްލަ ހަށިގަނޑުގައި ވޭން އަޅައިގެން އަމިއްލަ ލެއާއި ވިންދު ހިއްސާކޮށްގެން، ނުވަ މަހުގެ ދިގު މުއްދަތެއް ރަހިމުގައި ގެންގުޅެފައި މިހާ އަވަހަށް އެހިއްސާކުރި ވަގުތުތަކުގެ އިހުސާސް ހަނދާން ނެތެންވީ ކީއްވެކަމެއް އަފާފުއަކަށް އަދިވެސް ނުވިސްނެއެވެ. އަމިއްލައަށް ބޭނުން ނުވިޔަސް މަޖުބޫރުން ގެންގުޅުނަސް ވިހެއުމުގަ ބުރައެއް ނެތަސް މިހިސާބަށް ކަންތައް ހިނގައިދާނެކަމެއް އަދިވެސް އަފާފަކަށް ގަބޫލެއް ނުކުރެވެއެވެ. ދުނިޔެއަށް އެފުރާނަ އަންނަ ހިނދު އެތައް ތަކުލީފެއް އުފުލައިފައި އިންސާނަކު މިހާ ނުބައި ކަމެއް ކޮށްފާނެ ކަމަކަށް އަފާފަކަށް އެއްވެސް ވަރަކަށް ގަބޫލެއްވެސް ނުކުރެވެއެވެ.

ނުކުރެވޭނެ ނޫން ހެއްޔެވެ. އަފާފަށް ފެނުނީ އޭނާގެ މަންމައެވެ. ބޮޑުދައިތަމެނާއި ފަހަރިންނެވެ. އަމިއްލަ ދަރިންނަށްޓަކައި ފުރާނައިން ގުރުބާން ވި މީހުންނެވެ. އެކަމަކު އަފާފަށް މިޖެހުނީ ފުރާނަ ދަމައިގަންނަ އަންހެނެއްގެ އަވައިގައެވެ. މިދަލުން ކުރިން ސަލާމަތްވެވުނު ނަމައޭ މިހާރު އޭނާގެ ހިތަށް އަރައެވެ. ނޫނެކެެވެ. އެހެންވީނަމަ އެހެންމީހަކަށް ޖައްސާނީ ކޮންފަދަ ހާލެއް ކަމެއްވެސް ނޭނގެއެވެ...

ތޫބާއަށް އަލިފާނުގެ ލޮލަކުން ބަލައިލުމަށްފަހު ދަރިފުޅު ގޮވައިގެން އަފާފު ނުކުތީ ބޭރަށެވެ. އެެވަގުތު އޭނާގެ ސިކުނޑި ހީވަނީ ފަޅައިހެންދާހެނެވެ. ހަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމަން ޖެހުނީ އެވަގުތެވެ. ހަތަރުއަނގޮޅިއެއްގެ ކަންމައްޗަށް ނުކުމެ ހުރެވޭކަހަލަ އިހުސާސެއް އަފާފަށް ކުރެވެމުންދިޔައެވެ. މޭގައި ލައްކޮށްލައިގެން އޮތް ދަރިފުޅުގެ މުޅި ހަޔާތުގައި ލަފެއް ޖެހޭނެކަން ޔަގީނެވެ. އެކަމަކު އެލައް ނުޖައްސަން މިއަދު ގޮތެއް ނިންމައިފިނަމަ އަފާފު އަމިއްލަ ނަފުސަށް މުޅި އުމުރަށްވެސް ނަފުރަތު ކުރާނެއެވެ. ކޮންމެ ގޮތަކަށް ކަން ނިންމިޔަސް ދަރިފުޅަށް ހަމަ އަސަރު ކުރާނެއެވެ. ހަމައެހެންމެ ތޫބާއަށް މިއަދު މާފުކޮށްފައި ދޫކޮށްލައިފިނަމަ މިއަށްވުރެ ނުރައްކާތެރި ކަމެއް ހިންގާނެއެވެ. މިއަދުގެ ހެޔޮ ނަސީބުން ގެއަށް އާދެވި އެންމެ ނާޒުކު ދނޑިވަޅުގައި ހުރިހާ ކަމެއް ލޮލުން ފެނުމުން އިތުރަށް ވިސްނާނެ ތަނެއް ނެތަސް އަފާފަށް ހައްތާވެސް ދަރިފުޅަށް ބަލައިލެވެނީއެވެ.

ތުއްތު ފުރާނަ އަނގަކަހައިލަމުން އަފާފުގެ މޫނުގައި ކުޑަކުޑަ އިނގިލިތައް ޖައްސާލިއެވެ. މިހާރު ރުއިން މައިިތިރިވެ ހަމަޖެހިއްޖެއެވެ. ދަރިފުޅުގެ ލޯބިލޯބި ހަރަކާތްތަކުން އަފާފަށް އާދިރުމަކާއި އެކު ވިސްނުމަށްވެސް ބާރެއް ލެވިއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގައި 119އަށް ޑަަޔަލްކޮށްލިއެވެ. އޭރު ފަހަތުން ނުކުމެގެން އައިސް ދުރުގައި ހުރި ތޫބާއަށް އަފާފު ކުރީ ކީއްކަން އެނގުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް އަފާފުގެ ފައިގައި ހިފައިގެންފިއެވެ.

އެހެން ފަހަރުތަކާ ހިލާފަށް ތޫބާގެ ރީތިކަމަކުން، ތުއިވެލުމަކުން، ރޮއި އާދޭސް ކުރުމަކުން އަފާފަށް މިފަހަރު އަސަރެއް ނުކުރިއެވެ. މިނިޓްކޮޅެއްގެ ތެރޭގައި ގޭގެ ބޭރުން ސަލާމްގޮވާލި އަޑު އިވިއްޖެއެވެ. އަފާފު ސަލާމް ބަލައިގަތުމާއެކު ގޭތެރެއަށް ވަދެގެން އައި އަންހެން ފުލުހުން، އަފާފުގެ ފައިގައި އޮޅުލައިގެން ރޯން އިން ތޫބާގެ އަތް ފުރަގަހަށް ގެންގޮސް ބިޑި އަޅުވައިފިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ތޫބާ ގަދަހަދަމުން ދަނިކޮށްވެސް ގޮވައިގެން ހިނގައްޖެއެވެ. އަފާފަށް ލެވުނީ ވަރުބަލި ފުންނޭވާއެކެެވެ.

އެދުވަހުން ފެށިގެން ތޫބާގެ ހިޔަނިވެސް ދަރިފުޅަށް އެޅުނަނުދީ ދަރިފުޅު ހުލްގުހެޔޮ ލަފާ ދަރިއަކަށް ހެދުމަށް އަފާފު އަތުކުރި އޮޅައިލިއެވެ. ހަމައަނެއް ދުވަހު ތައްޔާރުވެގެން އެންމެ އަވަހަށް ލިބުނު ޓިކެޓުން ދަރިފުޅު ގޮވައިގެން އަފާފު ރާއްޖެ އަތުވެއްޖެއެވެ.

ހަބަރުތަކުންނާއި ނޫސްމަޖައްލާތަކުގެ ބޮޑު ހަބަރަކަށް ލަންކާގައި ދިވެހި އަންހެނަކު އޭނާގެ އަމިއްލަ ދަރިފުޅު ފެންއެއްޗަކަށް ގަންބައި މަރާލަން އުޅުނު ކަމުގެ ހަބަރު އޮތެވެ. އެކި ގޮތްގޮތަށް މިސުރުހީ ފެތުރެމުން ދިޔައީ ކިތައް ކިތައް ދުވަސްވަންދެން ކަމެއް ނޭނގެއެވެ. އަފާފު އޭނާގެ ދައުރު އަދާކުރުން ފިޔަވައި އެހެން އެއްވެސް ގޮތަކުން ތޫބާގެ ހާލު ވެސް ބަލައިނުލައެވެ. އަފާފުގެ ހިތާއި ސިކުނޑިއާއި މުޅި ދިރިއުޅުމުންވެސް ތޫބާ ނެރެލިތާ ކިތަންމެ ދުވަހެކެވެ. ތޫބާއަކީ ހަގީގަތެއްކަމަކަށް މިހާރު އަފާފު ގަބޫލެއް ނުކުރެއެވެ. އަފާފަށް އެއީ ހުވަފެނެކެވެ. އަދި ހުވަފެނަކީ ބިލާހެކެެވެ. އެންމެ ކުޑަމިނުން އެއީ އޭނާގެ ދަރިފުޅުގެ މަންމަކަންވެސް އަފާފު ހަނދާން ނައްތާލައިފިއެެވެ. މިހާރު އެދަރިފުޅުގެ މަންމައަކީވެސް ބައްޕައަކީވެސް އަފާފެވެ.