މިއަދަކީ 1443 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެއެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 14 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 13 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 14 މިނެޓު ފަހުންނެވެ. މާތްވެގެންވާ މައްކާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 17 މިނެޓު ފަހުންނެވެ. އިންޑޮނޭޝިޔާގެ ޖަކާޓާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 11 މިނެޓު ފަހުންނެވެ. ސެނަގާލްގެ ޑާކާރަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 26 މިނެޓު ފަހުންނެވެ.
އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންނަމަވެސް ހަމަލޮލަށް ހަނދު ފެންނާނީ އެކަމަށް އެކަށީގެންވާ ގޮތަށް ކަންތައްތައް ފުރިހަމަ ވެގެންނެވެ. މި ގޮތުން އުޑުމަތި ސާފުވުމާއި، އިރުގެ ދަޅައިން ބޭރުގައި ހަނދު ހުރުމާއި އިރުއޮއްސުމަށް ފަހު ގިނަ އިރު ވާން ދެން ހަނދު ނުއޮއްސި ހުރުން ފަދަ ކަންކަމަކީ ހަމަލޮލަށް ހަނދު ދު ފެނުމުގެ ފުރުސަތު ބޮޑުކޮށް ދޭ ކަންކަމެވެ.
ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު ހަމަލޮލަށް ހަނދު ފެނިއްޖެކަން ސާބިތުވުމުން ނޫނީ ދިވެހިރާއްޖެ އާއި އަދިވެސް ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި ރަމަޟާން މަސް ފެށިއްޖެ ކަމުގައި ބަލަނީ، ޝަޢުބާން މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އިތުބާރު ހުރި ފަލަކީ ހިސާބުގެ އަލީގައި، ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަ ވެސް ޝަޢުބާން މަހުގެ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.
ތުރުކީ ފަދަ އިސްލާމީ ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު، ހަނދާއި އިރާއި ބިން އެއް ރޮނގަކަށް އައިސް މާރަހަވުމަށް (އިޤްތިރާންވުމަށް) ފަހު، ނުވަތަ އެއްއުއިވުމަށް (އެލައިންވުމަށް) ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު ޝައުބާން މަސް ފުރިހަމަވެ ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ، (އެޕްރީލް 1، ހުކުރު ދުވަހު، އާދެ) މިއަދު ރާއްޖޭ ގަޑިން ހެނދުނު 11:24 ގައެވެ. މާރަހަވުމަށް ފަހު ދެން އަލިވިލޭ ދުވަހަކީ ހޮނިހިރު ދުވަހެވެ. މާދަމާއެވެ. އެހެންކަމުން މިއުސޫލުން ބަލާއިރު މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.
ސަޢުދީ ޢަރަބިއްޔާގައި ހަނދުމަސް ފެށުމުގައި ފަލަކީ ގޮތުން ބަލާ އުސޫލަކާއި ހަމަލޮލުން ހަނދު ބެލުމުގެ އުސޫލެއް އޮވެއެވެ. ފަލަކީ އުސޫލު ބޭނުން ކުރަނީ ކަލަންޑަރު ހެދުމަށެވެ. މި ގޮތުން ސަޢުދީޢަރަބިއްޔާގައި ފަލަކީ ޢިލްމުގެ އަލީގައި ހަނދުމަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމުގައި އަމަލު ކުރާ ގޮތަކީ، މައްކާއަށް އިރު އޮއްސުމުގެ ކުރީން މާރަހަވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވަނީ މައްކާ ގަޑިން މިއަދު ހެނދުނު 09:24 އެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑީން 18:35 ގައެވެ. ހަނދު އޮއްސޭނީ 18:52 ގައެވެ.\
އެހެން ކަމުން ފަލަކީ އިލްމުގެ އަލީގައި ހަނދުމަސް ފެށުމަށް ސަޢުދީ ޢަރަބިއްޔާގައި އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާ، 2 އެޕްރީލް 2022 ވާ ހޮނިހިރު ދުވަހަކީ 1443 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ މުސްލިމުން ތަމްސީލު ކުރާ އިލްމުވެރީންގެ އެންމެ ބޮޑު ޖަމާއަތް ކަމަށް ވާ "އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން" ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް ރާއްޖެއަށް ވުރެ އެއް ދުވަސް ފަހުން، މި ހިނގާ ޝައުބާން މަސް ފެށި، އަވަށްޓެރި ޝްރީލަންކާއަށް މިއަދަކީ ޝައުބާން މަހުގެ 28 ވަނަ ދުވަސް ކަމުން، ހަނދުމަހެއްގައި އެންމެ މަދުވެގެން ވެސް 29 ދުވަސް ހުންނާން ޖެހޭތީ، މާދަމާ ވާނީ ޝްރީލަންކާގައި ޝައުބާން މަހުގެ 29 ވަނަ ދުވަހަށެވެ.
ރޯދަ 2022
ރޯދަ 2022
ރޯދަ 2022