ޔުކްރޭނުގެ ހަނގުރާމަޔަށް ހަ ހަފުތާ ފުރެނީއެވެ. މިހިސާބަށް ދިޔައިރު ހަނގުރާމައިގެ އޮއިވަރު ބަދަލުވެއްޖެކަމުގެ ނިޝާންތައް މިހާރު އެބަފެނެއެވެ. ގިނަ މީހުން ހީކުރިވަރަށްވުރެ ޔުކްރޭނު މީހުންގެ ހިތްވަރު ގަދައެވެ. ރޫސީންގެ ކުރިއެރުމަށް ހުއްޓުން ގެނެސްފިއެވެ. މިހާރު ފެންނަމުންދަނީ ހަނގުރާމައިގެ އޮއިވަރު ޔުކްރޭނުގެ ވެރިރަށް ކިއެވްއާ ދުރަށް ޖެހެމުންދާ މަންޒަރެވެ. ޔުކްރޭނުގެ އިރުމަތިން ކްރައިމިޔާ އާއި ޑޮންބާސްއާ ދިމާލަށް ރޫސީން ފަހަތަށް ޖެހެމުންދާ މަންޒަރެވެ. ހަނގުރާމައަށް ނިމުމެއް ގެނައުމުގެ ގޮތުން މަޝްވަރާގެ އުސޫލަށް އިސްކަންދިނުންވެސް މިހާރު ވަނީ ބޮޑުކޮށްފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދެން ލަސްތަކެއް ނުވެ ހަނގުރާމަޔަށް ނިމުން އަތުވެދާނޭކަން ގަބޫލުކުރެވޭ ހިސާބަށް ކަންކަން ފިނިވަމުންދާ މަންޒަރު މިހާރު އެބަފެނެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ ސައުވީސްވަނަ ދުވަހު ރޫސީ ލަޝްކަރުތައް ޔުކްރޭނަށް އަރައިގަތީމާ ޔުކްރޭނުގެ ދުވަސް ދިޔައީ ކަމަށް ހީކުރެވުނެވެ. ރައީސް ޒެލެންސްކީގެ ވެރިކަންވެސް ދެން ނިމެނީ ކަމަށް ބެލެވުނެވެ. ހުރިހާ ގޮތަކުންވެސް ވަރުގަދަ ޒަމާނީ ހަތިޔާރާއެކު އަރައިގަތް ލަޝްކަރު ހުއްޓުވޭނޭ ގޮތެެއް ޔުކްރޭނަށް ނުހޯދޭނެކަމަށް ހީކުރެވުނެވެ. ވެރިރަށް ކިއެވް ހިފުމާއެކު ރައީސް ޒެލެންސްކީގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ރޫސީންގެ މަގްސަދެއްކަން ހަމަ ފާޅުގައި ރޫސީން ވަނީ އިއުލާންވެސް ކޮށްފައެވެ. ޔުކްރޭނުގައި ރޫސީން ގާއިމް ކުރާ ގޮނޑިކޮއްކޮ ސަރުކާރަކުން ޔުކްރޭނުގެ އިރުމަތީ ފަޅިޔާއި ކްރައިމިއާ ރޫސީންނަށް ދޫކޮށްލަން އެއްބަސްވެދާނެއެވެ. ދެން ބާކީ އޮންނަ ބަޔަކީ ނޭޓޯ އާއި ރަޝިޔާއާ ދެމެދު އޮންނަ މައިދާނަކަށް ހެދިދާނެއެވެ. ރަޝިޔާގެ ރައީސް ޕުޓިންގެ ވިސްނުންފުޅަކީ މިއީއެވެ.
ހުރިހާ ދިމާލަކުން ރޫސީން އަރައިގަތީމާ ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ވެރިރަށް ކިއެވް ރޫސީން ހިފާނޭ ކަމަށް ކުރެވުނު ހީތަކުގެ ސަބަބުން އެމެރިކާޔާއި އިޒްރޭލާއި މިހެންގޮސް ވަރަށް ގިނަ ގައުމުތަކުން ރައީސް ޒެލެންސްކީއާއި އާއިލާއަށް ހިމާޔަތުގެ ދައުވަތުވެސް ދިނެވެ. އެކަމަކު ގައުމު ދޫކުރައްވައި ބޭރަށް ވަޑައިނުގެން ޒެލެންސްކީ މަޑުކުރެެއްވީއެވެ. މީގެ 8 އަހަރު ކުރިން ރޫސީ ސިފައިން ކްރައިމިއާ ހިފިއިރަށްވުރެ ޔުކްރޭނުގެ ސިފައިންގެ ކަންކަން އިންތިޒާމްކުރެވިފައިވާ މިންވަރު މިހާރު ބޮޑެވެ. އޭރަށްވުރެ ހަތިޔާރުވެސް ގިނައެވެ. ސިފައިންގެ އަދަދުވެސް އިތުރެވެ. އެހެންވީމާ އެންމެ ދެހަފުތާ ތެރޭގައި ރޫސީންގެ ކުރިއެރުންތައް ޔުކްރޭނުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ދުނިޔެއިން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ރޫސީންގެ އިގްތިސާދުވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މިކަންކަން މިހެން ހުރުމުން ހަނގުރާމައިގެ މިފިޔަވަހި ނިންމައިލުން ނޫން އެހެން މަގެއް ރޫސީވިލާތަކަށް ނެތެވެ. ލިބުނު އެއްޗަކާއިގެން ފޭބުން ނޫން އިތުރު ގޮތެއްވެސް ނެތެވެ. ކްރައިމިޔާ އާއި ޑޮންބާސް ސަރަހައްދަށް ރޫސީ ލަޝްކަރުތައް ފަހަތަށް ޖެހުމުގެ މާނަޔަކީ ރައީސް ޕުޓިން ފެއްޓެވި ހަނގުރާމައިން ރޫސީންނަށް ނާކާމިޔާބުވެއްޖެ ކަމަށް ނުސީދާކޮށް އިއުތިރާފް ވުމެކެވެ. މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ކުރިން ރޫސީން އިސްކަން ނުދޭ މިންވަރަށް މިހާރު އިސްކަން ދިނުމުގެ ސިއްރަކީ އެއީއެވެ. ޑޮންބާސް ސަރަހައްދާއި ކްރައިމިއާގައި ރޫސީ ލަޝްކަރު ބަނޑަހަ ޖަހައިގެން ތިބެ ހަނގުރާމަ ހުއްޓައިލިޔަސް މި މައްސަލަ މިހިސާބުން އަދި ނިމޭނޭ ކަމަށް ނުބެލެވެއެވެ. ސަރަހައްދީ މިލްކުވެރިކަމުގެ އަރައިރުންތައް ކުރިއަށް އޮތީއެވެ.
ޑޮންބާސް އާއި ކްރައިމިއާގެ މައްޗަށް ރޫސީންގެ ސިޔާދަތީ ހައްގު އޮތްކަމަށް ރުހި ސުލްހައިގެ އަހުދުނާމާއެއްގައި ޔުކްރޭނުން ސޮއިކުރުމަކީ ގާތްކަމެއް ނޫނެވެ. ޔުކްރޭނުގެ ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވަނީ ހަނގުރާމައިން ޔުކްރޭނު މޮޅުވެއްޖެ ކަމުގައެވެ. އެހެންވީމާ ޔުކްރޭނުގެ ބޮޑު ބައެއް ރޫސީވިލާތަށް ދޫކޮށްލުމަކީ ޔުކްރޭނުގެ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ހަމައެހެންމެ ހަނގުރާމައިގެ އޮއިވަރު ބަދަލުވެގެން ދިޔަގޮތުން ހުޅަނގުގެ ގައުމުތަކުންވެސް ރޫސީންނަށް ދުލެއްދީގެން މިކަން ނިންމައިލަން ބޭނުމެއް ނުވާނެއެވެ. ރައީސް ޕުޓިންގެ ސަރުކާރު ވެއްޓޭ މިންވަރަށް ޕްރެޝަރު ޖައްސަން ބޭނުންވާނެއެވެ. އެހެންވީމާ ޑޮންބާސް އާއި ކްރައިމިއާގެ މިލްކުވެރިކަން ރޫސީންނަށް އޮތްކަމަށް ހުޅަނގުން ގަބޫލެއް ނުކުރާނެއެވެ. އެފަދަ ކަމަކަށް ޔުކްރޭނަށް ހިތްވަރެއްވެސް ނުދޭނެއެވެ.
މަތީގައި ބަޔާންކުރެވުނީ އެއްބަސްވުމެއް ގާއިމް ނުކުރެވި އަދި ދެނެގަތުމެއް ނެތި ހަނގުރާމަ މެދުކަނޑާލައިގެން ދެން ދިމާވެދާނެ ގޮތުގެ ވާހަކައެވެ. ރަޝިޔާއަކީ އާދައިގެ ގައުމެއް ނޫނެވެ. އެހެންވީމާ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ނުކުރެވި މި މައްސަލަޔަށް ދާއިމީ ހައްލެއް ގެނެވޭނޭ ގޮތެއް ނޯންނާނެއެވެ. ދާއިމީ ހައްލެއް ނުފެނި މިކަން އަބަދުވެސް ހުޅުފަޅައިގެންދާން ދޫކޮށްލެވިފައި އޮންނަ މައްސަލައަކަށްވަނީ ވިއްޔާ މިއަށްވުރެ މާ ނުރައްކާތެރި ހަނގުރާމައެއް ފެށެންވެސް މަގުފަހިވެދާނެއެވެ. އެހެންވީމާ އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދާއި ޗައިނާޔާއި އިންޑިޔާވެސް ހިމެނޭގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކަށް މަޖްބޫރުވާނީ ރަޝިޔާ ރުހޭ ގޮތެއްގެ މަތިން މިކަން ހައްލުކުރުމަށް ޔުކްރޭނަށް ބާރު އެޅުމަށެވެ. ގަބޫލުކުރާ ހިތް އޮތީ އެއަމާޒަށް އެންމެންވެސް މަސައްކަތް ކުރާނޭ ކަމުގައެވެ.