ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ތިބި މީހުންގެ ނަން ހާމަކޮށް އެމީހުންނަށް މެސެޖް ފޮނުވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ލިސްޓު ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ މިމަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެފަރާތަކަށް އެސްއެމްއެސްއަކުން އެކަން އަންގާނެ ކަމަށެވެ.

"އީސީން ބަލަހައްޓާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ދަފްތަރު 1 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާގޮތަށް ކޮމިޝަނުން މިއަދު ނިންމައިފި. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، މިމަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެމީހަކަށްވެސް މެސެޖަކުން އެކަން އަންގަން ކޮމިޝަނުން މިއަދު ނިންމައިފި،" ހަބީބު ވިދާޅުވިއެވެ.

އީސީގެ ދަފުތަރުގައި 11 ސިޔާސީ ޕާޓީއެއް މިހާރު ރަޖިސްޓްރީކޮށްފައިވާއިރު، މައިގަނޑު ގޮތެއްގައި މިހާރު ހަރަކާތްތެރިވަމުންދާ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވަގުފޯމު ހުށަހަޅާ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފުއާދު ވިދާޅުވެފައިވަނީ، އަލަށް ޕާޓީ އުފެދިގެން އަންނައިރު ގިނަ އަދަދެއްގެ ފޯމުތައް އީސީއަށް ހުށަހަޅާ ކަމަށާއި އެ ފޯމުތަކުގައި ގިނަ އަދަދަކަށް ވަގު ފޯމު ހުންނަ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އީސީއަށް ހުށަހަޅާ ފޯމުތައް ވަކިވަކިން ޗެކްކުރުމުގެ އުސޫލެއް ނޯންނަ ކަމަށެވެ. އޭގެ ބަދަލުގައި އޮންނަނީ ޕާޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމުގައި އޮންނަނީ ޕާޓީގެ ޒިންމާދާރުވެރިޔަކު ސޮއިކުރަން ކަމަށެވެ.