ކުޑަ ކުއްޖަކަށް އިހާނެތިކޮށް ހިތިކަމުގެ މައްސަލައިގައި މ. މުލީ ކޯޓުގެ މެޖިސްޓްރޭޓް ހުސައިން އާމިރަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އާމިރުގެ މައްޗަށް އެ ދައުވާކޮށްފައިވަނީ، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔަ އާމިރުގެ ދަރިފުޅަކަށް އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލާ ގުޅިގެން، އެ ކުއްޖާއާ މެދު ރުޅި އިސްކޮށް، އިހާނެތި ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ ގުޅިގެންނެވެ.
އެ ދައުވާއަށް ޖަވާބުދާރީވަމުން އާމިރު ވިދާޅުވެފައި ވަނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިފައިވާ ކަމަށާއި އަދި ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިނގާފައިވާ ހާދިސާ ޖިނާއީ އަމަލެއްގެ ގޮތުގައި ތަހުގީގުކުރެވި، ދައުވާކުރެވިފައި ވަނީ ހާދިސާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި ހުރި އޮޅުންތަކެއްގެ ސަބަބުން ކަމަށާއި އެކަމަކީ ޖިނާއީ ކުށެއް ކުރުމުގެ ނިޔަތެއް ނެތި ހިނގާފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުވާއަށް އާމިރު އިންކާރުކުރުމުން ދައުލަތުން ވަނީ ހެކިހުށަހަޅައިފައެވެ. ނަމަވެސް އެ ހެކިވެރިންގެ ތެރެއިން ބައެއް ހެކިވެރިން ހެކިބަސް ދޭން އިންކާރުކުރުމުންނާއި ކޯޓަށް ހާޒިރު ނުވުމުން ހެކިބަސް ނެގޭގޮތް ވަނީ ނުވެފައެވެ. އެހެންވެ ދައުލަތަށް އާމިރުއާ ދެކޮޅަށް ހުށަހެޅިފައިވަނީ އެންމެ ކިތާބީ ހެއްކެކެވެ. އެއީ އަނިޔާ ލިބުނުކަމަށްބުނާ ކުއްޖާގެ ބަޔާނެވެ.
ދައުލަތުން އާމިރުގެ މައްޗަށް ކުށް ސާބިތުކުރަން އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ނުވާތީ އެ މައްސަލަ ސާބިތުނުވާ ކަމަށް ގާޒީ ހަސަން ސައީދު ވަނީ ހުކުމް ކުރައްވައިފައެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އާމިރު ތިން މަސް ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު