ކުރިއަށް މިއޮތް މާތް މައްސަރުގެ ރަހުމަތާއި މަޣުފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ރަމަޟާންމަހަށް އިސްތިގުބާލުކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله އަހަރެމެންނަށްޓަކައި ހެޔޮކަމުގެ ދުވަސްތަކެއް ލައްވާފައިވާ ކަމަށާއި އެ ދުވަސްތަކުގައި ކުރެވޭ ހެޔޮކަންތަކުގެ ސަވާބާއި ދަރުމަ އެ ނޫން ދުވަސްތަކުގައި ކުރެވޭ ހެޔޮކަންތަކުގެ ސަވާބާއި ދަރުމައަށް ވުރެ އެތަކެއް ގުނަ އިތުރު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކަކީ ކުރިމަތިވަމުން އަންނަ ރަމަޟާން މަސް ކަމަށާއި ރަމަޟާން މަސް އެހެނިހެން މައްސަރުތަކުގެ މައްޗަށް އެތައް ގޮތަކުން މާތްކުރައްވާފައިވާ ކަމަށެވެ.

ހުތުބާގައި ބުނީ, އެ މައްސަރު މާތްކުރެވުނު ސަބަބުތަކުގެ ތެރޭގައި އެ މައްސަރުގައި ރޯދައިގެ އަޅުކަން ލައްވާފައި ވުމާއި ކީރިތި ޤުރުއާން ބާވައިލެއްވުމާއި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ގަދުރުވިލޭރޭ ލައްވާފައިވުން ހިމެނޭ ކަމަށެވެ.

ހުތުބާގައި ބުނީ, ރަމަޟާން މަސް ފަދަ މަތިވެރި ނިއުމަތް މާތް الله ދެއްވުމުން އެކަމަށްޓަކައި އުފާކޮށް, އެމަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާވާދަކޮށް ކުރިއަރައިދާން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި މި މާތް މައްސަރުގެ ރަހުމަތާއި މަޣުފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ގޮވާލިއެވެ.

ހުތުބާގައި ބުނީ, ޝަރީއަތުގައި ތައުބާވުމުގެ މާނައަކީ ތިން ކަމެއް ކުރުން ކަމަށެވެ. އެއީ ކުރެވުނު ކުށެއް ނުވަތަ ފާފައެއް ދޫކޮށްލުމާއި އެކުށަކާމެދު ދެރަވެ ހިތާމަކުރުމާއި ދުވަހުވެސް އެފަދަ ފާފައެއް ނުކުރުމަށް އަޒުމުކަނޑައެޅުމެވެ.

އަދި އެ ތިން ޝަރުތު ފުރިހަމަކުރުމާއެކު ތައުބާވެއްޖެ ނަމަ އަޅާއާއި اللهއާ ދެމެދުގައި ވާނަމަ ވާހައި ފާފައެއް އެކަލާނގެ އިރާދަފުޅާއި ރަހުމަތްފުޅުން ފުއްސަވައި ދެއްވާނެ ކަމަށް ބުންޏެވެ.