އެމްޕީއެލްގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުން މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ލިބި ކަސްޓަމަރުންނަށް މުދާ އަވަހަށް ކްލިއާކޮށް ބާޒަރަށް ނެރެ ހެޔޮއަގެއްގައި ވިއްކައިލެވޭނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑުގައި ރޭ ބޭއްވި އެމްޕީއެލްގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރަތަމަ ޑިޖިޓަލް ކުރަން ފެށުނީ ކޮވިޑު-19 އާ ގުޅިގެން މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށް ބަދަލު ގެންނަން ޖެހުމުން ކަމަށެވެ. އެއީ މުވައްޒަފުންގެ ރައްކާތެރިކަމަށް ގޭގައި މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށާއި އޭރުވެސް ޑިޖިޓަލް ކުރި ހިދުމަތްތައް މެދުނުކެނޑި ބަރާބަރަށް ދެވެމުން އައި ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ބޭނުންވަނީ ވީހާވެސް އަވަހަށް ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުން ކަސްޓަމަރުންނަށް ގޭގައި ތިބެގެންވެސް ހިދުމަތަށް އެދެވޭނެ ކަމަށެވެ.

"އުއްމީދު ކުރަނީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކާއި އަޅައި ނުކިޔޭ ވަރުގެ މަތީ ހަރުފަތެއްގައި ކުންފުނީގެ ހިދުމަތް ހިމެނިގެންދިއުން. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށްވެސް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ. މީގެ ކުރިން ވެއްޖެއްޔާ ހިދުމަތެއް ހޯދަން އައިސް ޑޮކްޓަރަށް ދައްކާ އުސޫލުން ނަންބަރު ނަގައިގެން އެތައް އިރަކު ތިބެގެން ހިދުމަތް ލިބޭނީ. އެކަމަކު ހިދުމަތްތައް ޑިޖިޓަލް ކުރީމަ އެކަމުގެ ފަސޭހަ ހުރިހާ އެންމެނަށްވެސް ލިބިގެންދާނެ. އަދި ކަސްޓަމަރުންގެ މުދާ އަވަހަށް ކްލިއާކޮށް ބާޒާރަށް ނެރެ މުދާ ހެޔޮ އަގުގައި ވިއްކުމުގެ ފުރުސަތު ލިބޭނެ." އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ކުންފުނީގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ޕޯޓުގެ ބައެއް މަސައްކަތްތައް ކުރާ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ އަމިއްލަ ރަށުގައި ތިބެގެން ކަމަށާއި މީގެ ސަބަބުން މަސައްކަތަށް އެއްވެސް ލަސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނުގެ ދަށުން އެކި އެޕްތަކާއި ޕްލެޓްފޯމުތައް ވަނީ ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި "ބަނދަރު" ޕްލެޓްފޯމާއި "އީ ގޭޓް ޕާސް" ހިމެނެ އެވެ. ބަނދަރު ޕްލެޓްފޯމަކީ ޕޯޓުން ދޭ ގިނަ ހިދުމަތްތައް އެއް ޕްލެޓްފޯމެއްގެ ދަށުން އޮންލައިންކޮށް ލިބޭ ޕްލެޓްފޯމެކެވެ. އަދި އީ ގޭޓް ފާހަކީ މުދާ ކްލިއާ ކުރުމުގެ ލިޔުން އޮންލައިންކޮށް ހޯދަން ތައާރަފު ކުރި ހިދުމަތެކެވެ.

އެމްޕީއެލް އިން ބުނީ އެކުންފުނީގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނަކީ ވިޔަފާރި ބަނދަރުން ދޭ ހުރިހާ ހިދުމަތެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެވޭ ގޮތަށް އެ މަސައްކަތުގައި އުޅޭ އެންމެންނަށް ލުއިކޮށްދޭން ފަށާފައިވާ ކެމްޕޭނެއް ކަމަށެވެ. އެގޮތުން މީގެ ކުރިން މުދާ ކްލިއާ ކުރަން އެކި ތަންތަނަށް ގޮސް ހޯދަން ޖެހޭ ހުއްދަތައް ހޯދަން ހަ ގަޑިއިރު ނެގި ނަމަވެސް މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުން މި ހިދުމަތް އެންމެ 15 މިނިޓު ތެރޭގައި ލިބިގެންދާނެ ކަމަށެވެ.