ޚަބަރު

ރާއްޖެއިން އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުގައި ބައިވެރިވެއްޖެ

މުހައްމަދު އިޝާން

އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފް އިންޓަގްރޭޓެޑް ހެޑްކުއާޓާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާއީ ދާއިރާގެ ގާބިލުކަމާއި ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާ އެޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖެ އާއި އެމެރިކާ ސަރުކާރާ ދެމެދު، ދިފާއީ އަދި ސަލާމަތީގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، 2020 ވަނަ އަހަރު ސޮއިކުރި ފްރޭމްވޯކް އެގްރީމެންޓަށް އަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މާރިޔާ ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމެރިކާ ސަރުކާރާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައިފައެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ މާހައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އެޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މަގުފަހިވެގެންދާނެ ކަމަށެވެ.

އެދާއިރާތަކުގެ ތެރޭގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑާޝިޕްގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން ސައިބާސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ އަދި މެރިޓައިމް ޑޮމައިން އެވެއާނަސް ހިމެނެއެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ އާއި މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިންނާއި އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް އާއި ބަޔޮލޮޖިކަލް އާއި ރޭޑިއޮލޮޖިކަލް އާއި ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި އެމެރިކާގެ ވަފުދުގެ ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދު ﷲ ޝަމާލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަނާއި ޑިރެކްޓާ އޮފް އެންޓި ހިއުމަން ޓްރެފިކިން އަލީ ޖައިޝަން އާމިރާއި ހުރިހާ ރޭންކެއްގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.