ހޮލީވުޑްގެ ފިލްމީތަރި ބްރޫސް ވިލިސް ފިލްމު ކުޅުމާއި ދުރަށް ދާން ނިންމައިފިއެވެ.
ސިކުނޑިއަށް ޖެހިފައިވާ ''އެފޭސިއާ'' ކިޔާ ބައްޔެއްގެ ސަބަބުން ބްރޫސް ވިލިސް އޭނާގެ ދިގު ފިލްމީ ކެރިއަރާއި އަލްވަދާއު ކިޔަން ނިންމިކަން އިއުލާނުކޮށްފައިވަނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. މި ހަބަރު ހިއްސާކޮށްފައިވަނީ ބްރޫސްގެ ދަރިން ކަމަށްވާ ރޫމާ ވިލިސް، ސްކައުޓް، ޓެލޫލާ، މޭބެލް، އެވެލީން އާއި އަންހެނުން އެމާ އަދި ކުރީގެ އަންހެނުން ޑެމީ މޯ ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓެއްގައެވެ.
ބްރޫސްގެ އާއިލާއިން ކުރި ޕޯސްޓުގައި ބުނެފައިވަނީ 67 އަހަރުގެ ބްރޫސް އަށް ސިއްހީ މައްސަލަތަކެއް ދިމާވެ ޑޮކްޓަރަށް ދެއްކުމުން ''އެފޭސިއާ'' ބައްޔަށް ފަރުވާކުރަން ޖެހިފައިވާކަމަށް ބުނެފައިވާ ކަމަށެވެ. މި ބަލީގެ ސަބަބުން މީހުންނާއި މުއާމާލަތުކޮށް ހެދުމުގައި ދަތިތަކާއި ކުރިމަތިވާތީ ބްރޫސް ވަނީ ފިލްމީ ކެރިއަރާއި ދުރަށް ދާން ނިންމާފައިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ އެފޭސިއާގެ ސަބަބުން ވާހަކަ ދެއްކުމާއި ހަރަކާތްކުކުރުމަށް އަސަރުކުރެއެވެ. އެމެރިކާގެ ނޭޝަނަލް އެފޭސިއާ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ސިކުނޑިއަށް އަސަރުކުރާ މި ބަލީގެ ސަބަބުން ލިޔެކިޔުމަށާއި ވާހަކަދެއްކުމާއި ފަހުމުވުމުގައި ދަތިތަކާއި ކުރިމަތިވި ނަމަވެސް މި ބައްޔަކީ އޭގެ ސަބަބުން ވިސްނުން ކޮށިވުމަށް މަގުފަހިކުރުވާ ބައްޔެއް ނޫނެވެ. މި ބަލި ޖެހެން މެދުވެރިވަނީ ސިކުނޑިއަށް ލިބޭ ހާނިއްކައެއްގެ ސަބަބުންކަމަށާއި ގިނަ ފަހަރަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ބްރޫސް ވިލިސް އަށް މި ބަލި ޖެހުމަށް މެދުވެރިވި ސަބަބެއް އާއިލާއިން ބުނެފައިނުވާއިރު ބަލީގެ އަސަރުކޮށްފައިވަނީ ކިހާ މިންވަރަކަށް ކަމެއްވެސް އާއިލާއިން ބުނެފައެއް ނުވެއެވެ.
1985ވަނަ އަހަރު ފިލްމު ''މޫންލައިޓިންގް'' އިން މަޝްހޫރުވި ބްރޫސް ވިލިސް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ 1988ވަނަ އަހަރުގެ މަޝްހޫރު ފިލްމު ''ޑައި ހާޑް'' އިންނެވެ. އެ ފިލްމުގެ ގިނަ ސިކުއެލްތަކެއްގައި ހަރަކާތްތެރިވެފައިވާއިރު މީގެ ކުރިން އެކެޑެމީ އެވޯޑަށް ނޮމިނޭޓުވި 1994ވަނަ އަހަރުގެ ފިލްމު ''ޕަލްޕް ފިކްޝަން'' އަދި 1999ވަނަ އަހަރުގެ ''ސިކްސްތު ސެންސް'' ގެ އިތުރުން ''އާމެގެޑަން'' އަކީވެސް ބްރޫސް ވިލިސްގެ ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ.
ބްރޫސް ވިލިސް އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ނުކުތް ''އަ ޑޭ ޓު ޑައި'' އިންނެވެ. އަދި ކުރިއަށްވެސް އޭނާގެ ގިނަ މަސައްކަތްތަކެއް ހުރިކަމަށް އައިއެމްޑީބީން ރިޕޯޓުކޮށްފައިވާއިރު މީގެ ސަބަބުން އެ މަސައްކަތްތަކަށް އަސަރުކުރާނެކަމަށް ވަނީ ބެލެވިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން