ރަމަޟާން މަހާ ބައްދަލުކުރާއިރު ރާއްޖެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި އާންމު ކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތުވެސް އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައިވާ ކަމަށާއި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމުގައިވެސް އެތައް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މިފެށޭ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުވާއިރު، ގައުމު އޮތް ހާލަތަށް ބަލާއިރު، ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގަ. އެގޮތުން ބަލާއިރު ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވުމުގެ އިތުރުން އިގުތިސޯދީ ހާލަތުވެސް އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައިވާކަން ފާހަގަކުރަން،" ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެހުރިހާ ކަމަކުން ގައުމު ސަލާމަތްކޮށްދިނުމަށާއި ގައުމު އަލުން އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބީ މިންވަރު ކުރެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް ގައުމަށާއި ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާފައިވާ މައްސަރެއްކަމުގައި ލެއްވުމަށް ވެސް ދުއާ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.