ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރަށް އެތާގެ ރައްޔިތުންގެ މަޖިލީހުގައި އޮތް އަޣުލަބިއްޔަތު މިހާރު ވަނީ ގެއްލިފައެވެ. ބޮޑުވަޒީރަށް އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނަގަން އިދިކޮޅު މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް މި ވޯޓު ނެގިޔަނުދީ ލަސްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދަންނަވަން ޖެހެނީ އިމްރާން ޚާންގެ ސަރުކާރު އެއޮތީ ނޭވާހޮޅިޔަށް އެޅިފައި ކަމުގައެވެ. ކޮންމެ ވަގުތަކުވެސް ސަރުކާރު ކަފުންކޮށް ވަޅުލާން ޖެހިދާނޭ ކަމުގައެވެ. ވެރިކަމުގައި ދެމިހުންނެވުމަށްޓަކައި އިމްރާން ޚާން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ތެރެއަށް އައު ޒާތެއްގެ ވާހަކަފުޅެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިތުރުކުރައްވައިފައެވެ.

ބުރާސްފަތި ދުވަހު ހަވީރު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވަމުން އިމްރާން ވިދާޅުވިއެވެ. އެންމެ ފަހު ބޯޅަޔާ ހަމަޔަށްވެސް ދޫދިނުމެއް، އަމާންދިނުމެއް ނެތެވެ. މެޗު ނިމުމުގެ ކުރިން ބަލި ގަބޫލުކުރުމެއް ނެތެވެ. އިސްތިއުފާދީފައި މަގުން އެކަހެރިވުމެއްވެސް ނެތެވެ. އަދިވެސް އޭނާ ވިދާޅުވިއެވެ. މި ސަރުކާރު ވައްޓާލައި ބޮޑުވަޒީރު މަގާމުން ދުރުކުރުމަކީ ޕާކިސްތާނުގެ ރައްޔިތުން ބޭނުންވެގެން އުޅޭ ކަމެއް ނޫނެވެ. އެގޮތް ބޭނުންވެގެން ފަޔަށް ހިނިއަރައިގެން އުޅެނީ އެމެރިކާއެވެ. އެހެންވީމާ މިއީ ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކާއި ގުޅިގެން އެމެރިކާއިން ރާވައިގެން އުޅޭ ރޭވުންގަނޑެކެވެ. އެމެރިކާއިން ޕާކިސްތާނާމެދު ނުރުހިގެން އުޅެނީ މިނިވަން އަމިއްލަ ޚާރިޖީ ސިޔާސަތެއް ގެންގުޅޭތީއެވެ. ދަމަހައްޓާތީއެވެ. ދާދިފަހުން އޭނާ ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައިވާތީއެވެ.

އިމްރާން ޚާން މިގޮތަށް އެމެރިކާގެ ނަން ވިދާޅުވެފައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން މިދިޔަ ބުދަދުވަހު އިމްރާނުގެ ތަހުރީކީ އިންސާފު ޕާޓީންވެސް ވަނީ މިކަމަށް ބާރު ލިބޭ ބީދަޔަކުން ވާހަކަ ދައްކައިފައެވެ. އެ ޕާޓީން ބުނެފައިވަނީ ސަރުކާރު ބަދަލުކުރުމަށް ބޭރު ގައުމަކުން ބޭނުންވާކަމާއި އެކަމަށް މަސައްކަތްތަކެއްވެސް ކުރަމުންދާކަން ޕާކިސްތާނުގައި ހުންނަ ބޭރު ގައުމެއްގެ އެމްބަސީއަށް އައިސްގޮސްވާ ޑިޕްލޮމެޓިކް ކޭބަލްތަކުން ކަށަވަރުވާ ކަމުގައެވެ. އެއީ ކަނޑައެޅިގެން ވަކި ގައުމެކޭ ނުބުނެއެވެ. ޑިޕްލޮމެޓިކް ކޭބަލްތަކުން ހާމަވެފައިވާ މައުލޫމާތުގެ ތަފްސީލް ދެއްވަމުން އިމްރާން ޚާން ވިދާޅުވީ ބޮޑުވަޒީރުކަމުގައި އޭނާ ދެމިހުންނަވާނަމަ ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުކުރާނޭ ކަމާއި އޭގެ ނަތީޖާ ޕާކިސްތާނުގެ ރައްޔިތުންނަށް ރަނގަޅުނުވާނޭ ކަމުގެ އިންޒާރު ސާފުބަހުން ދީފައިވާ ކަމުގައެވެ.

ބޮޑުވަޒީރު އިމްރާން ވިދާޅުވީ ބޭރުގެ ބާރަކުން ޕާކިސްތާނަށް ނުފޫޒު ފޯރުވައި ވެރިކަން ބަދަލުކުރަން އުޅެންޏާ އަމްދުން އިސްތިއުފާ ދެއްވުމެއް ނެތް ކަމަށާއި ކޮންމެ ނަތީޖާއަކާ ކުރިމަތިލާން ޖެހުނަސް ފަރުވާލެއް ނެތް ކަމުގައެވެ. އިމްރާން ޚާންގެ މި ތުހުމަތު އެމެރިކާއިންވެސް އަދި ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކުންވެސް ވަނީ ދޮގުކޮށްފައެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ މި ތުހުމަތު ދޮގުކޮށް ބަޔާނެއްވެސް ނެރެފައެވެ. ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކުން ބުނަނީ އިމްރާން އުޅުއްވަނީ ޚިޔާލީ ކަންތައްތަކެއް އުފައްދަވައިގެން އެއީ ތެދުވާހަކަތަކެއްކަން ޕާކިސްތާނުގެ ރައްޔިތުންނަށް ވިސްނައިދެއްވުމަށް ކަމުގައެވެ. އެއީ އިމްރާނަށް ނުކުރެއްވޭނޭ ކަމެއް ކަމަށާއި އޭނާގެ ސަރުކާރު ބަދަލުކުރާނީ ޕާކިސްތާނުގެ މަސްލަހަތަށްޓަކައި ޕާކިސްތާނުގެ ރައްޔިތުން ކަމަށްވެސް ބުނެފައިވެއެވެ.

އިމްރާން ޚާން އެވިދާޅުވާ ޑިޕްލޮމެޓިކް ކޭބަލްގެ ވާހަކަޔަކީ ހަގީގަތަކަށް ވެދާނެއެވެ. ގައުމުތަކުގައި ތިއްބަވާ ސަފީރުން އެބޭފުޅުންގެ ސަރުކާރަށް ފޮނުއްވާ ސިއްރު ކޭބަލްތަކުގައި ވަރަށް ޑިޕްލޮމެޓިކް ނޫން ވާހަކަ ވާހަކަވެސް ވިދާޅުވެފައި ހުރެއެވެ. މިވެނިހެން ވެއްޖެނަމަ އެވެނިހެން ވެއްޖެނަމަ ދެން ނަތީޖާ ގޯސްވެދާނޭ ކަމުގެ އިންޒާރު ދީފައި ހުރެއެވެ. އަދި ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާމެދުވެސް ރައުޔު ފާޅުކޮށްފައި ހުރެއެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ މީގެ އަހަރުތަކެއް ކުރިން އެމެރިކާގެ ޖޫލިއަން އަސާންޖު ކިޔާ މީހަކު ލީކުކޮށްލި ޑިޕްލޮމެޓިކް ކޭބަލްތަކެވެ. އެހެންވީމާ އިމްރާން ޚާނާއި އޭނާގެ ސަރުކާރާއިމެދު އެމެރިކާގެ ސަފީރު ދެކެވަޑައިގަންނަވާ ގޮތް ބަޔާން ކުރައްވައި ޚާރިޖިއްޔާއަށް ޑިޕްލޮމެޓިކް ކޭބަލެއް ފޮނުއްވުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.

ސިޔާސީގޮތުން އިމްރާން ޚާނަށް ބާރު ބޮޑުވެފައިވާ ވަގުތެއްގައި އެމެރިކާގެ ސަފީރުގެ ރައުޔު ލީކުވުމުގެ މާނަޔަކީ އިމްރާނުގެ ސަރުކާރު ބަދަލުކުރުމަށް އެމެރިކާ މަސައްކަތްކުރާކަން ސާބިތުވުމެއް ނޫނެވެ. އަދި އިމްރާނުގެ ސަރުކާރު ބަދަލުކުރަން އެމެރިކާ ބޭނުންވަނީ ޔުކްރޭނުގެ ހަނގުރާމަ ފެށުނުފަހުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން ރައީސް ޕުޓިންއާއި އިމްރާން ބައްދަލުކުރެެއްވުމުގެ ސަބަބުންކަން ސާބިތުވާ ކަމެއްވެސް ނޫނެވެ. އޭގެ މާކުރިންވެސް އިމްރާން ޚާނު ވެރިކަމުން ދުރުކުރުމުގެ ވިސްނުން އިދިކޮޅުން ވަނީ ގެންގުޅެން ފަށައިފައެވެ. މިހަފުތާގެ އާދީއްތަޔަކީ މިހާރު ތާވަލް ކުރެވިފައިވާ ގޮތުން ޕާކިސްތާނުގެ ޕާލަމަންޓްގައި އިމްރާނުގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްކުރާ ދުވަހެވެ. އެގޮތަށް ފާސްކުރީމާ އިމްރާނުގެ ސަރުކާރަށް ނިމުން އައީއެވެ.