ރަމަޟާން މަހު ހިޔާފްލެޓްތަކުން ކުލި ނަގަން ފެށުމުން އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، ކުލި ނެގުން ފަސްކުރުމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ހިޔާ ފްލެޓްތަކަށް ދޫކޮށްފައިވާ ގްރޭސް ޕީރިއަޑް ހަވަވުމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެ ވަނީ ފްލެޓްތަކުން ކުލިނަގަން ފަށައިފައެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 8,500 ރުފިޔާއެވެ.
ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ފަސްކޮށްދެމުން ދިއުމަށްފަހުއެވެ. އެންމެ ފަހުން ސަރުކާރުން ކުލި ފަސްކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު އިތުރު ތިން މަސްދުވަހަށް ހިޔާ ފުލެޓުތަކުގެ ކުލި ފަސްކޮށްދިނުމަށް ނިންމިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ތިން މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.
ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށުމާ ގުޅިގެން ޑރ. މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަމަޟާން މަހަކީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވާ މަހެއް ކަމަށެވެ. އަދި ރަމަޟާން މަހުގައި ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށުމުން އެތަނުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ހަރަދު ބޮޑުވާ މަހު (ރަމަޟާން މަހު) ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭ ކަމެއް. މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީހު ފަސްކޮށްދެއްވުމަށް ގޮވާލަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެޗްޑީސީން ހިޔާ ފުލެޓުތަކުގެ ކުލި ނަގަން ފަށާފައި މިވަނީ ކުލި ކުޑަކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލަމުންދަނިކޮށެވެ. ކުލި ކުޑަކޮށްދިނުމަށް ގޮވާލައި ގިނަ ބައެއްގެ ސޮޔާއެކު ދާދިފަހުން ވަނީ އެޗްޑީސީއަށް ވެސް ހުށަހަޅައިފައެވެ. ކުލި ކުޑަކޮށްދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދަނީ ހިޔާ ފުލެޓުތަކަށް ބަދަލުވާން އެކި ގޮތްގޮތުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ސްކީމްތަކަށް ފައިސާ ދައްކަމުން އެހާ ބޮޑު ކުއްޔެއް ދައްކަން ޖެހުން ވާނީ އާންމުންނަށް ވަރަށް ދަތި ކަމަކަށް ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު