ޚަބަރު

ރޯދަމަހަށް ސިޔާމްގެ އިލްތިމާސް: އެކަކު އަނެކަކަށް އޯގާތެރިވެ، އިސްރާފުކުރުން މަދުކުރައްވާ

އަލީ ޔާމިން

ރޯދަމަހު އިސްރާފުކުރުން ވީހާވެސް މަދުކުރަން އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ރޯދަމަހުގެ ތަހުނިޔާ ދިވެހިންނާއި މުސްލިމުންނަށް އަރިސްކޮށް ސިޔާމް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ، މިފެށުނު ބަރަކާތްތެރިވެގެންވާ މައްސަރަކީ ﷲ ޛުލްޖަލާލުގެ ރަހުމަތާއި މަޣުފިރަތު އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އޮހޭ މައްސަރެެއް ކަމުން ރޯދައިގެ މަތިވެރިވެގެންވާ އަޅުކަން އަދާކުރަންޖެހޭ ކަމަށެވެ.

"މިފަދަ ބޮޑު ނިއުމަތެއް އެކުލެވިގެންވާ މައްސަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ރޯދައިގެ މަތިވެރިވެގެންވާ އަޅުކަން އަދާކޮށް، ނަމާދުކޮށް ކީރިތި ގުރުއާން ކިޔަވައި، ވީހާވެސް ގިނައިން ސޮދަގާތްކޮށް، ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާން ވާނެއެވެ." ސިޔާމް ވިދާޅުވިއެވެ.

ރޯދަމަހަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ މައްސަރެއްކަން ފާހަގަކުރައްވައި ސިޔާމް ވަނީ މިދުވަސްވަރު ވީހާވެސް އިސްރާފުކުރުން ކުޑަކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އަމަލުތައް ސީދާކޮށް، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމަށްވެސް ނަސޭތަހްތެރިވެފައެވެ.