ކިންގް ސަލްމާން މިސްކިތުގައި ނަމާދަށް ދާމީހުންނަށް ޕާކިން ޒޯނެއް ހަދާނެ ފުރުސަތު ސަރުކާރުން ދީފައިނުވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަލްމާން މިސްކިތަށް އިއްޔެ ނަމާދުކުރަން ދިޔަ ގިނަ ބަޔަކު ސައިކަލު ޕާކުކޮށްފައިހުރީ ބޮޑުތަކުރަފާނު މަގުގެ މެދުގައެވެ. ސަލްމާން މިސްކިތް ކައިރީގައި ޕާކިން ޒޯނެއް ހަދާފައި އޮތަސް އެތަނުގައި އިއްޔެ ނަމާދުކުރަން ދިޔަ އެންމެން ސައިކަލް ޕާކުކުރާނެ ޖާގައެއް ނެތެވެ. އެހެންވެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލަށް ފާޑު ކިޔައިފައެވެ.
ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް ޑރ. މުއިއްޒު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަލްމާން މިސްކިތަށް ނަމާދުކުރަންދާ މީހުންގެ އުޅަނދުތައް ޕާކުކުރަން ކުރީ ސަރުކާރުން ޕްލޭން ކޮށްފައިވަނީ ސޯމިލް ބިމުގައި ކަމަށެވެ. އެބިން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ރޯދައިގެ ކުރިން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ބަލަހައްޓަނީ ސަރުކާރުން ކަމަށާއި އެ މިސްކިތް ސަރުކާރުން، ސިޓީ ކައުންސިލާ ހަވާލުކޮށްފައިނުވާ ކަމަށެވެ.
"މިސްކިތަށް ދާ ފަރާތްތަކަށް އެކަށީގެންވާ ޕާކިންގް އޭރިއާ އެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ޕްލޭންގައި އޮންނާނީ ސޯމިލް ބިމުގައި ކަނޑައަޅާފައި. އެހެންކަމުން އެ ބިން އަޅުގަނޑުމެންނާ ހަވާލުކޮށްދެއްވައި އެތާނގައި ދުރާލާ ސައިކަލް ޕާކް ކުރެވޭނެ ސަރަހައްދެއް ސިޓީ ކައުންސިލުން ރޯދައިގެ ކުރިން ހެދުމުގެ ފުރުސަތަށް އެދުމުން ނުދިން. ސޯމިލް ބިން އެ އޮތީ ބޭކާރުކޮށް، ޕަބްލިކް ވޯކާސްގެ ބޭރު މުވައްޒަފުން ނިންދަވާ ތަނެއްގެ ގޮތުގައި އަދި އެ މީހުން ވެހިކަލް ޕާކް ކޮށްފައި އޮންނަ ތަނެއްގެ ގޮތުގައި، ސޯމިލް ހުސްކޮށް ޕާކިން ޒޯންއެއް ހަދަން އެމްސީސީ (މާލޭ ސިޓީ ކައުންސިލް) އިން ކުރި މަސައްކަތައް އެއްބާރުލުން އަދި ނުލިބޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ސޯމިލް ބިން ސިޓީ ކައުންސިލާ ހަވާލުނުކުރަން ސަރުކާރުން މަސައްކަތްކުރާ ސަބަބު އެނގިފައިނުވާ ކަމަށާއި އެ ބިމުގައި ޕާކިން ޒޯން ހެދުމަށް ކުރަން ޖެހޭ ކަންކަން އަދިވެސް ކުރަމުން ގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ،. މުއިއްޒު ވިދާޅުވީ ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފެށީތީ އުފާކުރާ ކަމަށެވެ. އަދި އެ މިސްކިތް ހެދުމުގެ ޕްރޮޖެކްޓް ހިންގީ އެއިރުގެ ހައުސިން މިނިސްޓްރީންކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެ ޕްރޮޖެކްޓް ނިމެން ޖެހޭ އެންމެ ލަސް ތާރީހަކީ ޖުލައި 2019 ގައިކަން އެ ކަމުގައި އުޅުނު އެންމެނަށް އެނގޭނެ ކަމަށެވެ.
ނަމަވެސް އެ މިސްކިތް ނުނިންމައި ދެ އަހަރު ދިޔަ ކަމަށާއި ރަސްމީކޮށް ނުހުޅުވުނަސް ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް މާލޭ ރައްޔިތުންގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހުގެ އަރިހުގައި މިދިޔަ އަހަރުގެ މެއި މަހު އެދިފައިވާނެ ކަމަށެވެ.