"ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި ޑިޖިޓަލައިޒޭޝަން ކެމްޕެއިންއެއް އެމްޕީއެލް އިން ރޭ ލޯންޗް ކޮށްފި އެވެ.
ކްރޮސް ރޯޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ.
އެމްޕީއެލުން ބުނީ މި ކެމްޕޭނަކީ އެ ކުންފުނީގެ މައި ބަނދަރުން ދޭ ހިދުމަތް ވީހާވެސް ފަސޭހަކޮށް މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް ހޭދަވާ، ވަގުތު ސަލާމަތްކުރުމަށް ފަށާފައިވާ ކެމްޕެއިނެއް ކަމަށެވެ.
އެމްޕީއެލުން ބުނީ މުދާ ކްލިއާކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަން ކުރުމުގައި ގިނަ ވަގުތު ހޭދަވާކަމާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބޭނުންވާ ހުއްދަ އަދި ސޮއި ހޯދުމަށް ހިދުމަތް ހޯދާ ފަރާތްތަކުން ދާން ޖެހުމަކީ އެ ކުންފުންޏަށް އަބަދުވެސް އަންނަ ޝަކުވާއެއް ކަމަށެވެ. އެހެން ކަމުން ހިދުމަތް ހޯދާ ފަރާތުން އުފުލަމުން ދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށްޓައި، އެ ކުންފުނީގެ މެނޭޖުމަންޓާއި ބޯޑުން ގިނަ މަޝްވަރާތަކެއްކޮށް، ކުންފުނިން ދޭ ހިދުމަތްތައް ފަސޭހަކޮށް، އޮންލައިންކޮށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މި ހިދުމަތް ތައާރަފުކުރުމުގެ ކުރިން މުދާ ކްލިއާ ކުރަން ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަވާ ކަމަށާއި އެހެން ނަމަވެސް މި ގެނައި ބަދަލާއި އެކު އެ މަސައްކަތަށް ހޭދަވާ ވަގުތު 15 މިނެޓަށް ބަދަލު ކރެވިފައިވާ ކަމަށްވެސް އެމްޕީއެލުން ބުނެއެވެ. މި ބަދަލަކީ އެ ކުންފުނިން ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށްވެސް ބުންޏެވެ.
މި ބަދަލުގެ ސަބަބުން، ކޮންމެ ތަނެއްގައި ހުރެގެންވެސް، އީ ގޭޓް ފާހަށް އެދެވޭނެ ކަމަށާއި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރާއި ހަމަޔަށް އެ ކުންފުނި 99 އިންސައްތަ ކަރުދާހަށް ބަރޯސާ ނުވާ ކުންފުންޏަކަށް ހެދުން ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
މީގެއިތުރުން، ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިން ބިޒްނަސް" ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމު ތެރޭގައި ރާއްޖެ ހިމެނުމަށް އެމްޕީއެލުން އަމާޒު ހިފާފައިވާ ކަމަށާއި އެކުންފުނިން ދެކޭ ގޮތުގައި ޑޮކިއުމެންޓޭޝަން މަރުހަލާ ޑިޖިޓަލް ކުރެވުމުން، މިހާރު ލިސްޓުގައި އޮތް 147 ވަނައިން އެންމެ ރަނގަޅު 20 ގައުމުތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށްވެސް ބުންޏެވެ.
އެމްޕީއެލްގެ މައި ބަނދަރު ޕޯޓަލް އަށް ޑޭޝްބޯޑް ("ކަސްޓަމާ ޕޯޓަލް)އެއްވެސް ރޭ ވަނީ ތައާރަފުކޮށްފަ އެވެ. މިއީ އެ ކުންފުނިން ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އެއްތަނަކުން ގެނައުމަށް ތައާރަފުކުރި ހާއްސަ ޕޯޓަލެއް ކަމަށާއި މި ތަނުން، އުޅަނދުފަހަރު އަންނާނެކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތާއި، މިހާރު ޕޯޓުގައި ހުރި އުޅަނދުފަހަރުތަކާއި، ކޮންޓެއިނާ ޑިސްޗާޖު ޑީޓެއިލްސް އާއި، މަހުންމަހަށް ޕޯޓުގެ ސްޓެޓިސްޓިކްސްގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
އެމްޕީއެލުން އިތުރަށް ބުނީ ކްލިއަރިން ޕްރޮސެސް އާ ބެހޭ މައުލޫމާތާއި، ފްރީކުއެންޓް ކްލިއަރިން އެޖޭންޓުން، ޝިޕިން އެޖޭންޓުންނާއި ބެހޭ މައުލޫމާތާއި ޓެރިފްއާއި ބެހޭ މައުލޫމާތުގެ އިތުރަށް ކުންފުނީގެ ޕޮލިސީތަކުގެ މައުލޫމާތު ލިބެން ހުންނާނެކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކަށް އެ ކުންފުނީގެ ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންނަށް ގުޅޭނެ ނަމްބަރުތައްވެސް އެއް ވިއުގައަކުން ލިބެން ހުންނާނެ ކަމަށާއި އަލަށް ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށްވެސް މި ކަމުގެ ސަބަބުން ފަސޭހަކަމާއި އެކު އަމަލުކުރަންވީ ގޮތުގެ ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު