ޚަބަރު

ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފި

މުހައްމަދު އިޝާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލައި އެ ކޯޓުގެ ބައެއް ސިއްރު މައުލޫމާތުތައް ބައެއް ފަރާތްތަކާ ހިއްސާކުރި ކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީީ) ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ "ވަން" އަށް ބުނީ، އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑރ. ފާއިޒު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އޭނާއާ ގުޅޭގޮތުން ތަހުގީގުކުރަމުންދަނީ ސުޕްރީމް ކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލައި އަދި ކޯޓުން ބޭރަށް މައުލޫމާތު ފޯރުކޮށްދޭ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ އެސްޖީގެ މަސްއޫލިއްޔަތު މިހާރު އެ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ހަވާލުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ޑީޖޭއޭއިން ހިއްސާކޮށްފައިނުވެއެވެ. އެހެންވެ މައްސަލައިގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ސާފުވާގޮތް ވަނީ ނުވެފައެވެ.