އަނެއްކާވެސް އަޅުގަނޑުމެންގެ މައްޗަށް ހިޔާއަޅައިފައި މިވަނީ ބަރަކާތްތެރި ރަމަޟާންމަހެކެވެ. އަޅުގަނޑުމެންގެ ޙަޔާތަށް ވިޔަނަކަމާއި އާރޯކަމާއި ތާޒާކަމާއި ފިނިކަން ލިބެމުން މިދަނީ އެމަހުގެ ރަޙުމަތާއި ބަރަކާތުގެ ވާރެއިންނެވެ. މިމާތް މައްސަރުގެ މަތިވެރިކަމާއި ބަރަކާތުގެ ހައްދެއް އޮންނާނެތޯއެވެ. އެހެނީ ރަޙުމަތުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم މިމަހަށް ނަންދެއްވައިފައިވަނީ މަތިވެރި މައްސަރުގެ ނަމުންނެވެ. ބަރަކާތްތެރި މައްސަރުގެ ނަމުންނެވެ. އެހެންކަމުން މިމާތް މައްސަރުގެ މާތްކަމާއި މަތިވެރިކަމަކީ އަޅުގަނޑުމެންގެ ހިތްތަކަށް ސިފަކުރެވޭފަދަ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދޫތަކާއި ގަލަންތަކުން ބަޔާންކުރެވޭފަދަ ކަމެއް ނޫނެވެ.

ރަމަޟާންމަހުގެ މާތްކަމާއި ބަރަކާތްތެރިކަމުގެ ސިއްރަކީ ކޮބައިތޯއެވެ. މިމާތް މައްސަރުގެ ބަރަކާތާއި މާތްކަމުގެ ޚަޒާނާއިން އަޅުގަނޑުމެންގެ އުނގުތައް ފުރައިލެވޭނީ އެންމެފުރަތަމަ އެސިއްރު ހޯދައިގެންނެވެ. އެ ޚަޒާނާއިން ޖަވާހިރާއި މުތް ނެގުމަށްޓަކައި ބޭނުންވާ ހަކަތައާއި ބުންވަރު އަޅުގަނޑުމެންގެ ކިބައިގައި އުފެއްދޭނީ އޭރުންނެވެ. ރަމަޟާންމަހުގެ ހުރިހައި މަތިވެރިކަމަކާއި ބަރަކާތެއްގެ ސިއްރު ފޮރުވިފައިވަނީ އެންމެ ކަމެއްގައެވެ. އާދެ އެސިއްރަކީ ރަމަޟާންމަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމުގައިވުމެވެ. އެމަހުގައި ޤުރްއާން ބާވައިލައްވާން ފެއްޓެވުމެވެ. ނުވަތަ މުޅި ޤުރްއާން އައްލައުހުލް މަޙްފޫޡުން ބާވައިގަނެވި جبـــريــل الأمـيـــن އާ މަތިކުރެވުމެވެ. ނުވަތަ އެފޮތް ބާވައިލެއްވުމުގެ އިލާހީ ނިޔާފުޅު ތަންފީޒުވާން ފެށުމެވެ. މިގޮތްގޮތަށް ރިވާޔަތްތައް ހުރެއެވެ.

ރަޙްމާނުވަންތަ ރަޙީމުވަންތަ ربّ الـعــالمــيــن ގެ ހިސާބެއްނެތްފަދަ ރަޙްމަތްފުޅުން އަޅުގަނޑުމެން އިންސާނުންނަށް ސީދާމަގަށް މަގުފެނުމުގެ ވަސީލަތްތައް ތަނަވަސްކޮށްދެއްވީ މާތްވެގެންވާ ރަމަޟާންމަހެއްގައެވެ. އަރަހުށި މާތް اللّــه ގެ މަތިވެރި ޙިކުމަތްފުޅުން އަޅުގަނޑުމެންގެ ވިސްނުމާއި ޢަމަލު ރަނގަޅު މަގަށް އަޅުއްވައިދެއްވައި ހިނގާންއޮތް މަގު އަލިކޮށްދެއްވީ ރަމަޟާންމަހުގައޭ ދެންނެވިދާނެއެވެ. ހެޔޮނުބައި ވަކިކޮށްގަތުމުގެ މިންގަނޑެއް އަޅުގަނޑުމެންގެ ކުރިމަތީގައި ބަހައްޓައިލެވުނީ މި މާތް މައްސަރުގައޭ ދެންނެވިދާނެއެވެ. ކޮންކަހަލަ މިންގަނޑެއްތޯއެވެ. އެއީ ކުށްވުމާއި، ލެނބިގުދުވުމާއި ބަދަލުވޭވެހުރުމުގެ އުނިކަމުން ހުސްދުރުވެގެންވާ މިންގަނޑެކެވެ.

އާދޭހެވެ! މި ބަރަކާތްތެރި މަސައްކަތް ހިނގައިގަތީ ރަމަޟާންމަހެއްގެ އެއްރެޔެއްގެ ސަހަރުގެ ވަގުތުގައެވެ. އިލާހީ ކަލާމްފުޅުގެ އެންމެފުރަތަމަ ރަންދޯދީން އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم ގެ މާތް ހިތްޕުޅު ފާންކޮށްދެއްވައި އަލިކޮށްދެއްވައި ރޯޝަން ކޮށްދެއްވުމުންނެވެ. ރަމަޟާންމަސް މަތިވެރި މާތް މައްސަރަކަށްވީ އެމަހުގައި ރޯދަ ހިފާތީއެއް ނޫނެވެ. ޤުރްއާން ކިޔަވާތީއެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ރޯދަ ހިފުމަށާއި ޤުރްއާން ކިޔެވުމަށް އެމައްސަރު ޚާއްޞަވީ ޤުރްއާން ބާވައިލެއްވުމުގެ ދެވަނަ މިސާލެއް ނެތްފަދަ މަތިވެރި މާތް ހާދިސާ އެމަހުގައި ހިނގައިދިއުމުންނެވެ. އެކަމުގެ ސަބަބުން އެމަހަކީ ބަރަކާތްތެރި މާތް މައްސަރަކަށްވެފައި ވަނީއެވެ. އެމަތިވެރި އަފޫރުއްބަ ހާދިސާ ބާރުއަޅަނީ އެމައްސަރުގެ ދުވާލު ރޯދަޔަށް ތިބުމަށެވެ. އެމަހުގެ ރޭތައް ޤިޔާމްކުރުމަށާއި ރުކޫޢު ސުޖޫދު ކުރުމާއި ޤުރްއާން ކިޔެވުމަށް ޚާއްޞަކުރުމަށެވެ. އަރަހުށި މާތް اللّــه سبحـانــه وتـعــالــى އަޅުގަނޑުމެންނަށް އެކަމަށް އިރްޝާދު ދެއްވަނީ އަންނަނިވި މޭރުމުންނެވެ.

"ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނެވި ހެކިތަކެއް ކަމުގައެވެ." (الـبــقـــرة: 185)

ކީރިތި ޤުރްއާނަކީ އަރަހުށި މާތް اللّــه سبحـانــه وتـعــالــى ގެ ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި ނިޢުމަތެވެ. އެ ނިޢުމަތަކީ އެފަދަ ދެވަނަ މިސާލެއް ނުވާފަދަ ނިޢުމަތެކެވެ. އެފޮތަކީ އެކަލާނގެ ރަޙްމަތްވަންތަކަމުގެ އެންމެ އަޢުލާ މިސާލެވެ. އެމާތް ފޮތް ބާވައިލެއްވުމަކީ އިންސާނީ ތާރީޚުގައި ހިނގައިފައިވާ އެންމެބޮޑު ހާދިސާއެވެ. އެކަލާނގެ ރަޙްމަތްވަންތަކަމުގެ އެންމެ ހައިބަވަންތަ ފާޅުކުރެއްވުމެވެ. އެކަން އެނގެނީ ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުތަކުންނެވެ. "ރަޙްމާންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ޤުރްއާން އުނގަންނައިދެއްވިއެވެ" (الــرّحـمــــن: 1، 2) އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "މިއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ." (فـصّلـت: 2) އިންސާނުންނަށްޓަކައި ލައްވައިފައިވާ ޢަދުލުވެރިކަމާއި އިންސާފުވެރިކަމުގެ ތިލަފަތަކީ މި މާތް ފޮތެވެ. އިންސާނިއްޔަތަށްޓަކައި ޝިފާގެ ނުސްޚާއަކީ ޤަދަރު މަތިވެގެންވާ ޤުރްއާނުލްކަރީމެވެ.

ޝައްކެއްނެތެވެ. އަރަހުށި މާތް اللّــه އަޅުގަނޑުމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކަކީ އެ ނިޢުމަތްތަކުގެ ހިސާބުކިތާބު ހޯދައި ބަލަން އަޅުގަނޑުމެން ނުކުޅެދޭހައި ގިނަގުނަ ނިޢުމަތްތަކެކެވެ. އަޅުގަނޑުމެންލާ ކޮންމެ ނޭވާއަކާއެކު އަޅުގަނޑުމެން މިގެންދަނީ އެމަތިވެރި ނިޢުމަތްތަކުގެ ޚަޒާނާއިން ފައިދާ ލިބިގަންނަމުންނެވެ. އެ ޚަޒާނާއިން އަގުހުރި ރަންމުތްތައް ހޮވައި އުނގުތައް ފުރަމުންނެވެ. އެކަމަކު ދުނިޔޭގެ ކޮންމެ ނިޢުމަތަކުންވެސް އަޅުގަނޑުމެންނަށް މަންފާ ހޯދޭނީ އަޅުގަނޑުމެން މިދުނިޔެއަށް ނޭވާލާހައި ހިނދަކުގައެވެ. އަޅުގަނޑުމެންގެ އެންމެފަހު ނޭވާއާއެކު އަޅުގަނޑުމެންގެ ޙަޔާތުގެ ބައްތި ނިވިދެއެވެ. ދުނިޔޭގެ ހުރިހައި ނިޢުމަތްތަކެއްވެސް އެވަގުތުން ފެށިގެން އަޅުގަނޑުމެންނަށްޓަކައި ހުއްޓުމަކަށް އަތުވެދެއެވެ. އެކަމަކު މިދުނިޔޭގައި މާތް اللّــه ދެއްވައިފައިވާ ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތްތަކަށް މެދުކެނޑުމެއް ނާދެއެވެ. އަޅުގަނޑުމެންގެ ހުވާސް ހިނގުމާއެކު އެނިޢުމަތް ބަދަލުވެގެންދަނީ ދުވަހަކު ފަނާވުމެއްނެތި އަބަދުގެ އަބަދަށް ދެމިހުންނަ ނިޢުމަތެއް ކަމުގައެވެ. އެ ނިޢުމަތަކީ ޤުރްއާނުލްކަރީމެވެ. އެ ނިޢުމަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ އަގުއަރަހިހުރި ނިޢުމަތެކެވެ. އެ ނިޢުމަތް ބާވައިލެއްވި ރޭގެ ނަމަކީ ބަރަކާތްތެރި ރެއެވެ. ޤަދަރު މަތިވެގެންވާ ރެއެވެ. އެހެންކަމުން އަރަހުށި މާތް اللّــه އެމާތް ފޮތް ބާވައިލެއްވި ވާހަކަ ބަޔާންކުރައްވާއިރު ވަރަށްގިނަފަހަރަށް އެކަން ގުޅުއްވައިފައިވަނީ އެކަލާނގެ ރަޙުމަތްފުޅާއެވެ. އެކަންވަނީ ތަކުރާރު ކުރައްވައިފައެވެ. އެކަލާނގެ މަތިވެރި ޙިކުމަތްފުޅާވެސް އެކަންވަނީ ގުޅުއްވައިފައެވެ. އެކަލާނގެ ގަދަކީރިތިވަންތަކަމާވެސް ވަނީ ގުޅުއްވައިފައެވެ. ރަމަޟާންމަހަކީ އެމަތިވެރި ޤުރްއާން ބާވައިލެއްވުމުގެ އަހަރީ މުނާސަބާ ފާހަގަކުރުމުގެ މަހެވެ. އަރަހުށި މާތް اللّــه ވަޙީކުރައްވައިފައިވެއެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިންތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللّــه ގެ ފަޟުލުވަންތަކަމާއި އެކަލާނގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމްދީނާއި ޤުރްއާނަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ." (يــونـس: 57، 58)

ޢާންމު ނަޒަރަކުން ބަލާއިރު ކޮންމެ ދުވަހަކީވެސް އެއްކަހަލަ ދުވަހެކެވެ. ކޮންމެ މަހަކީވެސް އެއްކަހަލަ މަހެކެވެ. ތަކުރާރުވަމުން ފަށްފަށްވަމުންދާ ދުވަސްތަކާއި މައްސަރުތަކެވެ. އެހެންކަމާއެކުވެސް އޭގެތެރެއިން ބައެއް ދުވަސްތަކާއި މައްސަރުތަކާއި ހިނދުކޮޅުތައްވަނީ މާތް اللّــه ޚާއްޞަކުރައްވައިފައެވެ. މުޅި އިންސާނިއްޔަތާއި މުޅި ކާއިނާތުގެ ނަސީބާ ގުޅުއްވައިފައެވެ. އެފަދަ އެއްވަގުތަކީ އަރަހުށި މާތް اللّـه ގެ ރަޙުމަތާއި ހިދާޔަތުގެ ރަންދޯދި ހިރާފަރުބަދައިގެ ހޮހަޅަޔަށް ވަދެގެންދިޔަ ވަގުތެވެ. އެ މަތިވެރި ހިދާޔަތާއި ރަޙްމަތުގެ އަމީނެއްކަމުގައި އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم ޢައްޔަންކުރެއްވި ވަގުތެވެ. އެއީ ބަރަކާތްތެރި ރަމަޟާންމަހުގެ ވަގުތުކޮޅެކެވެ. މާތްވެގެންވާ ރަމަޟާންމަހުގެ ބަރަކާތާއި މަތިވެރިކަމުގެ ސިއްރަކީ އެއީއެވެ.