އަލަށް ހެދި 14 ރިސޯޓެއް މި އަހަރު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިތުރު ރުސޯޓުތައް ހުޅުވުމާބެހޭގޮތުން އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ ހުސްވި 2021 ވަނަ އަހަރު ހަތް ރިސޯޓު ހުޅުވާފައިވާ ކަމަށެވެ. އަދި މިއަހަރު އިތުރު 14 ރިސޯޓް ހުޅުވާނެ ކަމަށާއި އެއީ 3742 އެނދު އަދި ޓްރިޕްލް ބެޑުންނަމަ އެއީ 5600 އެނދު ކަމަށްވެސް ވިދާޅުވިއެވެ.
ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްރަށުގައި މަސައްކަތް ކުރިއަށް ނުގޮސް، އެތައް އަހަރެއް ވަންދެން ހުއްޓިފައި އޮންނަ މައްސަލައާ ގުޅިގެން، މިނިސްޓަރު ވިދާޅުވީ ނުހެދި ހުރި ރަށްރަށުގައި މަސައްކަތް ފަށަން ތަފާތު ގޮތްގޮތަށް ލުއިތައް ދީފައިވާ ކަމަށެވެ.
އެގޮތުން ރަށް ދިނުމަށްފަހު، ރިސޯޓު ހުޅުވުމުން ކުލި ދައްކަން ފަށަން ޖެހޭ ގޮތަށް ހަމަޖެއްސުމާއި ނުހެދި އޮތް ރަށެއްގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުމަށް ކުރިން 100،000 ޑޮލަރު ދައްކަން ޖެހުނަސް، މިހާރު ދައްކަންޖެހޭ އަދަދު 10،000 ޑޮލަރަށް ކުޑަކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިހާރު ނުހެދި ހުރި ރަށްތަކަށް ތިން އަހަރު ދުވަސް އިތުރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ތިން އަހަރު ދުވަހުގެ ތެރޭގައި ރިސޯޓު ތަރައްގީ ނުކޮށްފިނަމަ އެއްބަސްވުން ބާތިލުކޮށް، ރަށް ސަރުކާރަށް ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އަދިވެސް މަސައްކަތް ނުފަށައި ގިނަ ރަށްތަކެއް އޮތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރިސޯޓު ތަރައްގީކުރަން ރާއްޖޭގެ އެކި ހިސާބުތަކުން ދޫކުރި، 83 ރަށެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.