ރޯދަ މަހާ ދިމާކޮށް ގެދޮރު ޒީނަތްތެރިކުރުމަށް ގަވާއިދާ ހިލާފަށް ގޮނޑުދޮށުން ވެލިނަގަމުންދާ މައްސަލަ އިތުރުވެފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިހާރަކަށް އައިސް މީހުން ދިރިއުޅޭ ރަށްރަށުންނާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި ފަޅުރަށްރަށުންނާއި ހިކިފައި ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބެމުންދާ ކަމަށެވެ.
އެގޮތަށް ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާ ކުރިމަތި ވަމުންދާ ކަމަށެވެ. އަދި ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ހަރަދު ބޮޑު އަދި އެހާމެ އުނދަގޫ ކަމެއް ކަމަށްވެސް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ގާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާ ބޭނުން ކުރުމާބެހޭ ގަވާއިދު" އަދި "ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" ގައި ބަޔާން ކޮށްފައިވާ އުސޫލާ އެއްގޮތަށް އެ އެޖެންސީން ހުއްދަ ދޭ ތަނަކުން ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމުގެ ބޭނުމުގައި މަނާ ސަރަހައްދުތަކުން ވެލިނަގަމުންދާ ކަމަށާއި އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް ކަނޑައަޅައި އެ މައުލޫމާތު ރަށްރަށުގެ ކައުންސިލަށް ފޮނުވާފައިވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
"އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި މިއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން ކައުންސިލްގެ ބެލުމުގެ ދަށުން ވެލި ނެގުމަށް އިލްތިމާސް ކުން. އަދި ގަވާއިދާ ހިލާފަށް ވެލިނަގާ ފަރާތްތަކާމެދު ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އެންގީމެވެ،" އީޕީއޭއިން ބުންޏެވެ.
"ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ދަށުން ބޮޑެތި އަދަދުތަކުން ޖޫރީމާނާކުރުމުގެ ބާރު އީޕީއޭއަށް ލިބިގެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު