ޚަބަރު

ހިޔާ ފްލެޓު ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދިނުން މަނާކޮށްފި

އަލީ ޔާމިން

ހިޔާ ފްލެޓު ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދިނުން މަނާކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓް ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، އެފަދަ ތަންތަނުންދޭ ހިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ، އެ ތަންތަނުގެ ހިދުމަތް ދެމުންދަނީ ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން މާދަމާގެ ނިޔަލަށް ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކޮށް އެފަދަ ހިދުމަތްތައް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ، މާދަމާގެ ފަހުން ހިޔާ ފްލެޓް ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކަށް ފިޔަވަޅު އަޅައި ނުނަގާ ހުރި ތަކެތި ނަގައި ސާފު ކުރާނެ ކަމަށެވެ.