ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓެރަންސް ފުޓްބޯޅަ މުބާރާތް، މިއަހަރު ބާއްވަން ތާވަލުކޮށް، ހޯމަ ދުވަހު ފަށާ ގޮތަށް އިއުލާންކޮށްފިއެވެ.
މިފަހަރުގެ ވެޓަރަންސް ލީގު ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިދިޔަ ތިން އަހަރުވެސް ކޮވިޑްގެ ސަބަބުން ވެޓެރަންސް ލީގު ނުބޭއްވި ދިޔަ އިރު، މިއަހަރުގެ މުބާރާތް އޮންނާނީ "އެފްއޭއެމް ވެޓްރަންސް ލީގު"ގެ ނަމުގައެވެ.
އެފްއޭއެމާ ގުޅިގެން، މި ފަހަރު ވެޓެރަންސް ލީގު އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ފައިނަލް ކުޅޭ ގޮތަށެވެ. ޓާފް ދަނޑުގައި ކުޅޭ މި މުބާރާތް ފަށާނީ އަންނަ ހޯމަ ދުވަހު ހަވީރު 04:30 ގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ހުޅުމާލެ ވެޓްރަންސް ކްލަބް އިންނެވެ.
މި ދެ ޓީމުގެ އިތުރުން ދެން، ވާދަކުރާ ފަސް ޓީމަކީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ކްލަބް އީގަލްސް އަދި އެމްއެސް މޭޓްސް އެވެ. މުބާރާތް ކުރިއަށްދާނީ ޓާފް އެއް ނަމްބަރު ދަނޑުގައެވެ.
މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިއަކު ހިމެނޭނެއެވެ. އަދި ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ނިމިދިޔަ މުއްދަތުގައި އެފްއޭއެމުން ބޭއްވި ރަސްމީ އެއްވެސް މުބާރާތެއްގައި ބައިވެރިވި ކުޅުންތެރިއަކަށް ވެޓްރަންސް މުބާރާތުގައި ނުކުޅެވޭނެއެވެ.
އެންމެ ފުރަތަމަ ވެޓްރަންސް މުބާރާތް ސީދާ އެފްއޭއެމުން އިންތިޒާމްކުރި ނަމަވެސް ފަހަކަށް އައިސް މުބާރާތް ބާއްވާފައިވަނީ އެކި އަމިއްލަ ކްލަބްތަކާ ގުޅިގެންނެވެ. އެ ގޮތުން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭއެމް) އާއި އެމްއެސް މޭޓްސްއާ ގުޅިގެން ވެސް ވަނީ މުބާރާތް ކުރިއަށް ގެންގޮސްފައެވެ.
ވެޓެރަންސް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ޖުމްލަ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާއެވެ. ދެން އެންމެ ގިނަ ފަހަރަށް ތަށި ހޯދީ، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު މުބާރާތް ބޭއްވިއިރު، މެޗަކުން ބަލިނުވެ ތަށި އުފުލާލީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މުބާރާތުގެ އޮފިޝަލް ސްޕޮންސަރަކީ މައިލޯއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު