އަވައްޓެރި ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ފައިސާގެ އެހީ އާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، އަވައްޓެރި ސްރީލަންކާގެ ސިޔާސީ އަދި އިގްތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން އެ ގައުމުގައި މުޒާހަރާ ކުރުމާއި ހަމަނުޖެހުންތައް އިތުރުވެ އެތައް ގަޑިއިރުތަކަކަށް ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް މެދުކެނޑި އެ ގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ.

އެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހި ކިޔަވާކުދިންނާއި އަންހެނުންނާއި ގިނަ އަދަދެއްގެ އާއްމު ދިވެހިން ދިރިއުޅެމުންދާ ތަނަކަށް ވާއިރު، ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށްވެސް ކެއިން ބުއިމަށް ބޭނުންވާ ތަކެތި ނުލިބުމާއި، ގިނަވަގުތު ކަރަންޓް ނުލިބުމުގެ ސަބަބުން، ލިބޭ މަދު ކާބޯތަކެތީގެ ބާވަތްތައްވެސް ފްރިޖުގައި ރައްކާ ކުރުމަށް ދަތިވުމާއި ދަތުރުފަތުރުކުރަން ދަތިވެ، އެތައްވޭނަކާއި ތުރާލެއް ތަހައްމަލު ކުރަމުންދާ ކަމަށްވެސް ވިދާވިއެވެ.

ހާއްސަކޮށް މި ރަމަޟާންމަހުގެ ދުވަސްތައް ދިވެހިންނާއި، އެގަމުމުގެ މުސްލިމުން ހޭދަ ކުރަމުންދަނީ ބަޔާންކުރަންދަތި، ނިކަމެތި، ހާލެއްގައިކަމަށްވާތީ، ލަންކާގައި ތިބި ދިވެހި ކިޔަވާކުދިންނާއި ކުޑަކުދިންނާއި، ޅަދަރިމައިންނާއި އަންހެނުންނާއި އެހެނިހެން ދިވެހިންގެ ހާލަތު ދުވަހުން ދުވަހަށް، ވަކިވަކިން މޮނީޓާ ކުރުމަށާއި ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެފަރާތްކަށް މާލީ އެހީ އާއި އިންސާނީ އެހީތެރިކަން ވީހާވެސް އަވަހަށް ސަރުކާރުން ފޯރުކޮށްދިނުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

މި މައްސަލައަށް ބަހުސްކުރޭތޯ ނެގި ވޯޓުގައި، މއްސަލައަށް ބަހުސް ކުރަން ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 11 މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއެވެ. ފާސްކުރަން 28 މެންބަރުން ވޯޓުދެއްވަން ޖެހެއެވެ.