ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އަށް މެމްބަރުން އިތުރު ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެ ޕާޓީން އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ އެ ޕާޓީގެ ގައުމީ މަޖިލީހުން ނެގި ނުވަ މެމްބަރުންގެ ކޮމިޓީން، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާނީ މިފެށޭ ރޯދަ މަހަށްފަހުގައި ކަމަށެވެ. އެކަމަށްޓަކައި، ރޯދަ މަހަށްފަހު އެ ކޮމިޓީން އެކި ރަށްރަށަށް ދަތުރު ކުރާނެ ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން ވަންނަނީ، ޕާޓީގެ މަގުސަދުތައް ރައްޔިތުންނަށް ކަމުދާތީ ކަމަަށެވެ. އެއްއިރަކުވެސް އެޕާޓީއަކީ ފައިސާދީގެން މެމްބަރުން އިތުރުކުރާ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއާ މީހުން ގުޅެނީ ޕާޓީދެކެވާ ލޯތްބެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމު ވަނީ ޝަރުއީ ނިޒާމަށާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ.
އެގޮތުން އެއް ގެއެއްގައި އެތައް ބަޔަކު ދިރިއުޅެން ޖެހުމުން، އިޖުތިމާއީ ބޮޑެތި މައްސަލަތައް ދިމާވާކަން ފާހަގަ ކުރައްވައި، ބޯހިޔާވައިކަން ހައްލު ކުރުމުގެ ވައުދާ އެއްގޮތަށް ވެރިކަމަށް އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް އެކަންކަން ކޮށްނުދޭ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ބޮއްސުންލާފައިވާކަން ސިފަކުރައްވައި ސިޔާމު ވިދާޅުވީ ޝަރުއީ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ. އަދި ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަދުލްއިންސާފު ލިބެމުން ނުދާ ކަމަށާއި އިންސާފު ނުލިބި އެތައް ޒުވާނުންނެއް ވާނުވާގައި ތިބިކަންވެސް ފާހަގަ ކުރެއްވިއެވެ.
އިއްޔެ ނިއުސްކޮންފަރެންގައި، ފުވައްމުލަކު ސިޓީން އެމްޑީއޭއަށް ގުޅުނު ބައެއް މީހުން ވަނީ ތައާރަފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު