މިއަހަރުގެ ފިތުރު ޒަކާތް މާދަމާއިން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މާދަމާއިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް އެ ފައިސާ ދައްކަން ބޭނުންނުވާ މީހުންނަށް އާދީއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި އެކަން ކުރިއަށްގެންދާނެ ކަމަށެވެ.

ޒަކާތް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.