(މިއީ ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެކެވެ. އެހެން ނަމަވެސް ބޭނުންކޮށްފައި އެވާ ނަން ތަކަކީ ހަގީގީ ނަންތަކެއް ނޫނެވެ.)
ކޮންމެ އަހަރަކުވެސް އޭޕްރީލް މަހުގެ އެއްވަނަ ދުވަސް އައުމުން އިވޭ އަޑުތަކަކީ ކޮންމެވެސް މީހަކަށް ކޮންމެވެސް މޮޅު ހަބަރެއް ދޭން ރާވާ ރޭވުމުގެ ވާހަކަތަކެވެ. ސުކޫލުގައި އުޅުނު ދުވަސްވަރުން ފެށިގެންވެސް އޭޕްރީލްމަހު އުފަންދުވަސް އަންނަންޏާ އެކުއްޖެއްގެ އުފަންދުވަސް އޮޅުވައިލާނެއެވެ. ރެޖިސްޓާއިން ނޫނީ ކުލާސްމޮނީޓަރުގެ ފަރާތުން ނަމަވެސް އޭޕްރީލްމަހު އުފަންދުވަސް އަންނަ ކުއްޖަކު އެނގިއްޖެނަމަ އެކުއްޖަކަށް ފިސާރިއަކަށް ދިމާކޮށް ހަޖޫޖަހާނެއެވެ. ހާއްސަކޮށް އޭޕްރީލް އެކެއް އުފަންދުވަހަކަށް ވެއްޖެނަމަ އެކަން އެހެން މީހަކަށް ނާންގައި ވޭތޯ މަސައްކަތްކުރާ ކިތަންމެ ބަޔަކުވެސް ތިބެއެވެ.
މިއީ ވަރަށް ފޯރިގަދަކޮށް އެކުގައި އުޅޭ އެކުވެރިން، ސުކޫލުގެ ކުލާސްރައްޓެހިން އަދި އުމުރާއެކު ބަދަލުވަމުން އަންނަ ރައްޓެހި ދެކެފަރިތަވެސް އެކުވެރިންގެ މެދުގައިވެސް ވަރަށް ފޯރީގައި ފާހަގަކުރެވޭ ދުވަހެކެވެ. އެހެންކަމުން ގިނަފަހަރު މާޗުމަހުގެ އޮނަތިރީހުން ފެށިގެން ގާތްމީހަކުވެސް ދައްކާ ވާހަކަ އެހާ ފަސޭހައިން ގަބޫލު ކުރުމަކީ ވަރަށް ދަތި ކަމެކެވެ. އަމުދުން މީގެ ދެތިން އަހަރު ކުރިން އެއްދުވަހެއްގައި ދިމާވި އެކުވެރިއެއްގެ ދުލުން އެއިވުނު ވާހަކަތަކާއި އޭނާގެ ފޯނުން ދެއްކި ފޮޓޯތައް ފެނުނުފަހުން އެއްވެސް ވަރަކަށް އޭޕްރީލްމަހުގެ އެއްވަނަ ދުވަހުގެ މިފޯރިނެގުމަކާ ނުރުހެވެއެވެ.
ވަރުދާއަކީ އަހަރެންގެ ސުކޫލުދައުރުގެ ކުޑައިރުގެ އެކުވެރިއެކެވެ. އޭރުވެސް ވަރުދާގެ ހުރިހާ ކަމެއް ބަލަހައްޓައި އޭނާ ސުކޫލަށް ލައި ބަލައި ގޮސް އުޅޭނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެވެ. ދެމީހުންގެ އުމުރުގެ މާބޮޑު ތަފާތެއް ނުހުރެއެވެ. އެހެންނަމަވެސް މަންމައާއި ބައްޕަ ވަކިވެ މަންމަ އެހެން މީހަކާ އިނދެގެން މާލެ ބަދަލުވެ ބައްޕަ ރަށުން ދިއުމާ މިހެން ގޮސް އާއިލާގެ އެކިއެކި މައްސަލަތަކާ ހެދި ވަރުދާގެ ދައްތަ މައިމޫނާ ބާރައަހަރުގައި މަސައްކަތު ނުކުމެއްޖެއެވެ. އޭރު އައްޑޫސިޓީގެ ގަމުގައި ލަންކާގެ ގާމެންޓްފެކްޓަރީތަކެއް ހުރެއެވެ. ވަރަށް ގިނަ އަންހެނުންނާއި އަންހެންކުދިން އެތަނަށް ވަޒީފާއަށް ދެއެވެ. އެތަނަކީ އެތައް އާއިލާތަކަކަށް އާމްދަނީ ލިބޭނެމަގުފަހިކޮށްދޭ ވަރަށް ގިނަމީހުންނަށް މަސައްކަތް ފަސޭހައިން ލިބޭ، ހަމަ އެންމެ ރަނގަޅު މުސާރަވެސް ލިބޭ ތަނެކެވެ.
ވަރުދާއަށްވުރެ ހަމަ އެންމެ ތިންއަހަރު ދޮށީ މައިމޫނާ ރެއާއިދުވާ އެއްކޮށް ވަރުދާއަށް ހުރިހާ ކަމެއް ވީއެންމެ ފުރިހަމައަށް ފުރިހަމަކޮށްދެވޭތޯ އަބަދުވެސް ބަލައެވެ. އެދެކުދިންގެ ނަސީބުގައި އިރާދަކުރެއްވީތީ، މަންމަގެ ފަރާތު މާމަ ނިޔާވިއިރު ހިބައިން ލިބުނު ކުޑަކުޑަ އާދައިގެ ތެޅިގަލުގެ ބާގެއެއް ހުއްޓެވެ. އަހަންނާއި ވަރުދާއާ ވަކިވީ އަހަރެން މާލެއަށް ބަދަލުވުމުންނެވެ. އޭރު ވަރުދާއާއި އަހަރެންގެވެސް އުމުރަކީ ދިހަ އަހަރެވެ.
ބަރާބަރު ވިހިއަހަރު ފަހުން ބައްދަލުވުމުން ދެއެކުވެރިންގެ ވާހަކަ ހުސްވާކަށްނެތެވެ. އެކަމަކު ބައިގަޑިއިރު ވީއިރު ކިރިޔާ ކިޔައިދެވުނީ ކައިވެންޏާއި ދަރިންނާއި ވަޒީފާގެ ވާހަކައެވެ. އެންމެ މުހިންމު ވާހަކަ އޮޅުން ފިލުވަން ހިތަށް އެރީ ދެނެވެ.
ވަރުދާގެ ދައްތަގެ ހާލު އެހުމާއެކު އޭނާ ގަބުވެއްޖެއެވެ. މުޅި މީހާ ހުއްޓުން އެރީއެވެ. އަހަންނަކަށް ވީނުވީއެއް ނޭނގުނެވެ. އަނެއްކާވެސް އަހާލީމެވެ. މައިމޫނާއްތަ ކޮބައިތޯއާއި މީހަކާ އިނދެގެން ކިތަން ކުދިން ލިބިއްޖެތޯ އެހިއިރު އިވިދާނެ ހަބަރަކާމެދު ކުޑަވެސް ހިލަމެއް ނުވެއެވެ.
އެތައްއިރެއް ފަހުން ވަރުދާ މޫނުގައި އަތް އަޅާފައި ރޮއިގެންފިއެވެ. އަހަންނަށް ހަދާނެ ނުހަދާނެ ގޮތެއް ނޭނގުނެވެ. ކުއްލިއަކަށް ވަރުދާ ރޯންފެށީ ކޮންކަމަކާ ކީއްވެގެންހެއްޔެވެ.
"ދައްތައެއްވެސް ބޭބެއެއްވެސް ނެތް."
ވަރުދާ ރޮމުން ރޮމުން އެބުނީ ކީކޭކަން އެނގުނީ ދެން ކިޔައިދިން ވާހަކައިންނެވެ. އެކަމަކު އެއީ މީހުން ކުރާކަހަލަ ކަންތައް ހެއްޔެވެ؟ ސަމާސާއަކަށްވެސް އެވަރުގެ ބޮޑު ދޮގެއް ހަދާކަށް ނުވާނެނޫންހެއްޔެވެ. އެހެންނޫނަސް އަހަރެމެން މީ މުސްލިމުންވިއްޔާއެވެ. އޭޕަރީލްފޫލް، ނަމުންވެސް ހާމަވަނީ ކޮން އެއްޗެއް ހެއްޔެވެ؟ މޮޔަ ހެއްދުމެވެ. އޭޕްރީލް މޮޔައަކަށް މީހަކު ހަދާއިރު ދެން ވެދާނެ ގޮތަކާމެދު ހަމަ އެއްވެސް ވަރަކަށް ވިސްނާލުމެއްވެސް ނޯންނަނީއެވެ.
މައިމޫނާގެ އުމުރުން ބާވީހަކަށް އަހަރުގައި އޭނާ މީހަކާ އިނީ ވަރަށް ލޯބިވެގެންނެވެ. ރަނގަޅު އާއިލާއެއްގެ ކުއްޖެއްކަމުން ފިރިހެންކުއްޖާ މައިމޫނާއާއެކު ވަރުދާގެ ހުރިހާ ޒިންމާއަކާވެސް ހަވާލުވިއެވެ. މައިމޫނާގެ ފިރިމީހާއަށް ވަރުދާ ކިޔަން ފެށީ ބޭބެއެވެ. ގޭގެ ހާލަތު ބަދަލުވެ ދައްތައަކާއި ބޭބެއެއްގެ ސިފައިގައި ވަރުދާއަށް މަންމައަކާއި ބައްޕައެއް ލިބުނީއެވެ.
ވަރުދާގެ ބޭބެ، މައިމޫނާގެ ފިރިމީހާއަކީ ރަށު ބޭންކުގެ ރަނގަޅު މަގާމެއްގައި ވަޒީފާއަދާ ކުރާ ޒުވާނެކެވެ. ކައިވެންޏަށް ދެއަހަރު ވާން ކައިރިވަމުން ދިޔައިރު އޮފީހުގައި މަސައްކަތް ކުރާ އެކުވެރިންވެސް މައިމޫނާއާއި ވަރުދާއާވެސް ވަރަށް ރައްޓެހިވެއްޖެއެވެ. އޭރު މައިމޫނާ އިނީ ބަލިވެއެވެ. ބަނޑަށް ފަސްމަހެވެ.
އެދުވަހަކީ އޭޕްރީލްމަހުގެ އެއްވަނަ ދުވަހެވެ. މައިމޫނާގެ ކުޑަކުޑަ އާއިލާ އާދައިގެ މަތިން ހެނދުނުގެ ނާސްތާއަށްފަހު އެމީހެއްގެ މަސައްކަތަށް، އެމީހަކު ދިޔައީއެވެ. އެދުވަހަކީ އޭޕްރީލްމަހުގެ އެކެއްވީތީ ގޭތެރެއަކު ވަކި މަޖާކުރުމެއް އެކަކު އަނެކަކަށް ލަނޑެއް ދިނުމެއް މިފަދަ އެއްވެސް ކަމެއް ނެތެވެ. ސަބަބަކީ މިކުޑަ އާއިލާއަކީ އެކަހަލަ ކަންތަކަށް ލޯނުހުޅުވޭ ސީދާސާދާ އާއިލާއަކަށްވާކަމެވެ. އެހެންކަމުން މިދުވަހުގެ ތާރީހާ ގުޅިގެން އެފަދަ ކަމެއް ދިމާވެދާނެކަމަކަށް އެމީހުންނެއް ނުވިސްނައެވެ.
ކައިވެންޏަށް އަހަރެއްވީފަހުން މައިމޫނާ ފެކްޓަރީގެ ވަޒީފާ ދޫކޮށްލީ އަމިއްލަ ފަހާފޮށްޓެއް ހޯދައިގެން، ގޭގައި ފެހުމުގެ މަސައްކަތް ކުރަން ފެށުމަށްފަހުއެވެ. ފެކްޓަރީގައި އުޅުމުގެ ސަބަބުން ނުހަނު މޮޅަށް ފަހަން އެނގެއެވެ. ހާއްސަކޮށް ފިރިހެން ފަޓުލޫނު، ޖީންސު އަދި ސްކޫލު ޔުނިފޯމުތައް ވަރަށް ރީތިކޮށް އޮމާންކޮށް ފަހަން އެނގެއެވެ. މިއީ މައިމޫނާއަށް އާމްދަނީ ލިބެން އޮތް ވަރަށް ފަސޭހަ ގޮތެކެވެ.
ފުރަތަމަ ފޯންކޯލް އައީ މައިމޫނާގެ ގޭ މޭޒުމަތީގައި ހުރި ލޭންޑްލައިން ފޯނަށެވެ. ފަހާފޮށިދޮށުގައި އިން މައިމޫނާ ފޯނުގެ އަތްގަނޑު ނެގީ މޭޒުގެ އަނެއްފަރާތުގައި ހޯމްވޯކް ހަދަން އިން ވަރުދާކޮއްކޮއަށް އުނދަގޫ ނުކުރަންވެގެންނެވެ. ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖައްސާލުމަށްފަހު ސަލާން ގޮވާލައިފައި ގޭގެ އެޑްރެސް މައިމޫނާ ބުނެލިއެވެ. މިނިޓެއް ފަސްމިނިޓު ނުވާނެއެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމާއެކު މައިމޫނާ އަރިއަޅާލީއެވެ. ވަރުދާއަށް އެހިސާބަށް ފިޔަވަޅު އެޅުނުއިރު މައިމޫނާ އޮތީ ބިންމަތީގައެވެ. މުޅީން ހިމޭންވެފައެވެ.
މައިމޫނާ ގޮވައިގެން ހޮސްޕިޓަލަށް ވަރުދާ ދިޔައީ ޖެހިގެން ހުރި ގޭގެ އަންހެނެއްގެ އެހީގައެވެ. ޑޮކްޓަރު އިމަޖެންސީކޮޓަރިއަށް މައިމޫނާ ވެއްދުނުތާ މާގިނަ އިރުތަކެއް ނުވެ ޑޮކްޓަރު ނުކުމެ އެބިރުވެރި ނުބައި ހަބަރު ވަރުދާއާއި އޭނާއާ އެކުގައި އައިސް ހުރި އަވަށްޓެރިޔާއަށް ދީފިއެވެ.
ވަރުދާއަކަށް ދެން ހަދާނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއިން ގޮތަށް އެހެން އިނދެވުނީއެވެ. އަވަށްޓެރި އަންހެންމީހާ މައިމޫނާގެ ފިރިމީހާ އުޅޭ ޑިޕާޓުމެންޓަށް ގުޅައި އެހަބަރު ދިނެވެ. ކަންދިމާ ކުރި ގޮތުން އެމީހާއަށް ސީދާ މައިމޫނާގެ ފިރިމީހާއަށް ނުގުޅުމުން އެހަބަރު ދިނީ އެބައިގައި އުޅޭ އެހެން މީހަކަށެވެ.
މައިމޫނާގެ ފިރިމީހާ ހުޝާމު ގާތުގައި އެވާހަކަ ބުނާނެ ގޮތެއް ނޭނގި ޖެހިލުންވެފައި ތިބި އެކުވެރިންނަށް އެހެން ވާން ޖެހުނު ސަބަބާއެކު އެހަބަރު ނުދެވެނީސް އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ، އަދި ހުޝާމު އެފޯނަށް ޖަވާބު ދިނުމާއެކު ފޯނުގެ އަތްގަނޑު ހިފަހައްޓައިގެން ހުއްޓުން އަރާފައި ފާޑަކަށް އިނދަޖެހުނީއެވެ. ދެން އަނގައިން ކޮންމެވެސް އެއްޗެއް ބުނަން ހަރަކާތް ކުރަން އުޅުނެވެ. އަތުން އިޝާރާތެއްވެސް ކުރިއެވެ. އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން އެއިން ގޮތަށް ހަބަރުހުސްވެގެން ގާތުގައި ކިހިނެއްވީހޭ ކިހިނެއްވަނީހޭ އަހަން ތިބި ރައްޓެހިންގެ އަތްމައްޗަށް ދެމުނީއެވެ.
ހުޝާމުގެ އޮފީސް ރައްޓެހިން މައިމޫނާއާއި ހުޝާމާ ސަމާސާކޮށްލުމަށް އޭޕްރީލް "ފޫލް" ހެއްދުމަށް، އޭޕްރީލްމޮޔަ ހެއްދުމަށް ރޭވިރޭވުމާ އެއްގޮތަށް ފުރަތަމަ މައިމޫނާއަށް ގުޅާފައި ހުޝާމަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދެވުނުއިރު ނޭވާނުލާ ވާހަކަ ބުނީ، އެ ދޮގު ތެދަކަށް ބަދަލުވެ ދެފުރާނަ ހިނގައިދާނެކަމަކަށް ނޫނެވެ. އެހެން ވެދާނެކަމަކަށް އެއްވެސް ވަރަކަށް ހިތަކަށްވެސް ނާރައެވެ. އެއީ އެމީހުން ދުވަހެއްގައިވެސް ހުވަފެނަކުންވެސް ވެދާނެއޭ ހީކުރިކަމެއް ނޫނެވެ. ނުހަނު ލޯބިން ކައިވެނިކޮށްގެން އަލަތުދަރިފުޅަށް އިންތިޒާރު ކުރަމުން އައި ދެމަފިރިންނާއި އެމީހުންގެ ދަރިފުޅުވެސް އަބަދުގެ އަބަދަށް އެންމެނާ ވަކިވެގެންދިޔައީއެވެ. ގަސްދުގައި ނޫނަސް ސަމާސާއަކަށްވިޔަސް ހެދުނު ދޮގެއްގެ ސަބަބުންނެވެ.
"އެންމެ ދޮގެއް ހެދީ. ދެވަނަ ދޮގެއް ހަދާކަށް ނުވެސް ޖެހުނު. އަބަދުގެ އަބަދަށް ވަކިވީ އެންމެ ލޯބިވާ ދެމީހުން. އެއީ މަންމަ، ބައްޕަ، ބެސްޓްފްރެންޑަކީވެސް، ބޭބެ އައިފަހުން އަހަންނަށް ބައްޕައެއްވެސް ލިބުނު ފަދަ. އަހަރެމެން އުޅުނީ ވަރަށް އުފަލުގަ. ހަމަޖެހިގެން މެދުމިނެއްގެ ފުދޭ ލައިފެއްގަ. އެއްވެސް މީހަކަށް އުނދަގުލެއް ގޯނާއެއް ނުކުރަން. އެކަމަކު..."
ވަރުދާ ކިޔައިދިން ގޮތުގައި ހުޝާމުގެ އޮފީސް ކުދިން އެގޮތަށް އެސަމާސާ ކުރީ އެއްވެސް ހާލެއްގައި އެވަރުގެ ބިރުވެރި ނުރައްކާތެރި ކަމެއް ވެދާނެކަމަކަށް ނޫނެވެ. އެމީހުން ވަރުދާ ގާތުން އަދި ހުޝާމުގެ އާއިލާގެ ފަރާތުންވެސް މާފަށް އެދުނެވެ. ކޮންމެގޮތެއްވިޔަސް އެމީހުންގެ އަމިއްލަ ނަފުސު ކުށްވެރިކުރެވޭތީއެވެ.
މިކަހަލަ ކިތަންމެ ހާދިސާއެއްވެސް ހިނގައިފާނެއެވެ. މިހިސާބަށް ދިމާވީ މިފަދަ ކިތައްކަންތައް ކަމެއް އެއްވެސް މީހަކަށް އެނގޭބާވައެވެ؟ ބައެއްފަހަރު މަޖަލަކަށް "ހިނގާ ރަނގަޅު ފޫލެއް ރާވަމާ.." ކިޔާފައި ކޮށްލާ ކަމަކުން މުޅި އުމުރަށް އޭގެ އަސަރުން ސަލާމަތް ނުވާވަރުގެ ކަމެއްވެސް ދިމާވެދާނެއެވެ.
އާންމުކޮށް އޭޕްރީލް ފޫލް ހެއްދުމުގެ ގޮތުން ފަހަތުން ގޮސް ބުރަކަށީގައި "މަށަކީ އޭޕްރީލް މޮޔައެއް!" ނުވަތަ އެހެންވެސް އޭޕްރީލް ފޫލް މާނަކޮށްދޭ ރަމްޒުކޮށްދޭ ކޮންމެވެސް ނޯޓެއް ބުރަކަށީގައި ތަތްކޮށްލުން، ނުވަތަ ގޮނޑީގައި އިށީނދެފައި ކަމަކު ތެދުވެފައި، ދެން އިށީންނަ ވަގުތާ ދިމާކޮށް ގޮނޑިމަތީގައި ކޮންމެވެސް ކަހަލަ ލަނޑެއް ލިބޭ ކަހަލަ އެއްޗެއް ބޭއްވުން ކަހަލަ ކަންތައް ކުރެއެވެ. މިފަދަ ކަންތައް ކުރުމުގެ ތެރޭގައި ތޫނު ކަށިކަހަލަ އެއްޗިހި މަތީގައި އިށީނދެވި ބޮޑެތި ސާޖަރީ ކުރަން ޖެހޭފަދަ އަނިޔާވެސް މީހުންނަށް ލިބިފައި އެބަހުއްޓެވެ. އަދި ބައެއް ފަހަރު ލަނޑެއް ދީ ސިއްސާލުމުގެ ނިޔަތުގައި ކުރަފި، ހޯނު، ނަންނުގަތި، ބިޗޫފަދަ ތަކެތި މަރުވެފައި އޮއްވައި ގެނެސް ފެންނަ ތަނެއްގައި ބޭއްވުން ނުވަތަ ރަބަރު އެއްޗެއް ބޭއްވުން ކަހަލަ ކަންތަކުން މީހުންނަށް ހިތުގެ މައްސަލަ ދިމާވެފައި އެބަހުރިމެއެވެ.
ކޮންމެފަހަރަކު މަރާ ހަމައަށް ނުގޮސް އާދައިގެ މަޖަލަކަށްވެސް ވެދާނެއެވެ. އެކަމަކު އެއީވެސް މަޖަލަކަށް ނުވެއެވެ. އަނެކާ ރުންކުރުވެ، ލޭމައްޗަށްގޮސް، ބައެއް ފަހަރު އުމުރު ދުވަހުގެ ދުޝްމިނުކަން ހިތުގެ ތެރޭގައި އުފެދޭފަދަ ކަންތައް މަޖަލަކަށް ނުވަތަ ސަމާސާއަކަށް އެކަށީގެންވޭބާވައެވެ.
ރާއްޖޭގައި ފާޅުގައި މިފަދަ ދުވަސްތައް ފާހަގަ ނުކުރިއަސް މިއީ ހަމަ އާންމުކޮށް ރައްޓެހިންގެ މެދުގައި އަދި ބައެއް އާއިލާތަކުގެ ތެރޭގައިވެސް އޮންނަ ކަމެކެވެ. އެއްވެސް ނަމެއްގައި މިފަދަ ކަމެއް ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭޕްރީލް މަހުގެ އެކަކަސް ފެބްރުއަރީމަހުގެ އެންމެ ފަހު ދުވަހަކަސް، މިފަދަ ކަންތައްތަކަކީ ސަމާސާއަކަށް މަޖަލަކަށް ކުރާވަރުގެ ކަންތަކެއް ނޫނެވެ. ޒަމާނުއްސުރެ އޮންނަ އާދަތަކުގެ ތެރޭގައި ހުންނަ މިފަދަ ކަންތައްތަކާ އަވަހަށް ދުރުވުން މުހިންމެވެ. އޭޕްރީލް ފޫލް ހެއްދުމަށް ވައްސަލާން ކިޔުން މުހިންމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް