އަވަށްޓެރި ސްރީ ލަންކާގައި ހަމަނުޖެހުން ބޮޑުވެ 36 ގަޑިއިރުގެ ކާފިއު އިއުލާނުކޮށްފިއެވެ.
ލަންކާގައި ކާފިއު އިއުލާނުކޮށްފައިވަނީ ހޮނިހިރު ދުވަހު އެ ގައުމުގެ ގަޑިން ހަވީރު 6.00 އިން ފެށިގެން ހޯމަދުވަހުގެ ހެނދުނު 6.00 އާއި ހަމައަށެވެ.
އިގުތިސާދު އަޑިއަޅާލާފައިވާ ލަންކާގެ އާއްމު ރައްޔިތުން ރުޅިގަދަވެ ހިންގަމުން އަންނަ މުޒާހަރާތަކުގައި ހަމަނުޖެހުން އިތުރުވަމުން ދިއުމާއި ގުޅިގެން ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ ހުކުރު ދުވަހުން ފެށިގެން އެގައުމުގައި ކުއްލި ހާލަތުވެސް އިއުލާނުކޮށްފައެވެ. ރައްޔިތުންނަށް ލިބިދޭން ޒަރޫރީ ބޭނުންތަކުން މަހުރޫމުވެ، ގައުމު މިހާލަތަށް ވައްޓާލުމުގެ ޒިއްމާ ރައީސްގެ އިސްތަށިފުޅުގައި އަޅުވައި އެމަނިކުފާނުގެ އިސްތިއުފާއަށް ގިނަބަޔަކު ގޮވަމުން އަންނައިރު، ފުލުހުންނާއި ކުރިމަތިލައި ކުރިއަށް ގެންދާ ހަމަނުޖެހުންތަކުން ފުލުހުން ދަނީ އާއްމުންގެ ގިނަބަޔަކު ހައްޔަރުވެސް ކުރަމުންނެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ އިގުތިސާދު ހީނަރުވެ ބޭރުފައިސާ ލިބުން ދަތިވެގެން ގޮސްފައިވާއިރު އެގައުމުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް %70 އަށް ވެއްޓި އިމްޕޯޓު މުދާ އެތެރެކުރުމަށް ވަނީ ބުރޫ އަރައިފައެވެ. އޭގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ކާޑުގެ ބާވަތްތައް ލިބުން ދަތިވުމުގެ އިތުރުން ތެލާއި ހަކަތަ ލިބުން އިންތިހާއަށް ދަތިވެ އެގައުމުގައި އަންނަނީ ކަރަންޓުގެ ހިދުމަތްވެސް 13 ގަޑިއިރަށް ކަނޑަމުންނެވެ.
ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖެނެރޭޓަރުތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގެ ގޮތުން ލަންކާގައި ހުންނަ އިންޑިއާގެ ތެލުގެ ސަބްސިޑިއަރީ ކުންފުނި އޯއައިސީ - އިންޑިއަން އޮއިލް ކޯޕަރޭޝަން އިން ވަނީ 6000 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދޭން ނިންމާފައެވެ. އޭގެ އިތުރުންވެސް ލަންކާގައި އާއްމުން ކާޑުގެ ބާވަތްތަކަށް ޖެހިފައިވާ އިރު އިންޑިއާއިން ވަނީ 40،000 ޓަނުގެ ހަނޑޫ ކަނޑުމަގުން އެގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި އިއްޔެ ބުނެފައެވެ.
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް އެގައުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވާހަކަތަކެއްވެސް އިއްޔެ ވަނީ މީޑިއާގައި ދައުރުވެގެން ގޮސްފައެވެ. ނަމަވެސް ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ އެހަބަރު ދޮގުކޮށްފައެވެ. ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީ ކަމަލް ގުނަރަތުނެ ލަންކާ މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ އެގައުމުގައި އިތުރު ގައުމެއްގެ ސިފައިން ހަރަކާތްތެރިވަމުން ނުދާކަމަށާއި، ގައުމުގެ ހާލަތު ކޮންޓްރޯލުކުރުމުގެ ކުޅަދާނަކަން އެގައުމުގެ ދިފާއީ ބާރަށް ލިބިފައިވާކަމަށެވެ. އަދި މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަކީ މީގެ އަހަރެއް ކުރިން ލަންކާގައި އިންޑިއާ ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގެ ފޮޓޯތަކެއް ކަމަށްވެސް ގުނަރަތުނެ ވަނީ ޔަގީންކޮށްދެއްވާފައެވެ. ޑިފެންސް މިނިސްޓްރީގެ އިތުރުން އިންޑިއާގެ ހައިކޮމިޝަނުންވެސް ވަނީ ދައުރުވަމުން ދަނީ ދޮގު ހަބަރެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ