(28 މާޗުގެ އަދަދާ ގުޅޭ)

ނަބީބޭކަލަކު ނުވަތަ ރަސޫލު ބޭކަލަކު ދުނިޔޭގައި ހުންނަވަނިކޮށް އެބޭކަލެއްގެ ޤައުމުގެ އެހެންމީހަކަށް އެޤައުމެއްގެ އަމީރަކަށް ނުވެވޭނެއެވެ. އެބޭކަލަކު ދުނިޔޭގައި ހުންނެވުމުގެ ޝަރަފު އެޤައުމަކަށް ލިބިފައިވާހައި ދުވަހަކު އެޤައުމެއްގެ އަމީރަކީވެސް އަދި ޚަލީފާއަކީވެސް އެބޭކަލެކެވެ. މުޠާޢަކީވެސް މަލިކަކީވެސް އެބޭކަލެކެވެ. داؤد عـلــيـه السّـلام ގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ ނަބީރަސޫލެއްގެ ހައިސިއްޔަތުންނެވެ.

ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"اللّــه ގެ އިޒުނަފުޅާއެކު، ކިޔަމަންވުމަށްޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ." (الـنّسـاء:64)

ޙަޤީޤީ ޙާކިމަކީ اللّــه سبحـانــه وتـعــالــى އެވެ. ރަސޫލުންނަށް ކިޔަމަންވާންޖެހެނީވެސް އެކަލާނގެ އިޒުނަފުޅަށެވެ. ރަސޫލުންނަށްފަހު ކިޔަމަންވާންޖެހެނީ ޞައްޙަ އިންތިޚާބަކުން އިންތިޚާބުވެވަޑައިގެންފައިވާ އަމީރުންނަށެވެ. އަމީރަކު އިންތިޚާބުކުރާންޖެހޭނީ މުސްލިމުންގެ ތަންދޮރު ދެނެވަޑައިގަންނަވާ ހެޔޮވިސްނިވަޑައިގަންނަވާ ބޭކަލުންގެ ރައުޔުގެ މަތީންނެވެ. ޙަޤީޤަތުގައި ޖުމްހޫރިއްޔަތުގެ އަސާސަކީ މިދެންނެވި އިންތިޚާބީ މަސައްކަތެވެ. އެމަސައްކަތް ހިނގާ ގޮތެވެ. ޖުމްހޫރިއްޔަތެއްގެ އެންމެ އަސާސީ އުންސުރަކީ އެއީއެވެ. ނަބީރަސޫލު ބޭކަލުންނަކީ މާތް اللّــه އިންތިޚާބުކުރައްވާ ބޭކަލުންނެވެ. އެއީ އެކަލާނގެ މިންވަރުފުޅާ އެއްގޮތަށް ހިނގާ ކަމެކެވެ. ނަބީބޭކަލަކު ނުވަތަ ރަސޫލުބޭކަލަކު ވަޑައިގެން ނެތްހިނދެއްގައި އަމީރުން އިންތިޚާބުކުރައްވާނީ މުސްލިމުންގެ ތަންދޮރު ދެނެވަޑައިގަންނަވާ އަދި ތަންދޮރު ފިލައިވަޑައިގަންނަވާ ބޭކަލުންނެވެ. މުސްލިމުން މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީންނެވެ.

ޝައްކެއްނެތެވެ. ނަބީރަސޫލުންނަށްފަހު އިމާމުންނާއި އަމީރުންނާއި ޚަލީފާއިން އިންތިޚާބުކުރުމުގެ ޙައްޤުވަނީ އުންމަތަށް ދެއްވައިފައެވެ. އެއިންތިޚާބު ކުރިޔަށް ގެންދާންވާނީ މުސްލިމުންގެ މަޝްވަރާގެ މަތީންނެވެ. ނަސްލާއި ޚާންދާނުގެ ވިރާސަތުގެ ބިންގަލުގެ މައްޗަކުން ނޫނެވެ. ކީރިތި ޤުރްއާނުގައި އަމުރުކުރައްވައިފައިވާ ގޮތުގައި މުސްލިމުންގެ ހުރިހައިކަމެއް ކުރާންވާނީ މުސްލިމުންގެ މެދުގައި މަޝްވަރާ ކުރެވިގެންނެވެ. ކީރިތި ޤުރްއާނުގައި ވަނީ "އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތީންނެވެ." (الشّـــورى: 38) "އަދި ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ!" (آل عـمــران: 159) މިފަދައިންނެވެ.

އަރަހުށި މާތް اللّــه ކުރައްވައިފައިވާ އިންތިޚާބެއްގެ ޒަރީޢާއިން އަމިއްލަފުޅަށް އުންމަތުގެ ޤިޔާދަތަށް ވަޑައިގަންނަވާ ނަބީރަސޫލުން ފިޔަވައި އެހެން އެކަކަށްވެސް އަމިއްލަ ބާރުގައި ނުވަތަ އަމިއްލަ ރައުޔުގައި އަމީރަކަށް ނުވެވޭނެއެވެ. ޚަލީފާކަމާއި އަމީރުކަމަކީ ވަރަށްބޮޑު އަމާނަތެކެވެ. އެ އަމާނާތް އެކަމުގެ ޙައްޤު ވެރިޔަކާ ޙަވާލުކުރެއްވުމަކީ އުންމަތުގެ ޝޫރާއިން ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެކެވެ. އެބޭކަލުންގެ ހެޔޮލަފާފުޅާ އެއްގޮތަށް ކުރާންޖެހޭ ކަމެކެވެ. އަޑުގަދަކޮށްފައި ނުކުންނަ ކޮންމެ މީހަކީ އެމީހަކާ އެ އަމާނަތް ޙަވާލުކުރާންޖެހޭ މީހެއް ނޫނެވެ. މިޒަމާނުގެ ތަޢުބީރަކާ ގުޅުވައިގެން ދަންނަވާނަމަ ތިންވަނަ ގޮތެއް ހޯދުމުގެ ދަޢުވާއާއިގެން ނުކުންނަ ކޮންމެ މީހަކީ ވޯޓުދޭންޖެހޭ މީހެއް ނޫނެވެ. މާތް اللّــه ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހުލުވެރީންނަށް އަދާކުރުމަށް اللّــه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ." (الـنّسـاء: 58)

އާދެ މިބޮޑުސިންގާ އަމާނަތް ޙަވާލުކުރާންވާނީ އެކަމަށް އެކަށީގެންވާ މީހުނާއެވެ. އަމާނަތް ޙަވާލުކުރެވޭ މީހާވެސް ޚުދު ތިމާއަކީ އަފޫރުއްބަ އަމާނަތަކާ ޙަވާލުވެހުރި މީހެއްކަން އަބަދުވެސް ހަނދާން ބަހައްޓާންވާނެއެވެ. މާތް اللّــه ގެ ޙަޟުރަތުގައި ތިމާ ޖަވާބުދާރީވާންޖެހޭނެކަން ހަނދާނުން ކެހުނަދީގެން ނުވާނެއެވެ. އެހެނީ އެންމެ މަތިވެރި ޙާކިމަކީ ޚުދު اللّــه سبحـانــه وتـعــالــى އެވެ. ދުނިޔަވީ ޙާކިމެއްގެ ނުވަތަ އަމީރެއްގެ މަސައްކަތްޕުޅަކީ އަރަހުށި މާތް اللّــه ގެ ޙުކުމްފުޅުތައް ތަންފީޒު ކުރެއްވުމެވެ. ޝައްކެއްނެތެވެ. އިސްލާމީ ވެރިކަމަކީ އިންތިޚާބީ އަދި ޝޫރާއީ ނިޒާމެކެވެ. ޖުމްހޫރިއްޔަތެއްގެވެސް އެންމެބޮޑު ޝަނާހަތަކީ (އައިޑެންޓިޓީއަކީ) އެއީއެވެ. އިންތިޚާބީ އަދި ޝޫރާއީ ނިޒާމުގެ އަހަންމިއްޔަތު އިންތިހާޔަށް ބޮޑެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم އަށްފަހު އިސްލާމީ އުންމަތުގެ ޤިޔާދަތަށް އެންމެ ލާއިޤު ބޭކަލަކީ أبــوبكــر الصّـدّيــق رضى اللّــه عـنــه އެވެ. އެހެންކަމާއެކުވެސް ކައުސާހިބާ صلّــى اللّــه عليـه وسلّـم، أبــوبكــر ގެފާނަކީ އެމާތް ސާހިބާގެ ނާއިބެއްކަމަކަށް ޞަރީޙުގޮތެއްގައި ޢައްޔަނެއް ނުކުރައްވައެވެ. ވަލީޢަހްދަކަށްވެސް ހަމައެއް ނުޖައްސަވައެވެ. ޝައްކެއްނެތެވެ. ނުސީދާ އިޝާރަތްތަކެއް ކުރެއްވިއެވެ. އިތުރު ސާހިބާއަށްފަހު ނަމާދުގެ އިމާމަކީ أبــوبكــر ގެފާނު ކަމުގައި ހަމަޖެއްސެވިކަމީ ނަބިއްޔާއަށްފަހު އިސްލާމީ ވެރިކަން ތަރުތީބުވެގެން އަންނާނެގޮތުގެ މައްޗަށް ކުރެއްވި ނުސީދާ އިޝާރަތެކެވެ. އެފަދަ އިޝާރަތެއް ކުރެއްވި ކަމުގައިވިޔަސް ޢަމަލީ ސިފަގެންނެވުން ދޫކޮށްލެއްވި މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީންގެ އަތްޕުޅުމައްޗަށެވެ. އެހެންކަމުން އުންމަތުގެ އަމީރަކު އިންތިޚާބު ކުރެއްވުމަކީ އުންމަތުގެ ހެޔޮލަފާ ޞާލިޙު ކަމުވޮށީން އެކަމަށް މަގުދައްކަވާން ޖެހިވަޑައިގަންނަވާ ކަމެކެވެ.

އިސްލާމީ ތާރީޚުގެ އެންމެ ހެޔޮކަންބޮޑު ދައުރުގައި އަމީރުން އިންތިޚާބުކުރުމުގައި ޢަމަލުކުރެވިފައިވާގޮތަށް ބަލާއިރު ތިންގޮތެއް ފާހަގަކުރެވެއެވެ.

1. ކަމުވޮށީންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީންގެ ބައިޢަތު:

މުސްލިމުންގެ ކަމުވޮށީންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީން އިއްތިފާޤުން ވަކިބޭކަލަކު އަމީރަކު ކަމުގައި އިންތިޚާބު ކުރެއްވުމުން ހުރިހައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެ އިންތިޚާބާއި އެނިންމެވުން ޤަބޫލުކުރުމެވެ. أبــوبكــر رضى اللّــه عـنــه ގެ ޚިލާފަތު ފެށުނުއިރު ކަންތައް ހިނގައިފައިވާ ފަދައިންނެވެ. އާދެ، މުސްލިމުންގެ ކަމުވޮށިވެގެންވާ ބޭކަލުންނާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީން އެކަލޭގެފާނު ޚަލީފާކަމަށް ޢައްޔަންކުރެއްވީއެވެ. އެއަށްފަހު އެންމެހައި މުސްލިމުން އެކަން ޤަބޫލުކޮށް އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފީއެވެ.

2. އިސްތިޚްލާފު ކުރެއްވުން:

އިސްތިޚްލާފު ކުރެއްވުމުގެ މަޠުލަބަކީ ޚަލީފާ އެބޭކަލެއްގެ ޙަޔާތްޕުޅުގެ ފަހުކޮޅު އުންމަތުގެ ކުރިޔަށްތިއްބަވާ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީންނާ މަޝްވަރާ ކުރައްވައިގެން ޚަލީފާކަމުގެ ޝަރުޠު ހަމަވާބޭކަލަކު ހޮއްވަވައި އެބޭކަލަކު ޚަލީފާކަމަށް ހޮވަން ވަޞިއްޔަތް ކުރެއްވުމެވެ. أبــوبكــر رضى اللّــه عـنــه ވަނީ عبـدالــرّحمــن بــن عــوف އާއި عـثمـان بــن عـفّــان އާއި سعـيد بــن زيــد އާއި، أسيــد بــن حضيـر އާއި އަދި މިނޫންވެސް އަންޞާރުންނާއި މުހާޖިރުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީންކުރެ ވަރަށްގިނަ ބޭކަލުންނާ (رضـى اللّــه عنـهــم) މަޝްވަރާ ކުރައްވައިގެން عــمــر رضى اللّــه عـنــه އިންތިޚާބު ކުރައްވައިފައެވެ. އިސްތިޚްލާފު ކުރެއްވުމުގައި އެކަން ކުރައްވާ ބޭކަލަކީވެސް އިސްތިޚްލާފުކުރެވޭ ބޭކަލަކީވެސް ޚަލީފާކަމުގެ ޝަރުޠު ހަމަވާ ބޭކަލަކު ކަމުގައިވުން ލާޒިމެވެ. ޚަލީފާ އެބޭކަލެއްގެފަހުން ޚަލީފާއަކަށް ވެވަޑައިގަންނަވާނެ ބޭކަލަކު ހޮއްވެވުމުގައި އަމިއްލަފުޅު ރައުޔާއި ރުހިވަޑައިގެންނެވުމުގެ ބަދަލުގައި ބައްލަވާންވާނީ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީންގެ މަޝްވަރާއަށެވެ.

3. ޝޫރާއެއްގެ ޒަރީޢާއިން އިންތިޚާބުކުރުން

އިންތިޚާބުގެ ތިންވަނަގޮތަކީ ޝޫރާއެއްގެ ޒަރީޢާއިން އަމީރަކު ނުވަތަ ޚަލީފާއަކު އިންތިޚާބު ކުރުމެވެ. އާދެ އަމީރަކަށް ނުވަތަ ޚަލީފާއަކަށް ހުންނަވާ ބޭފުޅަކު އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ތެރެއިން ޖަމާޢަތެއް ޢައްޔަންކުރައްވައި އަމީރު ނުވަތަ ޚަލީފާއަށްފަހު އެޖަމާޢަތުގެ ބޭކަލުން މަޝްވަރާ ކުރައްވައިގެން އެބޭކަލުންގެ ތެރެއިން އެއްބޭކަލަކު އަމީރުކަމަށް ނުވަތަ ޚަލީފާކަމަށް ޢައްޔަންކުރައްވަން ވަޞިއްޔަތްކުރެއްވުމެވެ. أميـــرالمـؤمـنــيـن عـمــر رضى اللّــه عنــه އެކަލޭގެފާނަށްފަހު ވެރިކުރައްވާނެ ޚަލީފާއަކު ޢައްޔަންކުރައްވަން ހަމެމްބަރުންގެ މައްޗަށް އެކުލެވޭ ޝޫރާއެއް ޢައްޔަންކުރެއްވި ފަދައިންނެވެ. عـمــر ގެފާނު އަވަހާރަވުމަށްފަހު أميـــرالمـؤمـنــيـن عـثمـان رضى اللّــه عنــه ޚަލީފާކަމަށް ޢައްޔަންކުރެއްވީ މިދެންނެވި ޝޫރާއިން މަޝްވަރާކުރައްވައިގެން އެބޭކަލުންގެ މަޝްވަރާއިންނެވެ.

(ނުނމޭ)