ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ގަސްދުކޮށް، އެކަން ރަސްމީކޮށް ހުށަހަޅާފައި ނުވާނެ ކަމަށާއި ބެލީ އެކަން ކުރެވިދާނެތޯ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
އިންފަންޓީނޯ މިހެން ވިދާޅުވީ ގަތަރުގައި އިއްޔެ ކުރިއަށްދިޔަ ފީފާ ކޮންގްރެސްގައި މެމްބަރު ގައުމުތަކާ މުހާތަބުކޮށް ވާހަކަދައްކަވަމުންނެވެ.
ފީފާއިން 1930 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕް ބާއްވަމުން އަންނަ އިރު، މިހާތަނަށް މުބާރާތް ތާވަލު ކުރަމުން އައީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރެއްގައި ބާއްވާ ގޮތަކަށެވެ. ވޯލްޑް ކަޕް ބޭއްވުމަށް މީގެ ކުރިން މެދުކެނޑުމެއް އައީވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ.
އެ އުސޫލަށް ބަދަލު ގެންނަން ކުރިން ފީފާއިން ވާހަކަ ދައްކާފައިވެއެވެ. ރަސްމީކޮށް އެކަމުގެ ލިޔެކިޔުމެއް ހުށަނޭޅި ނަމަވެސް ގައުމުތަކުގެ ތާއީދު ހޯދަން އިންފެންޓީނޯ ވަނީ މަސައްކަތްކޮށްފައެވެ. އެ މަސައްކަތަށް އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ވެސް ވަނީ ތާއީދުކޮށްފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުންވެސް ކޮންމެ ދެ އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ތާއީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.
އޭޝިއާއިން އެ ކޮންސެޕްޓަށް ތާއީދު ކުރި ނަމަވެސް ޔޫރަޕްގެ ގައުމުތަކުންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރުންވެސް ވަނީ ފީފާގެ އެ ވިސްނުމަށް ފާޑު ކިޔައިފައެވެ. ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމާ ދެކޮޅަށް ކުޅުންތެރިންވެސް ވަނީ އަޑު އުފުލައިފައެވެ.
ފާޑު ކިޔުންތަކުގެ ސަބަބުން އިންފެންޓީނޯ، ގަތަރުގެ ކޮންގްރެސްގައި ވިދާޅުވީ ފީފާއިން ބެލީ އެފަދަ ބަދަލަކަށް ފީސަބަލްތޯ ކަމަށެވެ.
"ޕްރޮސެސް ސާފުކޮށްލަން ޖެހޭ. ފީފާ ކޮންގްރެސްއިން ފީފާގެ އެޑްމިނިސްޓްރޭޝަނަށް އެދުނީ ފީސިބިލިޓީއެއް ހަދަން. އެއީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ފީސަބަލްތޯ ބަލަން. އާސެން ވެންގާ އިސްވެ ހުރެ ފީފާ އެޑްމިނިސްޓްރޭޝަނުން ކުރީ އެކަންތައް. އަދި އެއްވެސް ކަމެއް ހުށަހެއް ނާޅަން. ފީފާގެ ދިރާސާތަކަށް އެނގުނު ގޮތުގައި އެއީ ފީސަބަލް ކަމެއް. އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް އެކަމުން ފައިދާވެސް ވާނެ. އެހެން ނަމަވެސް އަދި އެކަމަށް މަޝްވަރާކުރުންވެސް އޮތީ ކުރިއަށް،" ދޯހާގައި އޮތް ކޮންގްރެސްގައި އިންފަންޓީނޯ ވިދާޅުވިއެވެ.
ފީފާއިން ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ގަސްދުކުރަނީ ފައިދާ ބޮޑުކުރުމަށެވެ. ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން އޮތް ޕްލޭނާއެކު ހަތަރު އަހަރު ތެރޭ ކުރިއަށްވުރެ އިތުރަށް 3.2 ބިލިއަން ޕައުންޑުގެ އާމްދަނީއެއް ފީފާއަށް ވަންނާނެއެވެ. އެ ޕްރޮޕޯސަލްއަށް ޔޫއެފާގެ ބޮޑެތި ގައުމުތަކުގެ އިތުރުން ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއިންވެސް ވަނީ އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އެފްރިކާގެ ފެޑަރޭޝަނުން ވަނީ އެ ޕްލޭނަށް ތާއީދުކޮށްފައެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް