ސަރުކާރުން ދޫކޮށްފައިވާ ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށައިފިއެވެ.
ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ފަސްކޮށްދެމުން ދިއުމަށްފަހުއެވެ. އެންމެ ފަހުން ސަރުކާރުން ކުލި ފަސްކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުުގެ ތެރޭގައެވެ. އޭރު އިތުރު ތިން މަސްދުވަހަށް ހިޔާ ފުލެޓުތަކުގެ ކުލި ފަސްކޮށްދިނުމަށް ނިންމިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ތިން މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ އިއްޔެ އިން ފެށިގެން ހިޔާ މަޝްރޫއުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ފުލެޓުތަކުގެ އެއްބަސްވުމުގެ ހަވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓް ފީ އިއްޔެއިން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާ, އޮންލައިންކޮށް އަދި އެޗްޑީސީ ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ދެއްކެއެވެ. އޮންލައިންކޮށް ފައިސާ ދެއްކޭނީ, އެޗްޑީސީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "މައި ހުޅުމާލެ" ވެބް ޕޯޓަލް ލިންކް (https://my.hdc.com.mv) އިން ލޮގިންކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުގެ ޒަރިއްޔާއިންނެވެ.
އެޗްޑީސީގެ މައި އޮފީހުގައި ހުންނަ ކަލެކްޝަން ސެންޓަރުތަކުން ވެސް ފައިސާ ބަލައިގަނެއެވެ. އެ ކައުންޓަރުތަކުން ނަގުދު ފައިސާ އާއި ޗެކު އަދި ބޭންކް ކާޑުން ވެސް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީން ހިޔާ ފުލެޓުތަކުގެ ކުލި ނަގަން ފަށާފައި މިވަނީ ކުލި ކުޑަކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލަމުންދަނިކޮށެވެ. ކުލި ކުޑަކޮށްދިނުމަށް ގޮވާލައި ގިނަ ބައެއްގެ ސޮޔާއެކު ދާދިފަހުން ވަނީ އެޗްޑީސީއަށް ވެސް ހުށަހަޅައިފައެވެ. ކުލި ކުޑަކޮށްދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދަނީ ހިޔާ ފުލެޓުތަކަށް ބަދަލުވާން އެކި ގޮތްގޮތުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ސްކީމްތަކަށް ފައިސާ ދައްކަމުން އެހާ ބޮޑު ކުއްޔެއް ދައްކަން ޖެހުން ވާނީ އާންމުންނަށް ވަރަށް ދަތި ކަމަކަށް ކަމަށް ބުނެއެވެ.
ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މަހަކު ޖުމުލަ 8,500 ރުފިޔާ ދައްކަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު