ޚަބަރު

ޓޫރިޒަމް އިިންޑަސްޓްރީގެ ޕްރޮޑަކްޓުތައް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލަން ފަންޑިން މެކޭނިޒަމެއް ގާއިމުކުރަންޖެހޭ: މިނިސްޓަރު

އިބްރާހިމް ޒަކީ

ޓޫރިޒަމް އިިންޑަސްޓްރީގެ ޕްރޮޑަކްޓުތައް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލުމަށް ފަންޑިން މެކޭނިޒަމެއް ގާއިމުކުރަންޖެހޭ ކަމަަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، ޓޫރިޒަމަށް ރަށްތައް ތަރައްގީކުރުމަށް ފަންޑު ހޯދަން ސަރުކާރުން ސޮވެރިން ގެރެންޓީ ނުދެނީ ކީއްތޯ، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލިސް ޖަލްސާގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަންޑިން ލިބޭގޮތް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ރާއްޖޭގައި ގިިނަ ރިސޯޓުތައް ނުހެދި އޮތީ ހަދާނެ ފައިސާ ނެތިގެން ކަމަށެވެ. އަދި ދިވެހިންނަށް ރިސޯޓް އޯނާޝިޕް ލިބުން މަދުވެގެން ދަނީވެސް ރާއްޖޭގައި ފަނޑިން ނުލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރިސޯޓު ހަދަން ބޭރުން އަންނަ މީހުން ވެސް ގެންނަނީ އެމީހުންގެ އަމިއްލަ ފައިސާ ނޫން ކަމަށާއި އެމީހުން ފަންޑިން ގެންނަނީ، ރަނގަޅު ރޭޓެއްގައި ބޭރުގެ ކޮންމެވެސް ބޭންކަކުން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން ރާއްޖެއިން ދިވެހި ކުޅަދާނަ އިންވެސްޓަރުންނަށް ފަންޑިން ލިބޭނެ ގޮތެއް ހޯދައިދެވިއްޖެ ކަމަށްވަންޏާ މިކަންތައް ލުއިވާނެ، އެހެންވީމާ ދިވެހިންގެ އަތަށް ދިވެހި ޓޫރިޒަމް އިންޑަސްޓްރީގެ ސަޕްލައި، ޕްރޮޑަކްޓް އޯނާޝިޕް، ފުރޮޅާލަން ބޭނުމިއްޔާ އަޅުގަނޑުމެން އެބަޖެހޭ އިންޓާނަލް މެކޭނިޒަމެއް، ފަންޑިން މެެކޭނިޒަމެއް ހޯދަން ދިވެހިންނަށް ފަންޑިން ލިބޭނެ ގޮތެއް ހޯދަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް ތަަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން، ނުހެދި ގަލުގައި އަޅާފައިވާކަމަށް ބެލެވޭ 83 ޕްރޮޖެކްޓް (83 ރަށް) އެބައޮތް ކަމަށެވެ.