މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކު މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން އޮންލަންކޮށް ޒަކާތް ދެއްކޭ ގޮތް މިފަހަރުވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
މިނިސްޓްރީން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް އެ ފައިސާ ދައްކަން ބޭނުންނުވާ މީހުންނަށް މާދަމާއިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަތުމުގެ ކަންތައްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެތަނުން ޒަކާތް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގު، ފައިސާއިންނެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި، އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޒަކާތް ބަލައިގަންނާނީ އެއް ރޭޓުތަކެއްގައި ކަމަށެވެ.
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- ތައިލެންޑު ހުދު ހަނޑޫ - 77 ރުފިޔާ
- ރަތް ހަނޑޫ - 72 ރުފިޔާ
- ބާސްމަތީ އާދައިގެ ހަނޑޫ - 77 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑޫ - 90 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑޫ - 132 ރުފިޔާ
- އާދައިގެ ފުށް - 12 ރުފިޔާ
- އާޓާފުށް - 75 ރުފިޔާ
މިނިސްޓަރު ވިދާޅުވީ، ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެހެން އަހަރުތަކާ ކުޑަކޮށް ތަފާތުކޮށް، މިފަހަރު ފިތުރު ޒަކާތް ދައްކާ މީހާއަށް އެމީހަކު ބޭނުންވާ ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތަކެއްވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.
ހޯމަ ދުވަހުގެ ނިއުސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނު އިރު، 9،041 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާ އިރު، 1،263 މީހުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 7778 މީހުންނެވެ.
ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 7،245 މީހުންނަކީ އަތޮޅުތެރެއިން ރެޖިސްޓްރީކުރި މީހުންނެވެ. މިދިޔަ އަހަރު އަތޮޅުތެރެއިން ރަޖިސްޓްރީކުރީ 6،258 މީހެކެވެ. މިއީ 987 މީހުންގެ އިތުރުވުމެކެވެ. އަދި މިއަހަރު މާލެ ސަރަހައްދުން 1،796 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި އިރު، މިދިޔަ އަހަރު މާލެ ސަރަހައްދުން ރަޖިސްޓްރީ ކޮށްފައި ތިބީ 1،520 މީހެކެވެ. އެހެންކަމުން މިއީ 276 މީހުންގެ އިތުރުވުމެކެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަހަރު ރާއްޖޭގައި 42 ރަށަކުން އެއްވެސް މީހަކު ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ފަގީރެއްގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީ ނުކުރާ 45 ރަށެއް އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު