ރޯދަމަހު އަޅުކަމައިގެން މަސްއޫލުވެ އުޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު މިރޭ ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ، ރޯދަ މަހާ ބައްދަލުވި އިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައިވުން ކަމަށެވެ.
އެހެންކަމުން މި މަތިވެރި ފުރުސަތުގެ ބޭނުން ހިފައި، ފުރިހަމައަށް ރޯދަ ހިފުމާއި ތަރާވީހު ނަމާދުކުރުމާއި ކީރިތި ގުރުއާން ކިޔެވުމުގައި ހީވާގިވެ، ރޫހާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ރައީސްގެ ހިތާބުގައި އިތުރަށް ވަނީ، ރޯދަމަހަކީ ރަހުމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި މައާފުކުރުމާއި ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުއާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އަދި އެކަކު އަނެކަކަށް އެހީތެރިވެ އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ މި މަހުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރޯދަ މަހަކީ ކީރިތި ގުރުއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ގުރުއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު