އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާހުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި، ރަސްމިއްޔާތެއްގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާހުކޮށްދެއްވީ ޓްރާންސްޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމްލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއް ކަމަށެވެ.

އެޗްޑީސީގެ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަގުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ. އެޗްޑީސީން ބުނީ މި ވަސީލަތްތައް ރާއްޖޭގެ މާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު މިތަކެތި ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވުނު ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ހުޅުމާލެއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮމްނިފްލޯގެ އުފެއްދުމެކެވެ.

އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން މިއަދު ތައާރަފުކުރި ސްމާޓް ޕޯލަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭންކޮށްގެން ދިއްލޭ ޕޯލެކެވެ. ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 ޕަސަންޓް ކުޑަ ކުރެވިގެން ދާނެއެވެ. އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެތެރޭގައި ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރު އަދި މުހިއްމު އާންމު މައުލޫމާތާއި ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދެވުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ދެއްކުންވެސް ހިމެނެއެވެ. ކަރަންޓުގެ ހިދުމަތް ކެޑިގެންދާ ވަގުތުގައިވެސް މި ޕޯލްތަކުގައި ހިމެނިފައިވާ ބެޓެރީ ސްޓޯރޭޖުން ބޮކި ދިއްލުމާއި ކެމެރާ ފަދަ ހިދުމަތް ލިބިންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ސްމާޓް ބެންޗަކީވެސް ސްމާޓް ސިޓީ ތަސައްވަރުގެ ދަށުން ތައާރަފްކުރެވިފައިވާ އޭގެ ޒަރީއާއިން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެއްޗެކެވެ. މިގޮތުން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއާ ފަދަ ތަކެތީގެ ޗާޖިން ސްޓޭޝަންސް ހިމެނޭ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.