ރިސޯޓު ހިންގުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ އައުޓްރިގާ ހޮސްޕިޓޭލިޓީ ގުރޫޕުން އދ. މާފުށިވަރު ރިސޯޓު ގަނެފިއެވެ.

ދުނިޔޭގެ މަޝްހޫރު ބީޗް ޑެސްޓިނޭޝަންތައް ކަމަށްވާ ހަވާއީ، ފީޖީ، މޮރިޝަސް އަދި ތައިލެންޑުގައި ރިސޯޓުތައް އޮޕަރޭޓް ކުރަމުން އަންނަ އައުޓްރީގާ ހޮސްޕިޓޭލިޓީ ގުރޫޕުން ނެރުނު އިއުލާނެއްގައި ބުނީ، ފުޅާވަމުން އަންނަ އެކުންފުނީގެ ޕްރީމިއާ ރިސޯޓުތަކުގެ ޕޯޓްފޯލިއަށް މާފުށިވަރު މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށެވެ. އަދި މާފުށިވަރު ރިސޯޓުގެ ނަން، 'އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓަށް' ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް އައުޓްރިގާއިން އެ ރިސޯޓު ގަނެފައިވަނީ ކިހާވަރަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނިން ހިންގަމުން އައި މާފުށިވަރު ރިސޯޓަކީ ޕެރެޑައިޒް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރި ރިސޯޓެކެވެ. ކޮވިޑާ ގުޅިގެން ބަންދުކުރުމަށްފަހު ޖުލައި 2020ގައި އެރިސޯޓް އަލުން ހުޅުވީ ބޮޑު މަރާމާތެއް ކުރުމަށްފަހުއެވެ.

ނަމަވެސް ޑާ ޓޫރިސްޓިކް ކުންފުނިން އެ ރިސޯޓު ވިއްކާލަން ނިންމައި ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން މިނިސްޓްރީން ވަނީ މިދިޔަ މަހު އެކަން އިއުލާނުކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ މާފުށިވަރު ރިސޯޓަކީ ބީޗް، ޕޫލް އަދި ޑުޕްލެކްސް އެކޮމޮޑޭޝަންއާއި އޯވާ ވޯޓާ ބަންގަލޯތައް ހިމެނޭ ގޮތަށް 81 ލަގްޒަރީ ވިލާ ހިމެނޭ ރިސޯޓެކެވެ.

އެއައުޓްރިގާ ހޮސްޕިޓޭލިޓީ ގްރޫޕުން މީގެ ކުރިން ވަނީ ގދ. ކޮނޮއްޓާގައި ހެދި އައުޓްރިގާ ކޮނޮއްޓާ ރިސޯޓުވެސް ހިންގައިފައެވެ. ނަމަވެސް 2018 ވަނަ އަހަރު އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންހަ އެސްޓޭޓް ކުންފުނިން ވަނީ އެ ރިސޯޓް ގަނެފައެވެ.