މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އުމުރުފުޅުން 96 އަހަރުވީ ޑރ.މަހާތީރު މުހައްމަދުގެ އާލާސްކަންފުޅަށް މިވަގުތު ލުޔެ ލިބި ދުނިޔޭގައި އަދިވެސް ހުންނެވޭކަމީ މުއުޖިޒާތެއްފަދަ ކަމެއް ކަމުގައި އޭނާ ސިފަ ކުރައްވައިފިއެވެ.

ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ހަސްފަތާލުގައި އޮންނެވުމަށްފަހު އެތަނުން ނުކުމެވަޑައިގެން މާރޗް 28 ވަނަ ދުވަހު ޑރ. މަހާތީރު ވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުންނަށް ޝުކުރު އަދާކުރެެއްވުމަށްޓަކައި ޚާއްސަ ހަފުލާއެއް ބާއްވަވައިފައެވެ. މި ހަފުލާގައި މަހާތީރުގެ އަނބިކަނބަލުން އުމުރުފުޅުން 95 އަހަރުވީ ސިއްތި ހަސްމާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފުލާގައި މަހާތީރު ވިދާޅުވީ އަލުން ގަދަވެގެން ހިނގައި ބިނގައި އުޅެވޭނެ ކަމަށްވެސް އަދި މަރުނުވެ ހުރެވޭނޭ ކަމަށްވެސް އުއްމީދު ނުކުރާ ކަމަށެވެ. މިއަދު ކޮޅަށް ހުރެ ހީނހީނފައި ވާހަކަ މިދެއްކެނީ މުއުޖިޒާތެއްފަދަ ނަސީބަކުން ކަމަށާއި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންވެސް ހަމަ މޮޅީ ކަމުގައި ވިދާޅުވިއެވެ.

މަހާތީރު ވިދާޅުވީ މި އޮޕަރޭޝަނަކީ ކުޑަ އަދި އާދައިގެ އޮޕަރޭޝަނެއް ނޫން ކަމުގައެވެ. އުމުރުން ސަތޭކަޔާ ގާތްވެފައިވާ އަޖޫޒު މުސްކުޅިޔަކު މިޒާތުގެ ނުރައްކާތެރި އޮޕަރޭޝަނަކަށްފަހު ހޭ އެރުމަކީވެސް ނާދިރު ކަމެއް ކަމުގައެވެ. މިކަމުން އެނގުނީ މެލޭޝިޔާގައި މޮޅު ޑޮކްޓަރުން އެބަތިބިކަމާއި މެލޭޝިއާގެ ހަސްފަތާލުތަކުގައި ޒަމާނީ ވަންތަކަން އެބަހުރިކަމުގައެވެ. މެލޭޝިޔާ މީހަކު ބޭސް ފަރުވާޔަށް ގައުމުން ބޭރަށް ދާން ނުޖެހޭނެކަން މިކަމުން ކަށަވަރުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މަހާތީރަކީވެސް ތަމްރީނާއި ތައުލީމުގެ ގޮތުން މެޑިކަލް ޑޮކްޓަރެކެވެ. އޭނާގެ މެޑިކަލް ޓީމަށް ޝުކުރު އަދާކުރެއްވުމުގެ ހަފުލާގައި ޑރ މަހާތީރު ވިދާޅުވީ ކޮންމެ ޑޮކްޓަރަކަށްވެސް 100 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ބޭނުންވި ކަމުގައެވެ. އެކަމަކު އަތުގައި އެވަރަށް ފައިސާ ނެތުމާއި އަދި ހުއްޓަސް އެގޮތަށް އިނާމު ދީފިނަމަ ރިޝްވަތު ދިނުމާއި ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުވެސް ކޮށްފާނޭކަމުގެ ބިރު އޮތުމުން އެޚިޔާލު ދޫކޮށްލީކަމަށް ވިދާޅުވިއެވެ.